ދައުލަތުގެ ދަރަނި އޮޅުން ނުފިލައި އޮވެދާނެ ކަމާއި ދަރަނި ބެލެހެއްޓުމުގެ މަސައްކަތް ގާނޫނާ އެއްގޮތަށް ނުހިނގާކަމަށް ގަބޫލު ނުކުރައްވާ ކަމަށް، ވިދާޅުވެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފިއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސަރުކާރުގެ ދަރަނި ރަނގަޅަށް ބަލަހައްޓަވަމުން ނުގެންދަވާތީ ދައުލަތުގެ ދަރަނި ސާފު ނުވާކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ބަހުސް ކުރުމަށްފަހު އެކަމާމެދު ގޮތެއް ނިންމުމަށް އިއްޔެ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުއްވިއެވެ. އެ ކޮމިޓީން އިއްޔެ ވަނީ، އެ މައްސަލައާ ގުޅިގެން މިނިސްޓަރު އަމީރުގެ އިތުރުން ކުރީގެ ފިނޭންސް މިނިސްޓަރުން ކަމަށްވާ، އަހުމަދު މުނައްވަރާއި އަބުދުﷲ ޖިހާދުގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމާއި އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ހާޒިރު ކުރަން ނިންމައިފައެވެ.

އެބޭފުޅުން ހާޒިރުކޮށްގެން މިއަދު ކުރިއަށްގެންދިޔަ ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދެއްކުމަށް މަޖިލީހުގެ ރައީސް އަދި ކޮމިޓީގެ މުގައްރިރު ރައީސް ނަޝީދު ދެއްވި ފުރުސަތުގައި ވާހަކަ ދައްކަަވަމުން، މިނިސްޓަރު އަމީރު ވިދާޅުވީ މަޖިލިސް ރައީސްގެ ތުހުމަތުތަކަށް އިންކާރު ކުރައްވާ ކަމަށެވެ.

"އަޅުގަނޑާ ސުވާލު ކޮށްފައިވަނީ 2013 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ދައުލަތް ދަރަނި ވެފައިވާ މިންވަރު އޮޅުން ނުފިލާކަމުން އަދި، ދައުލަތުގެ ދަރަނި ބެލެހެއްޓުމުގެ މަސައްކަތްތައް ކަމާބެހޭ ގާނޫނާ އެއްގޮތަށް ނުހިންގާތީ، އެ ދެކަމަށްވެސް މިހާރުގެ ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން އަޅުގަނޑު އިންކާރު ކުރަން،" އަމީރު ވިދާޅުވިއެވެ.

އިތުރު ތަފްސީލް ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ދައުލަތުގެ ދަރަނި ބެލެހެއްޓުމާބެހޭ ގާނޫނީ ޒިންމާތަކާ އެއްގޮތަށް މިހާރުގެ ސަރުކާރާއި ފިނޭންސް މިނިސްޓްރީން ނަގާފައިވާ ލޯނުތަކާއި ދީފައިވާ ސޮވެރިން ގެރެންޓީތައް ދީފައިވަނީ މާލިއްޔަތުގެ ގާނޫނާ މާލިއްޔަތުގެ ގަވާއިދާއި ހަރަދަށް ޒިންމާވާ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށެވެ.

ދަރަނީގެ ސަބަބުން ގައުމުގެ އިގްތިސާދަށާއި މާލިއްޔަތަށް ކުރާނެ އަސަރު ދިރާސާކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާން ޖެހޭ ކަމަށް މާލއިްޔަތުގެ ގާނޫނުގައި ބުނާ ކަމަށާއި މިހާތަނަށް ލޯނާއި ސޮވްރިން ގެރެންޓީ ދީފައިވާނީ އެގޮތަށް ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

ދައުލަތުގެ ދަރަނީގެ ސިޔާސަތު ތައްޔާރުކޮށް މަޖިލީހަށް ހުށަހެޅުމަށް ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި އޮންނަ ކަމަށާއި ގާނޫނުގައި ވާގޮތަަށް އެ ތައްޔާރުކޮށް މަޖިލީހަށް ހުށަހަޅަމުން ދާކަމަށާއި އެގޮތުން ކޮންމެ އަހަރެއްގެ ޖުލައި މަސް ނިމުމުގެ ކުރިން އެތަކެތި މަޖިލީހަށް ފޮނުވުމުގެ އިތުރުން އާއްމުކޮށް ޝާއިއުވެސް ކުރަމުން ގެންދާ ކަމަށް އަމީރު ވިދާޅުވިއެވެ.

އޭގެ އިތުރުން ގާނޫނުގެ ދަށުން ދައުލަތުން ނަގާފައިވާ ދަރަންޏާއި ގެރެންޓީ ދީފައިވާ ދަރަނި، އޭގެ ކުރީ އަހަރުގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 60 އިންސައްތައަށް ވުރެ އިތުރު ނުވާނެ ގޮތަށް ހިފެހެއްޓުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ދަރަނީގެ ޓްރާންސްޕޭރެންސީއާ މެދު ވެސް މަޖިލީހުގައި ސުވާލު އުފައްދާފައިވާ ކަމަށެވެ. ނަމަވެސް ވަކިވަކި ދަރަނީގެ މައުލޫމާތު އެނގޭ ގޮތަށް 12 ނޮވެމްބަރު 2018 އިން ފެށިގެން ފިނޭންސް މިނިސްޓްރީން އާއްމުކޮށް އަޕްޑޭޓް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

އޭގައިވެސް ދައުލަތުން ދީފައިވާ ގެރެންޓީ އާއި ނަގާފައިވާ ދަރަނީގެ މައުލޫމާތު ހިމެނޭނެ ކަމަށާއި ސީދާ ދަރަނީގެ މައުލޫތު ކޮންމެ އަހަރަކުވެސް ބަޖެޓުގައި ހާމަ ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

"ދައުލަތުގެ ހިސާބުތައް ބަލަހައްޓަމުންދަނީ އައިއެމްއެފް ޕަބްލިކް ސެކްޓާ ޑެޓް ސްޓެޓިސްޓިކްސް ގެ މިންގަނޑާ އެއްގޮތަށް. އަދި އެފަރާތުގެ ކުއާޓަލީ ޕީއެސްޑީގެވެސް އަދި ވޯލްޑް ބޭންކުގެވެސް ޑެޓް ރިޕޯޓިންގައިވެސް ޕަބްލިޝްކުރަމުން،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.