ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މުހައްމަދު މައުސޫމުގެ މައްޗަށް ހުށަހެޅުނު މައްސަލަތައް ބަލައި ނިންމާފައިވާނީ އޭނާއަށް ލިބިދޭން ޖެހޭ ކަމަށް ގާނޫނުން ކަނޑައަޅާފައިވާ ހުރިހާ ހައްގުތައް ފުރިހަމައަށް ދިނުމަށްފަހުގައި ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.
މައުސޫމުގެ މައްޗަށް ހުށަހެޅުނު ސުލޫކީ މައްސަލަތަކެއް ސާބިތު ވެ އޭނާ ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ޖޭއެސްސީން ހުށަހެޅީ މިދިޔަ ޖުލައި މަހުގެ 20 ވަނަ ދުވަހު އެވެ. ނަމަވެސް ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނިކޮށް މައުސޫމް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
މައުސޫމް ވަކިކުރަން ޖޭއެސްސީން ނިންމި މައްސަލަތަކަކީ ހދ. ހިރިމަރަދޫ ކޯޓުގައި މައްސަލައެއް ނިންމުމުގައާއި މަސްއޫލިއްޔަތު އަދާކުރުމުގައި މެޖިސްޓްރޭޓް މައުސޫމް ރިޝްވަތުގެ މުއާމަލާތްތައް ހިންގާފައިވާތީ އާއި އޭނާއަށް ލިބޭ މުސާރަ އާއި އިނާޔަތުގެ އިތުރަށް އޭނާގެ އެކައުންޓަށް ވަދެފައިވާ ގިނަ އަދަދެއްގެ ފައިސާއަކީ ނާޖާއިޒް ގޮތުގައި ލިބިފައިވާ ފައިސާކަން ސާބިތުވާތީ އެވެ.
އޭގެ އިތުރުން ވަޒީފާގެ މާހައުލުގައި އެކަށީގެން ނުވާ ބަހުރުވައިން މުވައްޒަފަކާ މުއާމަލާތު ކުރި ކަމަށާއި އެކަންކަމަކީ ޖިންސީ ފުރައްސާރައިގެ ސިފަ އެކުލެވޭ ކަންތައްތަކެއް ކަން ތަހުގީގަށް ސާބިތުވާ ކަމަށް ވެސް ޖޭއެސްސީން ބުނެ އެވެ.
މައުސޫމް އިސްތިއުފާ ދެއްވުމުން ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަނުން ފަނޑިޔާރުންގެ މައްސަލަތައް ބަލަނީ ފަނޑިޔާރުންގެ ތެރޭގައި ތަފާތުރުކުރުމެއް ނެތި ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެ ގާނޫނުއަސާސީ އާއި ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު އެއީ އަސާސްކަމުގައި ބަލައިގެން ކަމަށެވެ. ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން މައްސަލައެއް ސާބިތުވާ ކަމަށް ނިންމަނީ މައްސަލައާ ގުޅިގެން ލިބިފައިވާ ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ބަޔާނުގައި ވެއެވެ.
"އެގޮތުން، މުހައްމަދު މައުސޫމުގެ މައްޗަށް ހުށަހެޅުނު މައްސަލަތައް ބަލައި ނިންމާފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ހުރިހާ އިޖުރާއަތެއް ފުރިހަމަކޮށް، އެފަނޑިޔާރަށް ލިބިދޭންޖެހޭ ކަމަށް ގާނޫނުން ކަނޑައަޅާފައިވާ އެންމެހައި ހައްގުތައް ފުރިހަމައަށް ދިނުމަށްފަހުގައެވެ،" ޖޭއެސްސީގެ ބަޔާނުގައިވެ އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން