އެހެން ސިޔާސީ ބޭފުޅުންގެ ހަން ބޯފަދައިން، އެމަނިކުފާނުގެ ހަންވެސް ބޯކަމަށް ވިދާޅުވެ، ހައުސިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް، އެމްޑީޕީގައި ތިއްބެވި އެމަނިކުފާނާ އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވައިފިއެވެ.

އެހެން ވިދާޅުވެ މިނިސްޓަރު އަސްލަމް ރައްދު ދެއްވީ މިއަދުގެ މަޖިލިސް ޖަލްސާގައި އެމްޑީޕީގެ ބައެއް މެންބަރުން އެމަނިކުފާނާ ކުރެއްވި ސުވާލު ތަކާއި މަޖިލިސް ރައީސް ވިދާޅުވި ވާހަކަފުޅުތަކަށް އިޝާރާތް ކުރައްވައި ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ރައްޔިތުންގެ މަޖީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އަސްލަމްގެ ދާއިރާގައި ހިމެނޭ ކަންތައްތަކާ ބެހޭގޮތުން އެމްޑީޕީގެ މެންބަރުން ވަނީ ގިނަ ސުވާލުތަކެއް ކުރައްވައިފައެވެ. އެ ސުވާލުތަކަށް މިނިސްޓަރު ދެއްވަމުން ގެންދަވާ ޖަވާބާ ގުޅިގެން މަޖިލިސް ރައީސް ތަކުރާރު ކުރައްވައި، ރަނގަޅަށް ޖަވާބު ދެއްވުމަށް މިނިސްޓަރަށް އަންގަވަމުން ގެންދެވިއެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ނިޒާމީ މައްސަލަވެސް ނެންގެވިއެވެ.

އެކަމާ ހިތްހަމަޖެހިވަޑައިނުގެން، އަޑުގަދަ ކުރައްވައި ޝަރީފް ވިދާޅުވީ މިނިސްޓަރުން މަޖިލީހަށް ވަޑައިގެން ދެއްވާ ޖަވާބާ ގުޅިގެން، މަޖިލިސް ރައީސް އެހެން ކަންތައް ކުރެއްވުމުން ވާގޮތެއް އަދި ވާންވީ ގޮތެއްވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އެކަންތައްތައް ފާހަގަ ކުރައްވައި މިނިސްޓަރު އަސްލަމާ ސުވާލު ކުރައްވަމުން މެންބަރު ޖާބިރު ވިދާޅުވީ މެންބަރުން މިނިސްޓަރާ ސުވާލު ކުރައްވަމުން ގެންދަވާއިރު ޕާޓީ ތެރޭގެ ކޯޅުން ހުރިވަރު ފެންނަމުންދާ ކަމަށާއި މިނިސްޓަރު ނިސްބަތްވާ އަމިއްލަ ޕާޓީން ގަބޫލު ނުކުރާ ހިސާބަށް މެންބަރުންގެ ވާހަކަ ދެކެވިގެން ދާތަން ފެންނަ ކަމަށެވެ.

އެވާހަކައާއެކ، ތިން ސުވާލެއް ޖާބިރު މިނިސްޓަރާ ސުވާލު ކުރެއްވިއެވެ. އެއް ސުވާލަކީ، މުޅި ރާއްޖޭގެ ޕްލޭނެއް އެބަ އޮތްތޯ އާއި ޗައިނާގެ ހިލޭ އެހީއާއި ލޯނުގެ އެހީގައި ހިންގާ ޕްރޮޖެކްޓްތައް ނިމޭނީ ކިހާތާކުތޯ އާއި ޗައިނާ ސަރުކާރާއެކު ސަރުކާރުން އެކުލަވައިލި އެފްޓީއޭ ޕްރޮޖެކްޓް އޮތް ހިސާބަކާއި އެ ޕްރޮޖެކްޓް ތަންފީޒުކޮށް އޭގެ ފައިސާ ލިބޭނެ އިރަކީ ކޮބައިތޯއެވެ.

ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ޕާޓީ ތެރޭގައި ހުރި ދެބައިވުމާ ގުޅިގެން ދިމާވާ އެކަހަލަ ކަންތައްތަކާ ކަންބޮޑުވެވަޑައި ނުގަންނަވާ ކަމަށެވެ.

"އަޅުގަނޑަކީ ސިޔާސީ މަގާމެއްގައި ހުރި ސިޔާސީ މީހެއް. އަޅުގަނޑުމެންގެ އެތެރޭގައިވެސް ދެބަސްވާ ކަންކަން ހުންނާނެ. އަޅުގަނޑުގެ ހަންބޯ، އެހެން ހުރިހާ ސިޔާސީ ބޭފުޅުންގެ ހަން ބޯފަދައިން. އެހެންވީމާ އެއީ އަޅުގަނޑު މާބޮޑަކަށް އެކަމާ އެހާ ކަންބޮޑުވާ ކަމެއް ނޫން،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އެފްޓީއޭ ޕްރޮޖެކްޓާ ގުޅޭ ސައްހަ ޖަވާބެއް އެނގިވަޑައި ނުގަންނަވާ ކަމަށާއި ޗައިނާގެ އެހީގައި އެމަނިކުފާނުގެ ދާއިރާއިން ހިންގާ ބައެއް މަޝްރޫއުތައް ކުރިއަށްދާ ކަމަށެވެެ.