ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިންނަވައިގެން، ހުތުރުކޮށް ނޫޅުއްވުމަށް 100 ފަަހަރު ލިޔުއްވުމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެގޮތަށް ލިއުއްވުމަށް ޝަރީފަށް އެންގެވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ވަޒީރުންނާ ސުވާލު ކުރުމުގެ ވަގުތުގައި، ޕްލޭނިންގ އެންޑް ހައުސިން މިނިސްޓަރާ، މެންބަރުން ކުރެއްވި ސުވާލުތަކަށް މިނިސްޓަރު ޖަވާބު ދެއްވާއިރު، ހިތްހަމަ ޖެހިވަޑައިނުގެން، ތަކުރާރުކޮށް މަޖިލިސް ރައީސް މިނިސްޓަރާ ސުވާލު ކުރައްވަމުންގެންދާ މައްސަލައިގައި ޝަރީން ނިޒާމީ ނުކުތާނެންގެވުމާ ގުޅިގެންނެވެ.

ނިޒާމީ ނުކުތާ ނަންގަވައި ޝަރީފް ވިދާޅުވީ، މިނިސްޓަރުން މަޖިލީހަށް ވަޑައިގެން ދެއްވާ ޖަވާބާ ގުޅިގެން، މަޖިލިސް ރައީސް އެހެން ކަންތައް ކުރެއްވުމުން ވާގޮތެއް އަދި ވާންވީ ގޮތެއްވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އެހިސާބުން މަޖިލިސް ރައީސް ވަނީ ޝަރީފުގެ ވާހަކަ ހުއްޓުވައި މައިކު ކަނޑުއްވާ ލައްވައިފައެވެ. ނަމަވެސް އެކަމާ ހިތްހަމަޖެހިވަޑައިނުގެން ޝަރީފް އެއްޗެހުތަކެއް ކިއުއްވިއެވެ.

މައިކް ކަނޑާލާފައި ހުރުމުން ޝަރީފް ކިއުއްވިއެޗެއް ސާފެއް ނުވެއެވެ.

އެހެން މެންބަރުން މިނިސްޓަރާ ސުވާލު ކުރެއްވިއިރުވެސް ޝަރީފް އަޑުގަދަ ކުރެއްވިއަޑު އިވުނެވެ.

އޭގެ ފަހުން އެހެން މެންބަރަކަށް ފުރުސަތު ދެއްވަމުން މަޖިލިސް ރައީސް ވިދާޅުވީ، މިއަދުގެ ޖަލްސާގައި މެންބަރު ޝަރީފް އުޅުއްވީ ވަރަށް ހުތުރުކޮށް ކަމަށެވެ.

އެހެންކަމުން މަޖިލީހުގައި ހުތުރުކޮށް ނޫޅޭނެ ކަމަށް 100 ފަހަރު ލިޔަން ޝަރީފްއަށް އަންގަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.