ކޮވިޑާ ގުޅިގެން ހާލުގައި ޖެހުނު އާއިލާތަކުގެ ތެރެއިން ވަގުތީ ހިޔާގައި މިހާރު ތިބީ އެންމެ އާއިލާއެއް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ޔުމްނާ ވިދާޅުވީ، ކޮވިޑުގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ބޭނުންވެގެން އެދުނު މީހުންގެ ތެރެއިން ވަގުތީ ހިޔާއިން ދޫނުކުރެވި ވަނީ އެއް އާއިލާ ކަމަށެވެ.

"އެއް އާއިލާ އަދިވެސް އެބަތިބި އަޅުގަނޑުމެންނާއެކު ވަގުތީ ހިޔާގައި،" ޔުމްނާ ވިދާޅުވިއެވެ.

ޔުމްނާ ވިދާޅުވީ، ކޮވިޑުގެ ސަބަބުން 253 މީހަކަށް ޖެންޑާ މިނިސްޓްރީން ބޯހިޔާވަހިކަން ފޯރުކޮށްދިން ކަމަށެވެ. އޭގެ ތެރެއިން 240 މީހުން މިހާރު ރަށްރަށަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޔުމްނާ ވިދާޅުވީ، ކާބޯތަކެއްޗަށް ދަތިވި 553 މީހަކަށްވެސް ޖެންޑާ މިނިސްޓްރީއާއި އެހެނިގެން އިދާރާތައް ގުޅިގެން ކާބޯތަކެތި ފޯރުކޮށްދީފައިވާނެ ކަމަށެވެ. އަދި ކޮވިޑުގެ ހާލަތުގައި 15،000 އަށްވުރެ ގިނަ މީހުންނަށް ޖެންޑާ މިނިސްޓްރީ މެދުވެރިކޮށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެވުނު ކަމަށްވެސް ޔުމްނާ ވިދާޅުވިއެވެ.