ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރިއަށްގެންދާ އިންސްޕެކްޝަނުގައި ގަވައިދަށް ނުފެތޭ 258 ތަނެއް މިހާތަނަށް ބަންދުކުރެވިފައިވާ ކަމަށް އެ އެޖެންސީން ބުނެފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނަސީރު ވިދާޅުވީ، އެޗްޕީއޭއާއި ފުލުހުންގެ އިތުރުން މާލޭ ސިޓީ ކައުންސިލާއި ކަމާބެހޭ އެހެން އިދާރާތަކާ ގުޅިގެން ކުރިއަށްގެންދާ މާސް އިންސްޕެކްޝަންގައި މިހާތަނަށް 1545 ތަނެއް ބަލައި ފާސްކުރެވި، އޭގެ ތެރެއިން ގަވައިދަށް ނުފެތޭ 258 ތަނެއްގައި ބަންދު ނޯޓިސް ހަރުކޮށްފައިވާ ކަމަށެވެ.

"ގްރޭޓާ މާލޭ އޭރިއާގައި ޖުމްލަ 1545 ތަން ޗެކު ކުރެވި އޭގެ ތެރެއިން 258 ތަނެއް މިވަނީ ބަންދުކުރެވިފައި މި ގައިޑްލައިނާ ހިލާފުވެގެން،" ނަސީރު ވިދާޅުވިއެވެ.

ބަންދު ކުރެވުނު ތަންތަނުގެ ތެރޭގައި ހިމެނެނީ ކާބޯތަކެތީގެ ހިދުމަތްދޭ 92 ތަނަކާއި 107 ފިހާރައަކާއި 51 ސެލޫންގެ އިތުރުން ދެ ޖިމާއި ހަ މާރުކޭޓެވެ.

ނަސީރު ވިދާޅުވީ، ގައިޑްލައިނާ ހިލާފުވެގެން ބަންދު ކުރާ ތަންތަނުން ގައިޑްލައިނާ އެއްގޮތަށް ކަންކަން އިސްލާހުކުރުމަށް ފަހު އެޗްޕީއޭއަށް އެންގުމުން، އެޗްޕީއޭގެ އިންސްޕެކްޓަރުން ގޮސް އެތަން ބެލުމަށް ފަހު އަލުން ހުޅުވުމުގެ ހުއްދަ ދޭ ކަމަށާއި އެގޮތުން ބަންދުކުރި ތަންތަނުގެ ތެރެއިން މިހާތަނަށް ނުހުޅުވި ހުރީ ހަތް ތަނެއް ކަމަށެވެ.

މީގެ އިތުރުން ނަސީރު ވިދާޅުވީ، މާސް އިންސްޕެކްޝަންގައި އެންމެ ބޮޑަށް ފާހަގަވީ، ހިދުމަތް ހޯދަން އަންނަ ފަރާތްތަކުންވެސް އަދި ހިދުމަތްދޭ ފަރާތްތަކުންވެސް އެޗްޕީއޭގެ ގައިޑްލައިނަށް ފުރިހަމައަށް އަމަލު ނުކުރާ ކަން ކަމަށާއި އެގޮތުން ސާފުތާހިރުކަމުގެ މައްސަލަތައްވެސް ފާހަގަކުރެވުނު ކަމަށެވެ.