ދ. ކުޑަހުވަދޫން މާލެ އައި ބޯޓެއްގެ ފަޅުވެރިޔަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން "ވަން" އަށް ވިދާޅުވީ ކުޑަހުވަދޫން މާލެ އައި "ބަންކަރު އެކްސްޕްރެސް" ބޯޓުގެ ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެމީހާގެ ސާމްޕަލް ނަގާފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށްވެސް ތަސްލީމާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ބޯޓުގެ އިތުރު މީހެއްގެ ސާމްޕަލްވެސް ނަގާފައިވާ ކަމަށާއި އެއީ ރެންޑަމް ސާމްޕަލްތަކެއް ކަމަށެވެ. ނަމަވެސް ސާމްޕަލް ނެގި ދެވަނަ މީހާގެ ނަތީޖާ ތަސްލީމާ ހާމައެއް ނުކުރައްވައެވެ.

ތަސްލީމާ ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި ކުޑަހުވަދުއަށް ވަކި ފިޔަވަޅެއް އަޅަންޖެހޭ ކަމަށް ކޮންޓެކްޓް ޓްރޭސިން އިން ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

ކުޑަހުވަދޫން މާލެ އައި ބޯޓެއްގެ މީހަކު ޕޮޒިޓިވްވެފައިވާ އިރު، އިއްޔެ ވަނީ މާލެ ގެނައި މަހިބަދޫ މީހާގެ ފުރަތަމަ ސާމްޕަލް ޕޮޒިޓިވްވެފައެވެ. ނަމަވެސް އެމީހާގެ ދެވަނަ ސާމްޕަލް ވަނީ ނެގެޓިވްވެފައެވެ.