މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އާއި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އެއްްކޮށްލައި، މީޑިއާ ކޮމިޝަނެއް އުފައްދަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެޓާނީ ޖެނެރަލްއަށް ހުށަހަޅަން ފާސްކޮށްފިއެވެ.
މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުން އެގޮތަށް ފާސް ކުރީ، އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލުމުގެ މަަސައްކަތް ކުރިއަށްގެންދިއުމަށްޓަކައި އެކުލަވައިލި، ސަބް ކޮމިޓީން ހުށަހެޅި ހުށަހެޅުންތަކަށް ވޯޓަށް އަހައިގެންނެވެ.
މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ސަބްކޮމިޓީން ކުރި މަސައްކަތްތަކުން، ފާހަގަކުރެވުނު ނުކުތާތައް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހުށަހެޅުއްވީ، ސަބް ކޮމިޓީގެ މުގައްރިރު ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ.
މެންބަރު މުހައްމަދު އަބުދުﷲ ޝަފީގު ހުށަހެޅުއްވި ކަންތައްތަކުގެ ތެރޭގައި ހިމެނެނީ، ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު ރައީސުލްޖުމްހޫރިއްޔާ މެންބަރުން އައްޔަން ކުރާގޮތަށް، ފަސް މެމްބަރުން ހިމެނޭ މުއައްސަސާއެއް މީޑިއާ ކޮމިޝަންގެ ނަމުގައި އުފެއްދުމަށެވެ.
އެ ކޮމިޝަނު ޖަވާބުދާރީވާންޖެހޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި، މެމްބަރުން މަގާމުން ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ދޭ ގޮތަށް ވެސް ހިމަނައިފައިވެއެވެ.
ކޮމިޝަނަށް ލިބިގެންވާ ބާރުތަކުގެ ތެރޭގައި މީޑިއާތަކަށް ލައިސަންސް ދޫކުރުމާއި، ފިޔަވަޅު އެޅުމާއި މީޑިއާތައް އުވާލުން އެވެ.
މީގެ އިތުރުން މީޑިއާ ކޮމިޝަނަށް ލަފާދޭ ބޯޑެއް އެކުލަވާލުމަށްވެސް މެންބަރު ވަނީ ހުށަހަޅުއްވައިފައެވެ. އެއީ މީޑިއާތަކުގެ މެދުގައި އިންތިހާބު ކުރެވޭ މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑެއް ކަމަށްވެސް ހިމަނާފައިވެއެވެ. އެއީ ހަތް މެންބަރުން ހިމެނޭ ސިޓިންގް ބޯޑެއް ކަމަށާއި، މުސާރައިގެ ގޮތުގައި ދެވޭނީ ސިޓިންގް އެލަވަންސެއް ކަމަށްވެސް އެ ހުށަހެޅުމުގައި ވެއެވެ.
އެ މުއައްސަސާތައް އެކޮށްލުމަށްފަހު، އެ ތަންތަނުގެ މުވައްޒަފުން މީޑިއާ ކޮމިޝަނުގެ ދަށަށް ބަދަލުކުރަންވެސް ހުށަހެޅުމުގައި ހިމަނާފައިވެ އެވެ.
އެ ހުށަހެޅުންތައް އެޓާނީ ޖެނެރަލްއަށް ހުށަހަޅަން ކޮމިޓީން ފާސްކުރީ، އެ އޮފީހުން މިހާރު ކުރިއަށް ގެންދާ މީޑިއާ ކޮމިޝަނުގެ ގާނޫނުގައި އެކަންތައް ހިމެނުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު