ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަމުން ޒީނާ ޒާހިރު ވަކިކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ބްރޯޑްކޮމްގެ މެންބަރުކަމުން، ޒީނާ ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހުށަހެޅުއްވީ، ގަލޮޅު ދެކުނުދާއިރާގެ މެންބަރު މީކާއީލު އަހުމަދު ނަސީމެވެ.

މީކާއީލް ހުށަހެޅުއްވީ، ޒީނާ ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމުގައި މަޖިލިސް ރައީސް އިއުލާން ކުރެއްވުމަށްފަހު އެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

މީކާއީލްގެ އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ހެންވޭރު ދެކުނުދާއިރާގެ މެންބަރު ހުސެއިން ޝަހީމް އެވެ.

ކޮމިޝަންގެ މެންބަރުކަމުން ޒީނާ ވަކި ކުރުގެ މަސައްކަން މީގެ ކުރިންވެސް ކޮމިޓީން ކުރިއަށް ގެންދިޔައެވެ.

ނަމަވެސް އޭނާ އޭރު ހުންނެވީ ލީވެއްގައިކަމުން، ޖަވާބުދާރީ ކުރުވުމަށް ކޮމިޓީއަށް ހާޒިރު ނުކުރެވުމުގެ ސަބަބުން އެ މަސައްކަތް ވަކި ހިސާބުން އޮތީ ހުއްޓިފައެވެ.