ކުރީގެ ބައެއް މަޒުމޫނުތަކުގައިވެސް ބަޔާންކުރެވުނު ފަދައިން އަނެއްކާވެސް ބަޔާންކޮށްލަން ޖެހެނީ ދިވެހިރާއްޖޭގެ އެވޭލާ ޒަމާނުގެ ތާރީހާ މެދު ލިބެން ހުރި މައުލޫމާތުގެ މަދުކަމުގެ ވާހަކައެވެ. އަދި ލިބެން ހުރި މިފަދަ މައުލޫމާތުތަކަކީ އޭގެ މައްޗަށް އިތުރު އިލްމީ ދިރާސާތައްކޮށްގެން ފުރިހަމަކުރަންޖެހޭ މައުލޫމާތެވެ. މިގޮތުން އެވޭލާ ޒަމާނުގައި ދިވެހިން ގަބޫލުކުރި އަގީދާތަކުގެ މައްޗަށް ވާހަކަ ދެއްކުމަށްޓަކައި ހަރުދަނާ އިތުރު ދިރާސާއަށް ބޭނުންވެފައިވާކަމަކީ ޝައްކެއްއޮތްކަމެއް ނޫނެވެ. ދިވެހިރާއްޖޭގެ އެތަން މިތަނުން ފެންނަން ހުރި ބައެއް އާސާރުތަކުގެ އަލީގައި ދަންނަވާނަމަ އިހުގެ އެވޭލާ ދިވެހީންނަކީ ބުދުދީނުގެ އަހުލުވެރީންކަން އެނގެއެވެ. އެކި ރަށްރަށުން ފެނިފައިވާ މި އާސާރުތަކުގެ އިތުރުން އެވޭލާ ޒަމާނުގައި ދިވެހިން ގަބޫލުކުރި އަގީދާގެ މައްޗަށް ކިރިޔާވެސް އިތުރު އަލިކަމެއް ގެނެސްދޭ ކަމަކަށް އޮތީ ދޫތަކުން ނަގުލު ކުރަމުން އައިސްފައިވާ ތަފާތު އެކި ވާހަކަތަކެވެ. މިގޮތުން ފާހަގަކޮށްލެވޭ އަދި މަޝްހޫރު އެއް ވާހަކައަކީ ރަންނަމާރި ވާހަކައެވެ.
އާދެ ޒަމާނުއްސުރެ އެކެއްގެ ދުލުން އަނެކެއްގެ ދުލުން އަޅުގަނޑުމެންނާއި ހަމައަށް ވާރުތަވެފައިވާ ރަންނަމާރި ވާހަކައަކީ ރާއްޖެ އިސްލާމްވި ހާދިސާއާ ގުޅުވައިގެން ކިޔަމުން އަންނަ ރާއްޖޭގެ ފޯކުލޯރުގެ ތެރޭގައި ހިމެނޭ ފުލޯކު ވާހަކައެކެވެ. ރާއްޖޭގެ ތާރީހު ދިރާސާކުރެއްވި ސްޕެއިންގެ ބޭކަލެއްކަމުގައިވާ ޒެވިޔަރ ރޮމީރިޔޯ ފްރިއާސް (2003) ދެކެވަޑައިގަންނަވާ ގޮތުގައި ރަންނަމާރި ވާހަކައަކީ ދިވެހިން ބުދުދީނަށް ތަބާވުމުގެވެސް ކުރީގެ ވާހަކައެކެވެ. އެއީ ދިވެހިރާއްޖޭގައި އިހުގައި ވަޒަންވެރިވެ އުޅުނު ޑްރެވީޑިޔަނުންގެ އަގީދާގެ މައްޗަށް ރާއްޖެ އޮތް ދުވަސްވަރުގައި ޑްރެވީޑިޔަނުންގެ މީހުން ގަބޫލުކުރި އެމީހުންގެ އެންމެ ބޮޑު ކަލާނގެކަމުގައިވުންވެސް އެކަށީގެންވާކަމަށް ޒެވިޔަރ ދެކެވަޑައިގަންނަވައެވެ. ޑްރެވީޑިޔަނުންގެ މީހުންނަކީ އެބައިމީހުންގެ އަންހެނުންނަށް ވަރަށް ބޮޑު ގަދަރެއްދީގެން އުޅުނު ބައެކެވެ. އެބައިމީހުން އަޅުކަން ކުރަން ބޭނުންކުރާ އެބައިމީހުންގެ ގިނަ ކަލާނގެތަކަކީވެސް އަންހެން ކަލާނގެތަކެކެވެ. މިގޮތުން ދިވެހިރާއްޖޭގައި އިހު އެވޭލާ ޒަމާނުގައި އުޅުނު މީހުންވެސް މިފަދަ އަންހެން ކަލާނގެތަކަށް އަޅުކަންކޮށް އުޅުނެވެ. މިގޮތުން ރަންނަމާރި އަކީ އެވޭލާ ދިވެހީންގެ އަޅުކަންކުރި ކަލާނގެތަކުގެ ތެރެއިން އެންމެ ބޮޑު ކަލާނގެއެވެ. އެއީ ކަނޑަށް ހާއްސަ ކަލާނގެއެވެ. ދިވެހިރާއްޖޭގެ ރަށްތަކުގެ ވަށައިގެން އޮތީ ކަނޑުކަމަށްވެފައި އަދި ދިވެހިރާއްޖޭގެ ސަރަހައްދުގެ ބޮޑު ބައިގައި އޮތީ ކަނޑުކަމަށްވާތީ ކަނޑަށް ހާއްސަ ކަލާނގެއަކު ވާނީ އެޒަމާނުގެ ދިވެހީންގެ އެންމެ ބޮޑު ކަލާނގެކަމުގައެވެ. މިއަދުވެސް ދެކުނު އިންޑިޔާގެ ހިންދޫންގެ ތެރޭގައި ހާއްސަކަމެއް ދެވިފައިވާ އެމީހުންގެ ފެނުގެ ކަލާނގެ ނަމަކީ މާރިއަންމަން އެވެ. މާނައަކީ މަންމަ މާރިއެވެ. އަޅުގަނޑުމެންގެ ކާބަފައިން ކިޔައި އުޅުނީ ރަންނަމާރިއެވެ. މާނައަކީ އެންމެ ބޮޑު މަތިވެރި މާރިއެވެ. އެންމެ ބޮޑު ބަނޑޭރިއަށްވެސް ރަންނަ ބަނޑޭރިއޭ ކިޔައި އުޅުނީމެއްނޫންތޯއެވެ. ޑްރެވީޑަނުންގެ ގާތުގައި ތަފާތު އެކި މާރިތައްވެއެވެ. ހަމަ އެހެންމެ ޗަންޑިއާއި ޗާމުންޑިއާއި ކައްދޭވިއާއި މިފަދަ އެތަކެއް ނަމަކުން ހާއްސަވެފައި އަދި ހާއްސަ ސިފަތަކެއް ދީގެން އުޅުނު ކަލާނގެތަކެއްވެއެވެ. އެ ނަންތަކާ މެދު އަޅުގަނޑުމެން ވިސްނާލާއިރު މިފަހަކާ ޖެހޭންދެންވެސް ދިވެހީންގެ ގަބޫލުކުރުންތަކުގެ ތެރޭގައި ހިމެނޭ ހިޔާލީ ޒާތްޒާތުގެ ރޫހާނީ ތަކެތިކަމަށް ބަލައިއުޅޭ ތަކެއްޗަށް ކިޔާ ނަންތަކާ ނުހަނު އެއްގޮތްކަން ފާހަގަކުރެވެއެވެ. އާދެ ޗަންޑިއަކީ ހަންޑިއެވެ. ޗާމުންޑިއަކީ ހާމުންޑިއެވެ. ކައްދޭވިއަކީ ކައްޑެވިއެވެ. ދިވެހިބަހަށް ޒަމާނާއެކީ އައި ބަދަލުތަކުގެ ތެރޭގައި އިހު ޗަވިޔަނިންނާއި ސީނުން ހުރި ވަރަށް ގިނަ އަޑު ހާއަށް ބަދަލުވެފައިވެއެވެ. އެގޮތުން ޗަންޑިއާއި ޗާމުންޑި ހަންޑިއާއި ހާމުންޑިއަށް ބަދަލުވީއެވެ.
ރަންނަމާރިއާއި ހަންޑި ހާމުންޑީގެ ވާހަކައާ މެދު ވިސްނައި ބެލުމުންނާއި އެކި ރަށްރަށުން ފެންނަން ހުރި ބުދުކޯލުތަކުން ފެންނާން ހުރި ކަންކަމަށް ބަލާލުމުން އެވޭލާ ދިވެހީން ބުދުދީނަށް ވަނުމުގެ ކުރިން ތަބާވެގެން އުޅުނު ދީނަކީ ހިންދޫންގެ ދީންކަން އެނގެއެވެ. މީގެ އިތުރުން ދިވެހިންގެ އެވޭލާ ރަސްކަމުގެ އެންމެ ބޯދާ އާއިލާއަށް ސޯމަވަންސަ ދަރިކޮޅުގެ ނަމުން ނަންދީފައިވާތީއާއި މި ފަހަކާ ޖެހޭންދެން ދިވެހި ރަސްރަސްކަލުންގެ ކޮލީ ނަންފުޅުން ފެނުނު ކައްތިރި ފަދަ ނަންތަކަކީ ހިންދޫ ދީނާ ގުޅިފައިވާ ނަންތަކެއްކަން އެނގެއެވެ. ރާއްޖޭގައި ހުރި ބުދުދީނުގެ ފައްޅިތައް ވަޅުލެވިފައި ހުރި އުސްތުނބުތައް ކޮނެ ދިރާސާކުރި ނޯވޭގެ ރައްޔިތެއްކަމުގައިވާ ތޯ ހައިދާލް ބުނެފައިވާ ގޮތުން އެ ވެލިފުނިތަކުގެ ދަށުގައި ހުރި ބުދު ދީނުގެ ފައްޅިތައް ބުދުދީނުގެ އަހުލުވެރީން ބޭނުންކުރުމުގެ ކުރިން އެތަންތަނަކީ އޭގެ ކުރިން އެހެން ދީނެއްގެ ފައްޅިތަކެއް ހުރި ތަންތަން ކަމަށް ދޭހަވާކަމަށެވެ. އެހެނީ އެތަންތަނުގެ ފާރުތަކުގައި ފޮރުވިފައިވާ އިތުރު ފަށަލައެއްވާކަމެވެ. އަދި އެ ފަށަލަތަކުގައިވަނީ އިރު ފަދަ ތަކެތީގެ ރަމްޒުތައްކަމެވެ. މިތަންތަން ފެނުމުން ތޯ ހައިދާލް ނިންމާފައިވަނީ އެފަދަ ތަންތަން އިމާރާތްކުރިކަމަށް ދިވެހިންގެ ފޯކުލޯރުގައި ކިޔާ ރެދިންނަކީ އެމެރިކާބައްރުގެ މާޔަން ސިވިލައިޒޭޝަނަށް ނިސްބަތްވާ މީހުންކަމުގައެވެ. އެހެންނަމަވެސް ރާއްޖޭގެ ތާރީހު ދިރާސާކުރެއްވި ގިނަ ބޭކަލުން ވަނީ ތޯ ހައިދާލުގެ މި ނަޒަރިއްޔާތަށް ފާޑުވިދާޅުވެއެވެ. އެބޭކަލުންގެ ނަޒަރުގައި މާޔަން ސިވިލައިޒޭޝަންގެ މީހުން ގަބޫލުކުރި "ސަން ގޮޑެސް" (އިރުގެ ކަލާނގެ) އާއި ރާއްޖޭގެ އިހުގެ އާސާރުތަށްކަމަށްވާ ހަވިއްތަ ފަދަ ތަންތަނުން ފެނުނު އިރުގެ ނިޝާނާ އެއްވެސް ގުޅުމެއްނެތް ކަމަށެވެ. ޒެވިޔަރ (2003) ދެކެވަޑައިގަންނަވާ ގޮތުގައި އެއީ ދިވެހިން އިހު ގަބޫލުކުރި ހިންދޫ ދީނުގެ އަސަރުތަކެކެވެ.
ތާރީހުގެ ފުން މާޒީގެ ތެރެޔަށް ފިކުރު ހިންގާލުމުން ފެނިގެންދަނީ ޑްރެވީޑިޔަނުންގެ އަގީދާގެ މައްޗަށް ރާއްޖެ އޮތްޒަމާނަކާއި އަދި އޭގެ ފަހަށް ބުދުދީނުގެ މައްޗަށް ރާއްޖެ އޮތްޒަމާނެކެވެ. މިގޮތުން ރަންނަމާރިއަކީވެސް ބުދުދީނަށް ދިވެހީން އެނބުރުމުގެވެސް ކުރީގެ ވާހަކަޔެއްކަމުގައި ބެލެވެއެވެ. އަދި އެވޭލާ ޒަމާނުގައި ބުދުދީނުގެ ކުރީގައި ރާއްޖޭގައި އޮތީ ހިންދޫ ދީންކަން ޝައްކެއްނެތް މިންވަރަށް ޔަގީންވެއެވެ. ދިވެހީން ގަބޫލުކުރަމުން އައި ދެވިތަކަކީ މިކަމަށް އޮތް ހެތްކެކެވެ. ރާއްޖޭގެ މި ފަހުގެ ތާރީހާ ހަމަޔަށްވެސް ދިވެހީންނަކީ އެކި ޒާތްޒާތުގެ ރޫހާނީ ތަކެއްްޗާއި ކަންކަމަށް ވަރަށް ބޮޑަށް އީމާންވެގެންތިބި ބަޔެކެވެ. މި ގަބޫލުކުރުންތަކަކީ އިހުއެވޭލާ ހިންދޫދީނުގެ ޒަމާނުއްސުރެ ގަބޫލުކުރަމުން އައި ތަކެއްޗާއި ކަންކަމެވެ. ހިންދޫ ދީނުގެ ޒަމާނުގައި އެއީ ކަލާނގެތަކެއް ކަމަށް ބަލައިގެން އެތަކެއްޗަށް އަޅުކަންކުރީއެވެ. ބުދުދީނަށް އެނބުރުމަށްފަހު އެތަކެތިވީ ނުބައިވެގެންވާ ރުހާނީބާރުތަކެއް ކަމުގައެވެ. އަދި ހަމަ އެހެންމެ އިސްލާމްދީނުގެ ހިދާޔަތް ލިބުމަށްފަހުވެސް ޒަމާނުއްސުރެ އަގީދާގައި ހަރުލާފައި ހުރި އެތަކެތި އެގޮތުގައި ދެމިގެން އައެވެ. މިފަހަރު ޖިންނި ޝައިތާނުންގެ ތެރެއިން ވާ އެއްޗެހިތަކެއް ކަމުގައެވެ. މިހާރުވެސް ދިވެހީންގެ ތެރޭގައި ދެވިތަކާއި ހަންޑި، ހާމުންޑި ފަދަ ތަކެތި ގަބޫލުކުރާ މީހުން އުޅޭނެއެވެ. އެތަކެއްޗަކީ ދިވެހީންގެ ހިތުގެ އަގީދާގެ ތެރޭގައި ބިންވަޅުނެގިފައިވާ ތަކެއްޗެވެ. އަދި އިސްލާމްވުމަށްފަހުގައި ދެވީގެ ލިސްޓަށް މިސްކިތްދާރަ، ހެއިމޫސަ ފަދަ އާ ނަންތަކެއްވެސް އަރާފައިވެއެވެ. ދިވެހީން ގަބޫލުކޮށްއުޅުނު ދެވިތަކުގެ ތެރޭގައި ބުއްޑެވި، ރަވޯ، އޮޑިތާންކަލޭގެ، ހެއިމޫސަ، މިސްކިތްދާރަ، ހަންޑި، ހާމުންޑި، ވިގަނި، ކުޑަފޫޅު، އިފުރިންފަރާ، އޮޑިވަރުރެއްސި، މުޅަދެވި، ކިއްސައްޑެވި، ބަބުރުކަލޯ، ދޯނގިއައިހާ ފަދަ ތަކެތި ފާހަގަކޮށްލެވެއެވެ.
ދިޔަމިގިލީ ބަންޑާރައިންގެ ދަރިކަލުން އިބްރާހީމް ރަސްގެފާނުގެ ޒަމާނުގައި، އެއީ 1720 އާއި 1750 އާ ދެމެދުގައި އުޅުއްވި ދަންނަބޭކަލެއް ކަމަށްވާ ހާޖީ އެދުރުކަލޭގެފާނު ދިވެހީންގެ ބޯދާ ގަބޫލުކުރުންތަކުގެ ތެރޭގައި ހިމެނުނު ދެވިތަކާއި ބެހޭގޮތުން އަރަބިބަހުން ޅެމެއް ހެއްދެވިއެވެ. މިޅެން މަޝްހޫރުވެގެންވަނީ ހާޖީ އެދުރުކަލޭގެފާނުގެ ޅެންބައިގެ ގޮތުގައެވެ. ތިރީގައި މި ނަކަލުކޮށްލަނީ އެ ޅެމާއި، ދިވެހި ތާރީޚު ދިރާސާކުރެއްވި އިލްމުވެރިގެން ތެރޭގައި ހިމެނުނު އަލްމަރްހޫމް މުހައްމަދު ވަހީދު ނަދުވީ ކުރައްވާފައިވާ އެ ޅެމުގެ ތަރުޖަމާއެވެ.
އިސްވެ ބާޔާންކުރެވުނު ވާހަކަތަކުގެ އަލީގައި ދިވެހިރާއްޖޭގައި އެންމެ އިހު އެވޭލާ ދީނެއްގެ ގޮތުގައި ފާހަގަކުރެވެނީ ހިންދޫދީނެވެ. އެހެންނަމަވެސް މީލާދީން 1153 ގައި ދިވެހިރާއްޖޭގެ ރަދުން އިސްލާމްވެވަޑައިގެންނެވި އިރު މުޅި ރާއްޖެއަށް ފެތުރިފައި އޮތް ދީނަކީ ބުދުދީނެވެ. މިކަން ދިވެހިރާއްޖޭގެ ކަންކޮޅުތަކުން ފެންނަން ހުރި އާސާރުތަކުންނާއި ލިޔެކިޔުންތަކުންނާއި ދޫދޫމަތިން ނަގުލުކުރެވެމުން އައި ވާހަކަތަކުން އެނގެއެވެ. އެހެންނަމަވެސް ދިވެހިރާއްޖެއަށް ބުދުދީން އައި ވަކި ތާރީހެއް ސީދާ އެނގޭކަށް ނެތެވެ. ދިވެހިރާއްޖެއަށް ބުދުދީން އައިކަމަށް ބެލެވޭ އެއް ގޮތަކީ ސަލާމްލެއްވި އީސާގެފާނުގެ މީލާދުގެ ދެގަރުނެއްވަރު ކުރީން އިންޑިޔާ ސަރަހައްދުގެ އެމްޕަރަރއެއް ކަމަށްވާ އަޝޯކާ އޭޝިޔާ ބައްރަށް ބުދުދީން ފެތުރުއްވެވި އިރުއެވެ. އަނެއް ގޮތަކީ ސިލޯނުން ރާއްޖެއަށް ހިޖުރަކުރި ބޮޑު ޖަމާއަތެއްގެ ބަޔަކު އެބައިމީހުން ގަބޫލުކުރި ބުދުދީން ހިފައިގެން މިތަނަށް އައީ ކަމުގައެވެ. ނޫނީ އެނޫން އެހެން ގޮތަކުން ކަމަށްވެސް ވެދާނެއެވެ. ޖެހެނީ އިތުރަށް ދިރާސާކުރާށެވެ.
ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ހުރި އިހުއެވޭލާ ޒަމާނަށް ނިސްބަތްކުރެވޭ ގާފުނިތަކާއި، އުސްގަނޑުގަނޑުތައް ފަދަ ތަފާތު ތަންތަން ކޮނެ ބެލިބެލުމުން އެތަންތަނަކީ ބުދުދީނުގެވެސް ކުރީކޮޅަށް ނިސްބަތްކުރެވޭ ތަންތަން ކަމުގައި އެނގިގެން ގޮސްފައިވެއެވެ. މިގޮތުން މީގެ ތެރެއިން އެއް ތަން ކަމުގައިވާ އަރި އަތޮޅު ތޮއްޑޫ ބޮޑުގާފުންޏޭ ކިޔުނު ތަން ކޮނެ ބެލިބެލުމުން އެނގި ހާމަވެގެން ގޮސްފައިވަނީ އެތާނގައި ހުރީ ބުދުދީނުގެ ސްޓޫޕާއޭ ނުވަތަ ދާގަބާއޭ މިކިޔާ ވައްތަރުގެ ތަނެއްކަމެވެ. އަދި އެއީ އިންޑިއާއި ސިލޯނުގައި ހުރި ބުދު ދީނުގެ އެވޭލާ ޒަމާނުގެ ފައްޅިތަކުގެ ފަރުމާއަށް ހެދިފައިވާ ތަނެއްކަމުގައި ތޮއްޑޫގެ މި ގާފުނި ކޮނުނު އިރު ފެނިފައިވާ އިމާރާތާއި ބުދާއި އެހެނިހެން ތަކެތީގެ ފޮޓޯތައް ބެއްލެވުމަށްފަހު ސިލޯނުގެ އިސް އާކިއޮލޮޖިސްޓުންގެ ތެރޭގައު ހިމެނުނު ޕްރޮފެސަރު ޑރ. ޕަނަރަވިތާނާ ވިދާޅުވެފައިވެއެވެ. ތޮއްޑޫން ފެނުނު މި ދާގަބާ ދިރާސާކުރެވުނީ ރާއްޖޭގެ ތާރީހު ކޮމެޓީގެ ފަރާތުން 1958 ގައި ތޮއްޑުވަށް ގޮހެވެ. އޭގެ ކުރިން މީލާދީން 1922 ގައި ސިލޯނުގެ އިނގިރޭސި ސަރުކާރުގެ ފަރާތުން ރާއްޖޭގެ ކަންކަން ދިރާސާ ކުރައްވަން ވަޑައިގެންނެވި އެޗް.ސީ.ޕީ ބެލްވެސް ވަނީ މިފަދަ ގާފުނިތައް ބައްލަވައި ދިރާސާކުރެއްްވުމަށްފަހު އެއީ ބުދުދީނުގެ ތަންތަންކަމަށް ލިޔުއްވާފައެވެ. މީގެ އިތުުރުން ދިވެހިރާއްޖެ އިސްލާމްވިތާ ކުރީކޮޅުގައި ލިޔެފައިވާ ލޯމާފާނުތަކުންވެސް ދިވެހިރާއްޖޭގައި އިސްލާމްވުމުގެ ކުރިން އިހު އޮތް ދީނަކީ ބުދުދީންކަން އެނގެއެވެ. ބުދުދީނުގެ އަސަރުތައް ދިވެހިރާއްޖޭގެ ރަށެއްގެ ގޮތުގައި އިހުގައި އޮތް މަލިކުންވެސް ފެނިފައިވެއެވެ. އަދި ހަމަ އެހެންމެ ރާއްޖޭގެ ހުރިހާ އަތޮޅަކުންމެ ބުދުދީނުގެ އަސަރުތައް ވަނީ ފެނިފައެވެ. އެހެންކަމުން ދިވެހިރާއްޖެ އިސްލާމްވުމުގެ ކުރީގައި މުޅި ދިވެހިރާއްޖޭގައި އޮތް ދީނަކީ ބުދުދީންކަން އަޅުގަނޑުމެންނަށް އެނގިފާޅުވެއެވެ.
ކޮންމެއަކަސް މީލާދީން 1153 ވަނަ އަހަރު ދިވެހިރާއްޖޭގެ ރަސްކަމުގެ ތަހުތުގައި ވޮޑިގެން އިންނެވި ދުނެއި ކަލަމިންޖާ ސްރީ ބުވަނާދީއްތަ މަހާރަދުން ރާއްޖެވަޑައިގެން ހުންނެވި މެދުއިރުމަތީގެ މުސްލިމް ދަންނަބޭކަލެއްގެ އަތްޕުޅު މައްޗަށް އިސްލާމްވެވަޑައިގެން ބުދުދީނުގެ ދައުލަތަކުން ދިވެހިރާއްޖެއަކީ އިސްލާމީ ދައުލަތަކަށް ބަދަލުކުރައްވައި ދިވެހިރާއްޖޭގެ ކަންކޮޅުތަކަށް އިސްލާމްދީން ފެތުރުއްވުމުގެ މަސައްކަތްކުރެއްވިއެވެ. ދިވެހިރާއްޖޭގެ ރަދުން އެބޭކަލެއްގެ އަތްޕުޅު މައްޗަށް އިސްލާމްވެވަޑައިގެންނެވި ބޭކަލަކީވެސް އެބޭކަލެއްގެ ނަމުގެ މައްޗަށް ތާރީހީ ބޮޑެތި ބަހުސްތައް ކުރެވެމުންދާ ބޭކަލެކެވެ. އެއްބަޔަކު އެއީ ފާރިސްކަރައިގެ ސަރަހައްދުގައި އޮތް ތަބްރީޒޭ ކިޔުނު ރަށަކުން ވަޑައިގެންނެވި ޔޫސުފުއް ތަބްރީޒީކަމަށް ބުނާއިރު އަނެއް ބަޔަކު ބުނަމުން ގެންދަނީ އެއީ މަގްރިބްކަރައިގެ ޔޫސުފުލް ބަރްބަރީއޭ ކިޔުނު ބޭކަލެއް ކަމުގައެވެ. މިކަމުގައި އަޅުގަނޑުގެ ރައުޔަކީ ތަބްރޭޒީގެފާނުކަމަށް ބުނާ ރައުޔެވެ. އެހެންނަމަވެސް މިއަދުގެ މައުލޫގެ ތެރޭގައި އެނަމުގެ ބަހުސްކުރަން ވެއްޖެނަމަ މަޒުމޫނުގެ މައުލޫ އޮޅި މާދިގުވެދާނެކަމަށް ބަލާފައި ކުރުކޮށްލީއެވެ.
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު