އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް މުކަރްޖީ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އުމުރުފުޅުން 84 އަހަރުގެ ޕްރަނާބް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވް ވިކަން އެނގިވަޑައިގަތީ އެހެން ޕްރޮސީޖާއަކަށް މިއަދު ހޮސްޕިޓަލަށް ވަޑައިގެން ހެއްދެވި ޓެސްޓަކުން ކަމަށެވެ. މިދިޔަ ހަފްތާ ތެރޭގައި ކޮންޓެކްޓުވި އެންމެން އެކަހެރިވެ ކޮވިޑަށް ޓެސްޓު ކުރެއްވުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

އިންޑިއާގެ ރައީސްކަން 2012 އިން 2017 އަށް ކުރެއްވި ޕްރަނާބް ކޮވިޑަށް ޕޮޒިޓިވް ވި އިރު، ހޯމް މިނިސްޓަރު އަމިތު ޝާހް ހިމެނޭ ގޮތަށް އިންޑިއާ ބައެއް އިސް ސިޔާސީ ބޭފުޅުންވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ދުނިޔެއިން އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ޕޮޒިޓިވް ވި ތިން ވަނަ ގައުމަކީ އިންޑިއާއެވެ. އެގައުމުން މިއަދުގެ ނިޔަލަށް 22 ލައްކަ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު 44،000 އަށްވުރެ ގިނަ މީހުން އެބަލީގައި ވަނީ މަރުވެފަ އެވެ.