ރާއްޖޭގައި ކޮވިޑް 19އަށް ފަރުވާ ހޯދަމުންދިޔަ އިތުރު 13 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 13 މީހަކު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ 2804 އަށް އަރާފައިވާ ކަމަށެވެ.

އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ 143 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 107 ދިވެއްސަކާއި ބަންގުލަދޭޝްގެ 28 މީހަކާއި އިންޑިއާގެ ހަ މީހަކާއި ނޭޕާލްގެ ދެ މީހެކެވެ.

މި ކޭސްތަކާއެކު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 5041 އަށް އަރައިފިއެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 1478 މީހަކު ތިބި އިރު، ހޮސްޕިޓަލުތަކުގައި 140 މީހަކު އެބަ ތިއްބެވެ.

މިދިޔަ ހަފުތާއަށް ބަލައިލާ އިރު، މިދިޔަ އާދީއްތަ ދުވަހު 215 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިދިޔަ ހޯމަ ދުވަހު 129 މީހުން ޕޮޒިޓިވްވެފައިވާ އިރު، މިދިޔަ އަންގާރަ ދުވަހު ޕޮޒިޓިވްވީ 153 މީހުންނެވެ. މިދިޔަ ބުދަ ދުވަހު 148 ކޭސް، ބުރާސްފަތި ދުވަހު 86 ކޭސް، ހުކުރު ދުވަހު 89 ކޭސް ފެނިފައިވެއެވެ. އަދި އިއްޔެ ޕޮޒިޓިވްވީ 129 މީހުންނެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 19 މީހަކު ވަނީ މަރުވެފައެވެ. އެއީ 14 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ 12 ދިވެއްސަކު ހިމެނެއެވެ.