ކޮވިޑާ ގުޅިގެން އެކި ފަހަރުމަތިން ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ބަޔާންތަކާއި އެންގުންތައް ބިނާވެފައިވާނީ އެކިއެކި ކަންކަމާ ގުޅޭގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމާ ނިންމުންތަކުގެ މައްޗަށް ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ވަނީ އެ މިނިސްޓްރީން ވަކި ގޮތެއް އަންގަންދެން ރިސޯޓުތަކާއި ފަތުރުވެރިންނަށް ހިދުމަތްދޭ ފެސިލިޓީސްތަކުގައި ދިވެހިން ޗުއްޓީ ހޭދަކުރުމަކީ މަނާކަމެއް ކަމަށް ނިންމައިފައެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެ މިނިސްޓްރީއަށް ވަނީ އަމާޒުވެފައެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ކޮވިޑާ ގުޅިގެން އެކި ފަހަރުމަތިން މި މިނިސްޓްރީން ނެރެފައިވާ ބަޔާންތަކާއި އެންގުންތައް ބިނާވެފައިވަނީ އެކިއެކި ކަންކަމާ ގުޅޭގޮތުން އެޗްޕީއޭ އިން ނިންމާފައިވާ ނިންމުންތަކަށް ކަމަށެވެ. އެހެންކަމުން ޓޫރިސްޓް ފެސިލިޓީތަކުގައި ޗުއްޓީ ހޭދަކުރެވޭނީ އެޗްޕީއޭ އިން ކަނޑައަޅާފައި އޮންނަ އުސޫލުން ކަމަށް ބުނެފައިވެއެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާފައިވާ އިރު، ރިސޯޓުތަކުން އަމަލު ކުރަންޖެހޭ ގައިޑްލައިނެއް އެޗްޕީއޭ އިން ވަނީ އާންމުކޮށްފައެވެ.

އެގޮތުން ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަންނަ ފަތުރުވެރިއަކު ހުންނަންޖެހޭނީ އޭނާ ރާއްޖެ އައުމުގެ ކުރިން ހުންނަ ހަމަޖައްސައި ބުކިން ހަދާފައިވާ ރިސޯޓުގައެވެ. އަދި އެއް ރިސޯޓުން އަނެއް ރިސޯޓަށް އެ ފަތުރުވެރިއަކަށް ނުދެވޭނެއެވެ. މީގެ އިތުރަށް ހިދުމަތްދޭ ރިސޯޓުތަކުގައި ސޭފްޓީ ޕްލޭނެއް އެކުލަވާލާފައި އޮންނަން ޖެހޭނެ ކަމަށާއި އަދި މަސައްކަތްކުރާ މުވައްޒަފުންނަކީ ކޮވިޑް ޕްރޮޓޮކޯލްތަކަށް ތަމްރީނުވެ، ޕީޕީއީ ބޭނުންކުރާ ގޮތް ދަސްކޮށްދީފައިވާ ބަޔަކަށް ވާންޖެހޭނެއެވެ.