އެނބުރި ގައުމަށް ދާން ބޭނުންވާ ކަމަށް ބުނެ ބިދޭސީންތަކެއް ގަލޮޅު ދަނޑު ކައިރީ މުޒާހަރާ ކޮށްފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ގަލޮޅު ދަނޑު ކައިރިއަށް ބިދޭސީ މަސައްކަތްތެރިންތަކެއް މިއަދު ވަނީ އެއްވެފައެވެ. ނަމަވެސް އެމީހުން މިހާރު އެސަރަހައްދުން ފޮނުވާލާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މިކަމާ ގުޅިގެން "ވަން" އަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ ބިދޭސީން ތަކެއް އެ ސަރަހައްދުގައި މުޒާހަރާ ކޮށްފައިވަނީ އެނބުރި ގައުމަށްދާން ބޭނުންވާ ކަމަށް ބުނެ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ޝަމާއު ވިދާޅުވިއެވެ.

ފަހަކަށް އައިސް އެކި މައްސަލަތަކާ ގުޅިގެން ގިނަ އަދަދެއްގެ ބިދޭސީން ދަނީ މުޒާހަރާ ކުރަމުންނެވެ. އެގޮތުން މުސާރަ ނުދޭ މައްސަލައެއްގައި މިދިޔަ މަސް ތެރޭ އެކި ފަހަރު މަތިން ހުޅުމާލޭގައި ބިދޭސީން މުޒާހަރާ ކޮށްފައި ވެއެވެ. މިފަދަ މުޒާހަރާއެއްގައި ހިނގި ހަމަނުޖެހުމެއްގައި ފުލުހުންނަށް އަނިޔާވެސް ވެފައި ވެއެވެ.

މީގެ އިތުރުން ބޮޑު ފޮނިޅުގައި މަސައްކަތް ކުރި ބިދޭސީންނަށް އުޖޫރަ ނުލިބޭތާ ގިނަދުވަސް ވުމުގެ ސަބަބުން ހިނގި ހަމަނުޖެހުމުގައިވެސް ބައެއް ފުލުހުންނަށް އަނިޔާ ވެފައި ވެއެވެ. މި ހާދިސާގައި ހަމަނުޖެހުން ހިންގި ބިދޭސީން ވަނީ ދިވެހިންތަކެއް ރަހީނުވެސް ކޮށްފައެވެ.