ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތުގެ ދަށުން ހުޅުމާލޭގެ ސެލޫންތަކާއި ސްޕާ ވިޔަފާރިތަކުން ހަތް ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނީ އެ މުއައްސަސާގެ ޓާސްކްފޯސްތަކުން އިއްޔެ ހުޅުމާލޭގެ ސެލޫންތަކާއި ސްޕާ ވިޔަފާރިތައް އިންސްޕެކްޓްކޮށްފައިވާ ކަމަށެވެ.

އެ އިންސްޕެކްޝަންގައި 8 ތަނެއް ޗެކްކޮށް 26 ބިދޭސީން ޗެކްކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ހަތް ބިދޭސީއަކު އިމިގްރޭޝަނުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ރައީސް އޮފީހުގައި މި އަހަރުގެ މެއި 12 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވަނީ ނުގަވައިދުން އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 57 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށެވެ.

8 ސެޕްޓެމްބަރު 2026: ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތުގެ ދަށުން ހުޅުމާލޭގެ ސެލޫންތަކާއި ސްޕާ ވިޔަފާރިތައް ބަލައިފާސްކުރުން --- ފޮޓޯ/ އިމިގްރޭޝަން

މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މިހާތަނަށް 242 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި އަދި 102 ތަނެއް ބަންދު ކޮށްފައިވާ ކަމަށެވެ. އަދި ބިދޭސީންނާ ގުޅޭ 409 ނުވަ ޝަކުވާއެއް ވެސް ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ ބަންދު ކުރި ތަންތަނުގެ ތެރެއިން 57 ތަނަކީ ނުގަވާއިދުން ހިންގަމުންދިޔަ ވިޔަފާރިތައް ކަމަށެވެ. އަދި ބަންދުކުރި ތަންތަނުގެ ތެރޭގައި 45 ސެލޫން އަދި ސްޕާ ހިމެނޭ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވެފައިވަނީ ބަންދު ކުރި ތަންތަނުގެ ތެރެއިން ކުދި ކުދި މައްސަލަތަކާ ގުޅިގެން ރަނގަޅުކުރަން ޖެހޭ ކަންކަން ރަނގަޅު ކުރުމުން 61 ތަން އަލުން ހުޅުވަން ހުއްދަ ދީފައިވާނެ ކަމަށެވެ.

އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން، 2023 ނޮވެމްބަރު 17 އިން މިއަހަރުގެ ޖޫން 13 ވަނަ ދުވަހުގެ ނިޔަލަށް 12،552 މީހުން އަނބުރާ ގައުމަށް ފޮނުވާލާފައިވެއެވެ. އިމިގްރޭޝަނުން ޑީޕޯޓްކުރި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ މީހުންނާއި ޑޮކިއުމަންޓުތައް ފުރިހަމަ ނޫން މީހުން ގިނަ އަދަދަކަށް ހިމެނޭ ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެއެވެ.

ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ހިންގާ އޮޕަރޭޝަން ކުރަނގީގެ ދަށުން ދެ ލައްކައަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފައެވެ. އަދި އަންނަ އަހަރުން ފެށިގެން އެއްވެސް ގޮތަކަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުސަތަކާ ނުލައި ޑީޕޯޓު ކުރާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.