މޯލްޑިވްސް އިމިގްރޭޝަނުން ސްޕާއެއް ރެއިޑްކޮށް ހައްޔަރުކުރި މައްސަލައިގައި ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންގޮސްފިއެވެ.

މި މައްސަލައަކީ، ލެވެންޑިސް ސެލޫން އެންޑް ސްޕާ މަރަމާތައް ބަންދު ކޮށްފައި ވަނިކޮށް، ރައްޓެހިންނާއެކު ކަނަކްޕޮން ތަވޮންގްނާ ކިޔާ މީހަކު 11 ޑިސެމްބަރު 2025 ވަނަ ދުވަހު ކެއްކުމެއްގެ މަސައްކަތުގައި އުޅެނިކޮށް ކޯޓު އަމުރެއްނެތި މޯލްޑިވްސް އިމިގްރޭޝަނުން އެތަނަށް ވަދެ ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކޮށް، ހުޅުމާލެ ޑިޓެންޝަނުގައި ބަންދު ކުރި މައްސަލައެވެ.

އިމިގްރޭޝަންގެ މައްޗަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ކަނަކްޕޮން ބުނެފައިވަނީ، ކުށެއް ނުކުރަނީސް އަދި ރާއްޖޭގައި ހުރުމުގެ ހުއްދަ ބާތިލު ވެފައި ނުވަނީސް އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ކަމަށް ބުނެ އޭނާއަށް އަޅާފައިވާ ފިޔަވަޅަކީ، ގާނޫނާ އެއްގޮތަށް އަޅާފައިވާ ފިޔަވަޅެއްނޫން ކަމަށެވެ.

އެހެންކަމުން އެ މައްސަލައިގައި ކޯޓުގައި އޭނާ އެދުނީވެސް އެއީ ގާނޫނާ އެއްގޮތަށް އޭނާއާ މެދު އެޅި ފިޔަވަޅެއްނޫން ކަމަށް ކަނޑައަޅައިދިނުމަށެވެ.

އޭގެ އިތުރުން އޭނާ ހައްޔަރުކޮށް ބަންދުކޮށްފައި ވަނީ ކުށެއް ކޮށްގެން ކަމަށް ތުހުމަތު ކުރާއިރު، އިނގިރޭސި ބަހުން ލިޔަން ކިޔަން ނޭނގޭއިރު، އޭނާ ޑިޓެންޝަނަށް ގެންދިއުމާއެކު ސްޕޮންސަރުގެ ގައިރު ހާޒިރުގައި އަދި ތަރުޖަމާނަކާ ނުލައި ބަޔާނެއްގައި ސޮއިކޮށްފައިވަނީ ގާނޫނާ ހިލާފަށް ލިބިދޭން ޖެހޭ ހައްގުތައް އެންމެ އެކަށީގެންވާ ގޮތުގައި ލިބިދީގެން ނޫންކަމަށް ކަނޑއަޅައިދިނުމަށްވެސް އެދިފައިވެއެވެ.

މި މައްސަލަޔާ ގުޅިގެން ދައުވާގެ ދިފާއުގެ ރައްދުގެ ޖަވާބު އިމިގްރޭޝަނުން ހުށަހަޅައި ބަޔާން ބަދަލު ކުރުމުގެ މަރުހަލާ ނިމިފައި ވަނިކޮށް، މަދަނީ އިޖުރާއަތުގެ ގަވާއިދުގެ ދަށުން ދައުވާ ނުވަތަ ދައުވާއިން ބައެއް އަނބުރާ ގެންދިއުމަށް އެދި ހުށަހަޅާ ފޯމުން އެ މައްސަލަ އަނބުރާ ގެންދިއުމަށް އެދި ކަނަކްޕޮން ގެ ފަރާތުން ކޯޓަށް ހުށަހެޅިއެވެ.

ދައުވާ އަނބުރާ ގެންދަން އެދޭ ސަބަބެއް ކަމަށް އޭނާ ބުނެފައިވަނީ އިމިގްރޭޝަނުން އޭނާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލައި އޭނާއަށް ގެއްލިފައިވާ މިނިވަންކަން ލިބިދީފައިވާތީ އެ ދައުވާ ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށެވެ.

އެ ދައުވާ އަނބުރާ ގެންދިއުމަށް ދައުވާ ލިބޭ ފަރާތް ކަމަށްވާ އިމިގްރޭޝަނުން އިއުތިރާޒު ނުކުރާތީ މި ދައުވާ އަނބުރާ ގެންދިޔަ ކަމަށް ސިވިލް ކޯޓުން އިއްޔެ ވަނީ ހުކުމް ކޮށްފައެވެ.