ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ނަޕޯލީ ބަލިކޮށް ބާސެލޯނާއިން ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ރޭ ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު ނާޕޮލީ އަތުން 3-1 ން މޮޅުވި އިރު، ނާޕޮލީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 1-1 ން އެއްވަރު ވެފައިވާތީ އެގްރިގޭޓުން ބާސާއަށް ކުރި ލިބުނީ 4-2 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގެ 10 ވަނަ މިނެޓުގައި ބާސާއިން ވަނީ މެޗްގެ ލީޑު ނަގައިފައެވެ. މި ލަނޑު ބާސާއަށް ކާމިޔާބުކޮށްދިނީ އިވާން ރަކިޓިޗް ނަގައިދިން ކޯނަރަކުން ޑިފެންޑަރު ކްލެމެންޓް ލޯންގްލޭއެވެ.

އޭގެ މާގިނަ އިރުތަކެއް ނުވެ މެޗުގެ 23 ވަނަ މިނެޓުގައި ބާސާގެ ކެޕްޓަން ލިއޮނެލް މެސީ ވަނީ އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ. ބާސާއިން މެޗުގެ 30 ވަނަ މިނެޓުގައި އިތުރު ލަނޑެއް ކާމިޔާބުކުރި ނަމަވެސް، ކެޕްޓަން މެސީގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ނިންމައި ވީޑީއޯ އެސިސްޓެންޓް ރެފުރީ (ވީއޭއާރް) އިން ވަނީ އެ ލަނޑު ބާތިލުކޮށްފައެވެ.

ބާސާއިން ޖެހި ތިންވަނަ ލަނޑަކީ މެސީއަށް އޭރިއާ ތެރެއިން ނާޕޮލީގެ ޑިފެންޑަރު ކަލިދޫ ކޫލިބަލީ ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އަކުން ކާމިޔާބު ކުރި ގޯލެކެވެ. މި ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ފޯވާޑް ލުއިސް ސުއަރޭޒްއެވެ.

ބާސާއިން ތިންވަނަ ގޯލު ކާމިޔާބު ކުރިތާ ހަތަރު މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން ލޮރެންޒޯ އިންސީނިއޭ ވަނީ ނަޕޯލީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައެވެ. ނަޕޯލީއަށް ޕެނަލްޓީ ދިނީ އޭރިއާ ތެރެއިން އެ ޓީމުގެ ފޯވާޑް ޑްރީސް މާޓެންސްއަށް ބާސާގެ މިޑްފީލްޑަރު އިވާން ރަކިޓިޗް ފައުލް ކުރުމާއި ގުޅިގެންނެވެ.

ރޭގެ މެޗުން މޮޅުވެ ބާސާ އިން ޗެމްޕިއަންސް ލީގުގެ ކުއާޓާއަށް ދަތުރުކުރިއިރު، ކުއާޓާގެ މެޗުތައް އަންނަ ބުދަ ދުވަހުގެރޭ ފެށުމަށް ވަނީ ނިންމައިފައެވެ. ޕޯޗުގަލްގެ ވެރިރަށް ލިޒްބަންގައި ކުޅޭ ކުއާޓާގައި މި މަހުގެ 13 ވަނަ ދުވަހު އެޓާލާންޓާ އާއި ޕީއެސްޖީ ބައްދަލު ކުރާއިރު 14 ވަނަ ދުވަހު އާރުބީ ލެއިޕްޒީގް އާއި އެތުލެޓިކޯ މެޑްރިޑް ބައްދަލު ކުރާނެއެވެ. އަދި 15 ވަނަ ދުވަހު ބާސެލޯނާ އާއި ބަޔާން މިއުނިކް ބައްދަލު ކުރާއިރު މެންޗެސްޓާ ސިޓީ އާއި ލިޔޯންގެ މެޗް އޮންނާނީ މިމަހުގެ 16 ވަނަ ދުވަހު އެވެ.