މިދިޔަ 24 ގަޑިއިރު ތެރޭ 129 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 4898 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 93 ދިވެއްސަކާއި ބަންގުލަދޭޝްގެ 26 މީހަކާއި އިންޑިއާގެ ނުވަ މީހެއް އަދި ނޭޕާލްގެ މީހެއް ކަމަށެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 37 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 2791 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 2088 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 1481 މީހަކު އެބަ ތިއްބެވެ. އަދި ހޮސްޕިޓަލުތަކުގައި 144 މީހަކު އެބަ ތިއްބެވެ.

މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ކޭސްތަކުގެ އަދަދުތައް އުޅެނީ 100 އިން މަތީގައެވެ. ނަމަވެސް މިދިޔަ ދެ ދުވަހު ފެނުނު ކޭސްތަކުގެ އަދަދު 100 އިން ދަށުގައި ހުރި އިރު މިއަދު އަނެއްކާވެސް ވަނީ 100 އިން މައްޗަށް އަރައިފަ އެވެ.

މި ހަފުތާއަށް ބަލައިލާ އިރު، މިދިޔަ އާދީއްތަ ދުވަހު 215 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިދިޔަ ހޯމަ ދުވަހު 129 މީހުން ޕޮޒިޓިވްވެފައިވާ އިރު، މިދިޔަ އަންގާރަ ދުވަހު ޕޮޒިޓިވްވީ 153 މީހުންނެވެ. އަދި މިދިޔަ ބުދަ ދުވަހު 148 ކޭސް، ބުރާސްފަތި ދުވަހު 86 ކޭސް އަދި އިއްޔެ 89 ކޭސް ފެނިފައިވެ އެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 19 މީހަކު ވަނީ މަރުވެފައެވެ. އެއީ 14 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ 12 ދިވެއްސަކު ހިމެނެއެވެ.