މާލޭ ސިޓީގައި ދެމުން އަންނަ ބަހުގެ ހިދުމަތް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތްތައް ނައިބު ރައީސް ފައިސަލް ނަސީމު މިއަދު ބައްލަވާލައްވައިފިއެވެ.

މާލެ ސަރަހައްދުގެ އާންމު ދަތުރުފަތުރުގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން ބަސް ދުއްވާ މަގުތަކުގައި ފަސިންޖަރުން އަރައި ފޭބުމަށް ހާއްސަ ކޮށްފައިވާ ބަސްހުއްޓިތައް ހެދުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދުތަކަށް ނައިބު ރައީސް މިއަދު ވަނީ ޒިޔާރަތްކުރައްވައިފަ އެވެ.

އެގޮތުން އާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން އަލަށް ބަސްހުއްޓިތައް ހަދާ ސަރަހައްދުތަކަކީ އައިޖީއެމްއެޗާއި ވެސްޓްޕާކާއި ހިރިޔާ ސްކޫލު އަދި ތާޖުއްދީން ސްކޫލް ސަރަހައްދެވެ.

ރައީސް އޮފީހުން ބުނީ، މިއަދު ކުރެއްވި ޒިޔާރަތުގައި އާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި މާލެ ސިޓީ ކައުންސިލުގެ އިސް ބޭފުޅުންނާ ނައިބް ރައީސް ބައްދަލުކުރައްވައި، ބަސްހުއްޓިތައް ހަދާ ސަރަހައްދުތަކުގެ ޕާކިން އާއި އެ ސަރަހައްދަކީ ހިތްފަސޭހަ ސަރަހައްދަކަށް ހެދުމަށް ކުރަންޖެހޭ ކަންކަމާގުޅޭ ގޮތުން ނައިބު ރައިސް މަޝްވަރާ ކުރެއްވި ކަމަށެވެ.

‎މީގެ އިތުރުން މާލެ ސިޓީގައި ދެމުން އަންނަ ބަހުގެ ހިދުމަތަކީ ގިނަ ބަޔަކަށް ބޭނުން ހިފޭނެ ގޮތަށް ފަރުމާކުރެވިގެން ދެވޭ ހިދުމަތެއްގެ ގޮތުގައި ކުރިއަށް ގެންދެވުމަށާއި އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެ ހިދުމަތް ފުޅާވެގެންދާއިރު މާލޭގެ ކާރުބާރު ބޮޑު ސަރަޙައްދުތަކަށް ލުޔެއް ހޯދައިދޭނެ ފަދަ ހިދުމަތަކަށް ހެދުމާ ގުޅޭގޮތުން ވެސް ކަމާގުޅޭ އިދާރާތަކާ ނައިބު ރައީސް މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

‎މިއަދުގެ ޒިޔާރަތުގައި ނައިބު ރައީސްއާއެކު އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީއާ މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުސާ އަލިމަނިކާއި ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ނަސީމާއި އަހްމަދު ސަމީރު ބައިވެރިވެ ވަޑައިގެންނެވި އެވެ.