ވިޔަފާރި ކުރާ ހުރިހާ ތަނެއްގައި ސީސީޓީވީ ކެމެރާ ހަރު ކުރަން މަޖުބޫރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ގޮވާލައްވައިފި އެވެ.

ހައިތަމް މިފަދައިން ގޮވާލައްވައި ޓުވީޓު ކުރައްވާފައިވަނީ މާލޭގައި ބޭސްފިހާރައަކަށް ދިޔަ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައާއި ގުޅިގެންނެވެ.

އެގޮތުން ސީސީޓީވީ ކެމެރާއަކީ ވިޔަފާރި ކުރާ ހުރިހާ ތަނެއްގައި ހުންނަން ޖެހޭ އެއްޗެއް ގޮތުގައި ނިންމައި ވިޔަފާރި ކުރުމަށް ހުއްދަ ދިނުމުގައި އެކަމަށް ބެލުމަށް ހައިތަމް ގޮވާލެއްވިއެވެ. މިހާރު ހުއްދަ ދީފައިވާ ވިޔަފާރިތަކަށް އެކަށިގެންވާ މުއްދަތެއްގެ ތެރޭގައި ކެމެރާ ހަރުކުރުމަށް ބާރު އަޅަންޖެހޭ ކަމަށް ދެކި ވަޑައިގަންނަވާ ކަމަށް ވެސް ހައިތަމް ވިދާޅުވިއެވެ.

މީގެ އިތުރުން ފާމަސީ ކަހަލަ ތަންތަނަކީވެސް އެއްވެސް ހާލަތެއްގައި ދޫކޮށްލައިގެންވާނޭ ތަނެއް ނޫން ކަމަށް ހައިތަމް ވިދާޅުވިއެވެ.

މާލޭގައި ބޭސްފިހާރައަކަށް ދިޔަ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ތަހުގީގުކުރަން ފެށިކަމަށް ފުލުހުން ބުނެފައިވަނީ އިއްޔެ އެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ 50 އަހަރުގެ ބިދޭސީ މީހެއް ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ރޭ މައުލޫމާތު ދީފައި ވެއެވެ.