ރާއްޖޭގެ ސިއްހީ ނިޒާމު ފެއިލް ވެފައިވާ ކަމަށްބުނެ، ހެލްތު މިނިސްޓްރީއަށް ބޮޑެތި ތުހުމަތުތަކެއްކޮށް ބައެއް ޑޮކްޓަރުންނާއި ސިއްހީ ދާއިރާގައި ގިނަދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް ބޮޑެތި ކަންބޮޑުވުންތަކެއް ހުށަހަޅައިފިއެވެ.
ރާއްޖޭގެ ސިއްހީ ނިޒާމާބެހޭގޮތުން ހުރި ކަންބޮޑުވުންތައް ދިވެހި ޑޮކްޓަރުންތަކެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަނީ ހުށަހަޅުއްވައިފައެވެ.
އެހެންކަމުން ކޮވިޑް 19 އާ ގުޅިގެން އާންމު ސިއްހަތުގެ ކަންތައްތައް ހެލްތު މިނިސްޓްރީން ކުރިއަށް ގެންގޮސްފައިވާ ގޮތާއި މިހާރު ކަންކަން ކުރިއަށްގެންދާ ގޮތާއި ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތް ދެނެގަނެ އެކަންކަން ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއާ ހަވާލު ކުރެއްވެވިއެވެ.
އެ މަސައްކަތް ދިރާސާ ކުރުމަށް ކޮމިޓީން މިއަދު ފެށި މަަސައްކަތުގެ ދަށުން ކޮމިޓީން ވަނީ ޑޮކްޓަރުންނާ ބައްދަލު ކޮށްފައެވެ.
މި ބައްދަލު ކުރެއްވުމުގައި ޑރ. ހުސެއިން މާހިރު އާއި ޑރ. އިޝްހާގު ޝަފީގު އާއި ހަދީޖާ އަބުދުސަމަދު އަބުދުﷲ ގެ އިތުރުން ހަފީޒާ އަލީ އާއި ޑރ. މުހައްމަދު ޝާފީ އަދުލް މުއީނު ވަނީ އެ ބޭފުޅުންގެ ކަންބޮޑުވުންތައް ކޮމިޓީއަށް ހުށަހަޅުއްވައިފައެވެ.
އެ ހުރިހާ ޑޮކްޓަރުންގެ ފަރާތުން ސިއްހީ ދާއިރާގެ މައްސަލަތައް ކޮމިޓީއާ ހިއްސާ ކުރައްވަމުން، ހަފީޒާ އަލީ ވިދާޅުވީ 45 ވަރަކަށް އަހަރު ދުވަސް ވަންދެން ސިއްހީ ދާއިރާގެ އެކި ހިސާބުތަކުގައި މަސައްކަތް ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން ވަރަށް ބޮޑު އަސަރުތަކެއް ކޮށްފައިވާ ކަމަށާއި، ރާއްޖޭގެ އިނދަޖެހިފައިވާ ސިއްހީ ނިޒާމު ކޮޅަށް ޖެހުމަށް އަމިއްލަ އިސް ނެންގެވުމުގެމަތިން މަސައްކަތް ފެއްޓެވީ އެހެންވެގެން ކަމަށެވެ.
އެހެންކަމުން ހުސްއެކަނި ކޮވިޑް 19 ގެ ބަދަލުގައި ހަފީޒާ ފާހަގަ ކުރެއްވީ ރާއްޖޭގެ މުޅި ސިއްހީ ނިޒާމުގައި ހުރި މައްސަލަތަކެވެ. އޭނާ ވިދާޅުވީ، އެކަންކަމާ ނުލައި ރަނގަޅު ސިއްހީ ހިދުމަތެއް ފޯރުކޮށް ނުދެވޭ، މުހިއްމު މަގާމުތަކެއް އަދިވެސް އޮތީ ހުހަށް ކަމަށެވެ.
އެގޮތުން ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސްގެ މަގާމު އޮތީ ހުހަށް ކަމަށާއި ރަނގަޅު ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމަށް އެއީ ވަރަށް މުހިއްމު މަގާމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެމަގާމުގައި މީގެ ކުރިިން މީހަކު ހުރިނަމަވެސް މިސަރުކާރު އައި ފަހުން އެ މަގާމު ހުސްކޮށް އޮތުމުގެ އިތުރުން އެ ފަންކްޝަންވެސް ނެތް ކަމަށާއި އެ މަސައްކަތް އެއްވެސް ފަރާތަކާ ހަވާލުކޮށްފައިވެސް ނެތް ކަމަށެވެ.
"ޓެކްނިކަލް ހުރިހާ މަސައްކަތެއްގެ ޑިޒިޝަން ނެގުމާއި ލަފާ ދިނުމާއި މަޝްވަރާ ދިނުމާއި ހުރިހާ ކަމެއްކުރާ މަގާމަކީ ޑިރެކްޓާ ޖެނެރަލް. އެމަގާމުގައި ހުންނަވަން ޖެހޭނީ ވެސް ސްޕެޝަލައިޒްޑް ޑޮކްޓަރެއް، އެމަގާމަށް މީހަކު ނުވަނީ އެއީ ސިވިލްސާވިސް މަގާމަކަށް ވެފައި މުސާރަ ދަށްވެފައި މަސްއޫލިއްޔަތު ބޮޑުކަމުން،" ހަފީޒާ ވިދާޅުވިއެވެ.
ދެވަނަ މަގާމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މަގާމެވެ.
މިހާރު އެބައިގައި ޑރ. ޝާހު ކޮންމެވެސް ވަރަކަށް މަސައްކަތް ކުރެއްވި ނަމަވެސް، އެއީވެސް މީހަކު ބޭނުންވާ މަގާމެއް ކަމަށް ހަފީޒާ އަލީ ވިދާޅުވިއެވެ. އަދި ތެލަސީމިޔާ ސެންޓަރާއި ލޭއެޅުމުގެ ބައިތަކުގައި ހުންނަން ޖެހޭ އެންމެ އިސްމީހާ ކަމަށްވާ ޑިރެކްޓާ ޖެނެރަލް އޮފް ނެޝަނަލް ބްލަޑް ސާވިސަސްގެ މަގާމުގައި ވެސް މީހަކު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ހަފިޒާ ވިދާޅުވީ ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސް އަކީ ވެސް ގާނޫނު ލާޒިމުކުރާ މަގާމެއް ކަމަށާއި އެމަގާމުވެސް އުފައްދައިފައި ނުވާ ކަމަށެވެ.
"އެއީ ރާއްޖޭގެ މުޅި ސިއްހީ ނިޒާމުގެ ކޮލިޓީ އާއި ސައްހަކަން ގާއިމްކޮށްދޭ، އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ގާއިމްކޮށްދީ އެކަން ދަމަހައްޓާ މީހާ، ކޮމިޝަނާ އަކީ ސިވިލް ސާވިސް މަގާމެއް ނޫން. ނަމަވެސް މިހާރު ވަނީ ސިވިލް ސާވިސް މަގާމެއްގެ ގޮތުގައި އެމަގާމު އިއުލާން ކޮށްފައި،" ހަފިޒާ ވިދާޅުވިއެވެ.
ތެލަސީމިއާ އާއި ލެއާ ގުޅުން ހުރި މައްސަލަތަކުގައި ކުޑަކުދިންނަށް ބޭސްފަރުވާ ކުރުމުގައި ޒިންމާ ނަގަން ހުންނަ ހިމަޓޮލިޖިސްޓްގެ މަގާމުގައި ވެސް މީހަކު ނެތް ކަމަށާއި އެއީވެސް ގާނޫނު ލާޒިމްކުރާ މަގާމެއް ކަމަށް އޭނާ ވިދާޅުވިއެވެ
"މި މަގާމުތަކާ ނުލައި ރަނގަޅު ސިއްހީ ހިދުމަތެއް ފޯރުކޮށެއް ނުދެވޭނެ،" ހަފީޒާ ވިދާޅުވިއެވެ.
ހަފީޒާ ވިދާޅުވީ ހެލްތު މިނިސްޓްރީގެ މަސައްކަތްތައް ހިންގުމަށް ހަދާފައިވާ ޕޮލިސީތަކާއި ގައިޑްލައިންތައް މިހާރު ވީތަނެއް އެނގޭ މީހަކު ނެތް ކަމަށެވެ.
"އެ މަސައްކަތްތައް ބަލާނެ މީހަކު ނެތުމުން މަސައްކަތުގެ ޒިންމާ ނުނެގުން އެކައުންޓިބިލިޓީއެއް ނެތް، މަސައްކަތުގެ ފުރިހަމަ ޒިންމާ ނުނެގުން، ބައެއް މުވައްޒިފުންގެ ފޭވާއަށް ބައެއް ކަންކަން އެއްކޮށް ދޫކޮށްލާފަ އޮންނަނީ. އެގްޒެކްޓިވް ލެވެލެއެއްގެ ބައްދަލުވުންތަކެއް މިނިސްޓްރީއަކު ނުބޭއްވޭ، މިނިސްޓަރު ސިޔާސީ ބޭފުޅުންނާ ވެސް މަހަކު އެއްފަހަރު ކީއްކުރަން ދެމަހުން އެއްފަހަރު ވެސް ބައްދަލެއް ނުކުރައްވާ، މަޝްވަރާކޮށް ކުރިއަކަށް ނުގެންދަވާ،" އޭނާ ވިދާޅުވިއެވެ.
ހަފީޒާ ވިދާޅުވީ ބަލިތަކަށް ފަރުވާ ކުރުމުގައި ޕްރެކްޓިސްކުރާ ނެޝަލަން ގައިޑްލައިން އެއްގޮތަކަށްވެސް ފޮލޯ ނުކުރާ ކަމަށެވެ. އަދި ޑޮކްޓަރުންނަށް ތަމްރީން ދޭނެ އެއްވެސް މެކޭނިޒަމެއް ނެތް ކަމަށާއި ޑޮކްޓަރުންނަށް ވަޒީފާދީ ވަޒީފާއިން ވަކި ކުރުމުގައި ވެސް އޮންނަނީ ހިތަށް އެރި ގޮތަކަށް އަމަލު ކުރާ އުސޫލު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސިއްހަތު
ސިއްހަތު
ސިއްހަތު
ސިއްހަތު