ޗެމްޕިއަންސް ލީގުގައި ރޭ އޮލިމްޕިކް ލިޔޯން އާ ދެކޮޅަށް ކުޅުނު މެޗުން 2-1 ން ޔުވެންޓަސް މޮޅުވި ނަމަވެސް ކްރިސްޓިއާނޯ ރޮނާލްޑޯއާ އެކު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ އުއްމީދުގައި ނުކުތް ޔުވެންޓަސް ޗެމްޕިއަންސް ލީގްގެ ކުއާޓާ ފައިނަލަށް ނުގޮސް ކަޓައިފި އެވެ.
ކުއާޓާއަށް ލިޔޯން ދަތުރު ކުރީ ރޭ ޔުވެންޓަސްގެ ދަނޑުގައި ކާމިޔާބު ކުރި އަވޭ ގޯލުންނެވެ. އަމިއްލަ ދަނޑުގައި 1-0 އިން ޔުވެންޓަސް އަތުން މޮޅުވެފައި އޮތުމުން އެގްރިގޭޓް 2-2 އިން އެއްވަރު ވެ ލިޔޯނަށް ކުއާޓާ އިން ފުރުސަތު ލިބުނީ އަވޭ ގޯލުގެ އުސޫލުން ކުރި ލިބިގެންނެވެ.
ޓޫރިންގެ އެލިއަންޒް ސްޓޭޑިއަމްގައި ޔުވެންޓަސް އާ ދެކޮޅަށް ކުޅުނު މެޗަށް ލިޔޯން ނުކުތީ، ކޮވިޑާ ގުޅިގެން މާޗް މަހު ފުޓްބޯޅަ މެދުކަނޑައިލުމުގެ ކުރިން ލިޔޯންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 1-0 މޮޅުވެފައި އޮތުމުގެ ހިތްހަމަޖެހުމާއެކު އެވެ.
ރޭގެ މެޗުގެ 12 ވަނަ މިނެޓުގައި ލިޔޯނުން ލީޑު ނެގީ އޭރިއާ ތެރެއިން ލިޔޯންގެ ކުޅުންތެރިޔަކަށް ޔުވެންޓަސްގެ ރޮޑްރީގޯ ބެންޓަންކުއާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ގޯލަށް ވައްދައިލައިފައިވަނީ މެމްފިސް ޑިޕާއީ އެވެ.
ޑީޕާއީގެ ލަނޑަށް ފަހު ޔުވެންޓަސް އިން މި ހާފުގައި ކުރިއަށް ޖެހިގެން ކުޅުނުއިރު، ރޮނާލްޑޯ ފޮނުވައިލި ހިލޭ ޖެހުމެއް ގޯލަށް ވަންނަން ދަނިކޮށް ލިޔޯންގެ ގޯލްކީޕަރު އެންތޮނީ ލޮޕޭސް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފަ އެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން މިރަލެމް ޕިޔަނިކް ފޮނުވައިލި ހިލޭ ޖެހުމެއް އޭރިއާތެރެއިން ޑިޕާއީގެ އަތުގައި ޖެހުމުން ރެފްރީ ވަނީ ޔުވެންޓަސް އަށް ޕެނަލްޓީ އެއް ދީފައެވެ. ޔުވެންޓަސް އަށް ލިބުނު މި ޕެނަލްޓީ ރޮނާލްޑޯ ވަނީ ގޯލަށް ވައްދައުލައިފަ އެވެ.
ދެ ވަނަ ހާފަށް ނުކުމެ 60 ވަނަ މިނެޓްގައި ރޮނާލްޑޯ އިތުރު ލަނޑެއް ކާމިޔާބު ކުރި އެވެ. ދެ ލެގުން އެގްރިގޭޓް ނަތީޖާ 2-2 ން އެއްވަރުވުމުން ބަލަނީ އަވޭ ގޯލަށެވެ. ލިޔޯން ފައިނަލަށް ދަތުރު ކުރީ ޑިޕާއީ ރޭގެ މެޗުގައި ކާމިޔާބު ކުރި އަވޭ ގޯލުންނެވެ. ކުއާޓާ ފައިނަލުގައި ލިޔޯނުން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ނުކުންނާނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.
ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ކުޅޭނީ އެޓަލާންޓާ އާއި ޕީއެސްޖީ އެވެ. ދެ ވަނަ މެޗުގައި މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ރެޑްބުލް ލައިޕްޒިގް ނުކުންނާނީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ. އަދި ކުއާޓާގެ ތިން ވަނަ މެޗުގައި މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ކުޅޭނީ މިރޭ ކުޅޭ ދެ ވަނަ ބުރުގެ ފަހު މެޗުތަކުން ކުރި ހޯދާ ދެޓީމެކެވެ.
މުބާރާތުގެ ފައިނަލް މެޗު މި މަހުގެ 23 ވަނަ ދުވަހުގެ ރޭ ކުޅުމަށް ހަމަ ޖެހިފައިވާއިރު، ކުއާޓާ ފައިނަލުން ފެށިގެން ކުރިއަށް ދާނީ އެއް ލެގްގެ ނޮކްއައުޓް ގޮތަށް މިނީ މުބާރާތެއްގެ ގޮތުގައި ޕޯޗުގަލްގަ އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު