އިންޑިއާއަށް އިތުރު ފަރުވާއަށް މިއަދު ފުރި ފުލައިޓުން ފުރަން ހަމަޖެހިފައިވާ ބަލި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން އޭނާއަށް ފުރިފައިނުވާ ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.

މިއަދު ވަނީ އިންޑިއާއަށް ބޭސްފަރުވާއަށް 21 ބަލި މީހަކު ހިމެނޭހެން ޖުމްލަ 50 މީހުން ގޮސްފައެވެ.

އާސަންދައިގެ އޮފިސަލަކު "ވަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދުގެ ފްލައިޓުން ފުރަން ހަމަޖައްސާފައިވާ ބަލި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން ފުރޭ ގޮތް ނުވެފައިވާ ކަމަށެވެ. އަދި އޭނާ ޕޮޒިޓިވްވީ، ފުރުމުގެ ކުރިން ނެގި ސާމްޕަލްގެ ނަތީޖާއިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންޑިއާއަށް މިއަދު ދިޔަ ދިވެހިންވެސް ފުރުވައިލީ ކޮވިޑަށް ޓެސްޓުކޮށް ނެގެޓިވްވުމުންނެވެ. ނަމަވެސް އެމީހުން އިންޑިއާއަށް އެތެރެވުމުގެ ކުރިން އިތުރު ޓެސްޓެއް ހަދައި ބަލި ނެތްކަން ޔަގީންކުރާނެ ކަމަށާއި 14 ދުވަހު ކަރަންޓީނުގައި ތިބެން ޖެހޭ އިރު، އޭގެ ފަހުންވެސް އިތުުރު ޓެސްޓެއް ހަދާނެ ކަމަށް އާސަންދައިން ބުނެއެވެ.