ރާއްޖޭގައި ކޮވިޑް 19އަށް ފަރުވާ ހޯދަމުންދިޔަ އިތުރު 29 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 29 މީހަކު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ 2754 އަށް އަރާފައިވާ ކަމަށެވެ.

އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ 89 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 58 ދިވެއްސަކާއި ބަންގުލަދޭޝްގެ 19 މީހަކާއި އިންޑިއާގެ ހަ މީހަކާއި ސްރީލަންކާގެ ދެ މީހަކާއި އިނގިރޭސިވިލާތުގެ ދެ މީހަކާއި އެމެރިކާގެ މީހަކާއި މިސްރުގެ މީހެކެވެ.

މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ކޭސްތަކުގެ އަދަދުތައް އުޅެނީ 100 އިން މަތީގައެވެ. ނަމަވެސް އިއްޔެ އާއި މިއަދު ފެނުނު ކޭސްތަކުގެ އަދަދު އުޅެނީ 100 އިން ދަށުގައެވެ. މި ހަފުތާއަށް ބަލައިލާ އިރު، މިދިޔަ އާދީއްތަ ދުވަހު 215 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިދިޔަ ހޯމަ ދުވަހު 129 މީހުން ޕޮޒިޓިވްވެފައިވާ އިރު، މިދިޔަ އަންގާރަ ދުވަހު ޕޮޒިޓިވްވީ 153 މީހުންނެވެ. މިދިޔަ ބުދަ ދުވަހު ޕޮޒިޓިވްވީ 148 މީހެކެވެ. އަދި އިއްޔެ ޕޮޒިޓިވްވީ 86 މީހެކެވެ.

މިއަދު ފެނުނު ކޭސްތަކާއެކު ރާއްޖޭގައި ޖުމްލަ 4769 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާރު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަނީ ޖުމްލަ 1996 މީހަކަށެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 19 މީހަކު ވަނީ މަރުވެފައެވެ. އެއީ 14 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ.