ރާއްޖޭގައި ކޮވިޑް 19އަށް ފަރުވާ ހޯދަމުންދިޔަ އިތުރު 19 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 19 މީހަކު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ 2725 އަށް އަރާފައިވާ ކަމަށެވެ.
އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ 86 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 56 ދިވެއްސަކާއި ބަންގުލަދޭޝްގެ 27 މީހަކާއި އިންޑިއާގެ މީހަކާއި ފިލިޕީންސްގެ މީހަކާއި ސްރީލަންކާގެ މީހެކެވެ.
މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ކޭސްތަކުގެ އަދަދުތައް އުޅެނީ 100 އިން މަތީގައެވެ. ނަމަވެސް މިއަދު ފެނުނު ކޭސްތަކުގެ އަދަދު ވަނީ 100 އިން ދަށަށް ވެއްޓިފައެވެ. މި ހަފުތާއަށް ބަލައިލާ އިރު، މިދިޔަ އާދީއްތަ ދުވަހު 215 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިދިޔަ ހޯމަ ދުވަހު 129 މީހުން ޕޮޒިޓިވްވެފައިވާ އިރު، މިދިޔަ އަންގާރަ ދުވަހު ޕޮޒިޓިވްވީ 153 މީހުންނެވެ. އަދި އިއްޔެ ޕޮޒިޓިވްވީ 148 މީހެކެވެ.
މިއަދު ފެނުނު ކޭސްތަކާއެކު ރާއްޖޭގައި ޖުމްލަ 4680 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާރު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަނީ ޖުމްލަ 1936 މީހަކަށެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 19 މީހަކު ވަނީ މަރުވެފައެވެ. އެއީ 14 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު