މިދިޔަ 24 ގަޑިއިރު ތެރޭ 86 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 4680 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 56 ދިވެއްސަކާއި ބަންގުލަދޭޝްގެ 27 މީހަކާއި އިންޑިއާގެ މީހަކާއި ފިލިޕީންސްގެ މީހަކާއި ސްރީލަންކާގެ މީހެއް ކަމަށެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 19 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 2725 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 1936 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 1391 މީހަކު އެބަ ތިއްބެވެ. އަދި ހޮސްޕިޓަލުތަކުގައި 128 މީހަކު އެބަ ތިއްބެވެ.

މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ކޭސްތަކުގެ އަދަދުތައް އުޅެނީ 100 އިން މަތީގައެވެ. ނަމަވެސް މިއަދު ފެނުނު ކޭސްތަކުގެ އަދަދު ވަނީ 100 އިން ދަށަށް ވެއްޓިފައެވެ. މި ހަފުތާއަށް ބަލައިލާ އިރު، މިދިޔަ އާދީއްތަ ދުވަހު 215 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިދިޔަ ހޯމަ ދުވަހު 129 މީހުން ޕޮޒިޓިވްވެފައިވާ އިރު، މިދިޔަ އަންގާރަ ދުވަހު ޕޮޒިޓިވްވީ 153 މީހުންނެވެ. އަދި އިއްޔެ ޕޮޒިޓިވްވީ 148 މީހެކެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 19 މީހަކު ވަނީ މަރުވެފައެވެ. އެއީ 14 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ 12 ދިވެއްސަކު ހިމެނެއެވެ.