އަންނަ އާދިއްތަ ދުވަހުން ފެށިގެން ސަރުކާރު އޮފީސްތައް ހުޅުވަން ނިންމައި، އަމަލު ކުރަން ޖެހޭ އުސޫލުތަކާއި މިންގަނޑުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަމަޖައްސަވައިފިއެވެ.
މިނިވަން ދުވަހާއި އަޟްހާ އީދުގެ ބަންދަށް ފަހު، ސަރުކާރުގެ އޮފީސްތައް ހުޅުވުން މިއަދުގެ ނިޔަލަށް ސަރުކާރުން ވަނީ ފަސްކޮށްފައެވެ. މި ދުވަސްވަރު ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން ދާތީ މި ހަފުތާގައި ސަރުކާރުގެ އޮފީސްތައް ނުހުޅުވަން ރައީސް ނިންމެވީއެވެ.
ރައީސް އޮފީހުން މިއަދު އާންމުކުރި އާ އުސޫލުގައި ވަނީ ކޮވިޑް ޖެހިފައިވާ މީހުން ތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ރަށްރަށުގައި ހުރި ސަރުކާރުގެ އިދާރާތަކުން ހިދުމަތް ދިނުމުގައި، މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރާ ގޮތަށެވެ. އަދި މިނިސްޓަރު ނުވަތަ އިދާރާގެ އިސްވެރިޔާ ކަނޑައަޅުއްވާ ގޮތެއްގެ މަތިން، އެއްފަހަރާ ވީހާވެސް މަދު މުވައްޒަފުން އޮފީހަށް ނެރެގެން މަސައްކަތްކުރެވޭނެ ގޮތަށް މަސައްކަތްތައް ރޭވުމަށްވެސް އުސޫލުުގައިވެއެވެ.
މުވައްޒަފުން ޓީމުތަކަކަށް ބަހައިލައިގެން މަސައްކަތު ހަފުތާގެ އެކި ދުވަހު އެކި ޓީމުތައް މަސައްކަތަށް ނެރެގެން މަސައްކަތް ކުރުވެން ހުރި އިދާރާތަކުން އެގޮތަށް މަސައްކަތްކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި އިދާރާއިން ދޭ ހިދުމަތްތައް މަސައްކަތު ހަފުތާގެ އެކި ދުވަސްތަކަށް ބަހައިލައި، އެކި ދުވަސްތަކުގައި އެކި ހިދުމަތް ދޭ ގޮތަށް ހަމަޖެއްސުމަށް ވެސް އުސޫލުގައިވެއެވެ.
ރައީސް އޮފީހުން އާންމު ކުރި އުސޫލުގައިވަނީ ސަރުކާރުގެ ހުރިހާ އިދާރާއަކުން އަމަލުކުރަން ރަސްމީ މަސައްކަތު ގަޑީގެ ތެރޭގައި މަސައްކަތް ނިންމުމަށް މުވައްޒަފުންނަށް ބާރުއެޅުމާއެކު ނުރަސްމީގަޑީގައި މުވައްޒަފުން މަސައްކަތްކުރަން ނުޖެހޭގޮތަށް އޮފީހުގެ މަސައްކަތްތައް ރޭވުމާއި ދަންފަޅި އުސޫލުން މަސައްކަތް ކުރާ އިދާރާތައް ފިޔަވައި ސަރުކާރުގެ އެހެން އިދާރާތައް ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މެނުވީ މެންދުރުފަހު 2:00ގެ ފަހުން ހުޅުވައިގެން މަސައްކަތް ނުކުރުމަށެވެ.
ކޮވިޑާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދޭން ފެށި ހިދުމަތްތައް އެގޮތުގެ މަތިން ދެމުން ގެންދިއުމަށާއި އޮންލައިންކޮށް ދެވެން ހުރި އިތުރު ހިދުމަތްތަކަކީ ކޮބައިތޯ ބަލައި އެ ހިދުމަތްތައް އޮންލައިންކޮށް ދެވޭނެ އިންތިޒާމުތައް ހަމަޖައްސަމުން ގެންދިއުމަށްވެސް މިންގަނޑުތަކުގައިވެއެވެ. އަދި ސަރުކާރުގެ އޮފީހަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ނުރަސްމީގަޑީގައި އިދާރާ ހުޅުވައިފައި ބަހައްޓަންޖެހޭ ހާލަތްތަކުގައިވެސް އެންމެ ލަސްވެގެން ހަވީރު 4:00ގެ ފަހުން އިދާރާ ހުޅުވައިފައި ނުބެހެއްޓުމަށްވެސް އުސޫލުތަކުގައިވެއެވެ.
މީގެ އިތުރުން ސިއްހީ ރައްކައުތެރިކަމުގެ ގޮތުންނާއި މަސައްކަތު މާހައުލުގެ ސާފުތާހިރުކަމުގެ ގޮތުންނާއި އިޖުތިމާއީ ގައިދުރުކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުގެ އިދާރާތަކުން ތަންފީޒުކުރުމަށްވެސް ރައީސް އޮފީހުން ވަނީ އަންގައިފައެވެ.
ކޮވިޑާ ގުޅިގެން ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށާއި ދައުލަތުގެ ބަޖެޓަށް އެކަމުގެ ނޭދެވޭ އަސަރު ފޯރަން ފަށައިފައިވާތީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން، ހަރަދު ކުޑަކުރުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް ވަނީ ސަރުކާރުގެ އިދާރާތަކަށް އަންގަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ ސަރުކާރުން މިގޮތަށް ހަމަޖެއްސުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުން ކަމަށެވެ. އެހެންކަމުން މުވައްޒަފުން ޒަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށާއި އެޗްޕީއޭއިން އަންގާ އެންގެންތަކަށް ހުރިހާ މުވައްޒަފުން ބޯލެނބުމަށާއި އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް ސަރުކާރުގެ އިދާރާތަކަށް އަންގަވާފައިވާ ކަަމަށް ރައީސް އޮފީހުން ބުންޏެވެ.
އެޗްޕީއޭ އިން ބުނާގޮތުގައި ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓްސް އެންމެ ގިނައީ އޮފީސްތަކުގައެވެ.
މާލޭ ސަރަހައްދުގައި ކޮވިޑް ފެތުރޭ މިންވަރު އަނެއްކާވެސް އިތުރުވުމާ ގުޅިގެން ބަލި ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން ވަނީ އިތުރު ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް ވަނީ ބޭރުގައި އުޅުން މަނާކޮށް، ހޮޓާ ކެފޭ ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ދެމުންގެންދާ އެންމެހައި ހިދުމަތްތައް ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އަށް ހުއްޓައިލަންވެސް ވަނީ އަންގައިފައެވެ. އަދި ފަސް މީހުންނަށްވުރެ ގިނައިން އެއްވެ އުޅުން މަނާކޮށްފައިވާ އިރު، ގިނަ މީހުން އެއްވެގެން ކުޅިވަރުތައް ކުޅެ، ހަފުލާތަކާއި ޕާޓީތަކާއި އެއްވުންތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން ސިއްހީ ބޭނުންތަކާއި ޒަރޫރީ ބޭނުންތަކަށް ރަށްރަށުން މާލެއަށް އައިސްފައިވާ މީހުން ފިޔަވައި އެހެން މީހުންނަށް މާލެއިން އެހެން ރަށްރަށަށް ނުދެވޭނެއެވެ. އަދި ހުރިހާ ރަށެއްގައިވެސް މާސްކު އެޅުމަށް އިލްތިމާސްކޮށްފައިވާ އިރު، ބަލި ފެނިފައިވާ ރަށްރަށުގައި މާސްކު އެޅުން ވަނީ ލާޒިމުކޮށްފައެވެ. އަދި ގޭގައި ކޮންމެހެން ޖެހިގެން ނޫނީ އޮފީސްތައް ވެސް ނުހުޅުވައި ގެއިން މަސައްކަތްކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު