އިއްޔެ މާލެއިން ހުޅުދުއްފާރަށް ހޯމް ކަރަންޓީނަށް ދިޔަ މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިކަން ހުޅުއްދުއްފާރު ކައުންސިލް މެންބަރު އިބްރާހީމް ޝިފާޒް "ވަން" އަށް ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ.

ޝިފާޒް ވިދާޅުވީ ޕޮޒިޓިވްވެފައިވަނީ އަންހެނެއް ކަމަށެވެ. އެ އަންހެން މީހާ ހުޅުދުއްފާރަށް އައީ އިއްޔެ ހަވީރު ކަމަށް ޝިފާޒް ވިދާޅުވިއެވެ. މީގެ މިހާތަނަށް އޭނާގެ ކިބައިން ކޮވިޑުގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވިޑަށް ޕޮޒިޓިވް ވި އަންހެންމީހާ ރަށަށް ގޮސްފައިވަނީ މާލެއިން ކޮވިޑަށް ޓެސްޓު ކުރުމަށްފަހު ކަމަށް ޝިފާޒް މައުލޫމާތު ދެއްވިއެވެ. އޭނާގެ ނަތީޖާ ލިބިފައިވަނީ ރަށަށް ދިޔަތާ ވިއްސަކަށް މިނެޓު ފަހުން ކަމަށް ޝިފާޒް ވިދާޅުވިއެވެ.

މި އަންހެން މީހާ ރަށަށް ދިޔައީ އެޗްޕީއޭގެ ގައިޑްލައިނުތަކާއި އެއްގޮތަށް ނަގަން ޖެހޭ ހުއްދަތަކާއެކު ހޯމް ކަރަންޓީނުގައި ހުންނަ ގޮތަށް ކަމަށް ޝިފާޒް ވިދާޅުވިއެވެ. އަދި މިހާރު އެއަންހެން މީހާ ހުރީ އެ ރަށުގައި ހޯމް ކަރަންޓީނުގައި ކަމަށާއި އަންހެން މީހާގެ ހާލު ރަށުގެ ސިއްހީ މަރުކަޒުން ބަލަމުން އަންނަ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ ރަށުގައި ހޯމް ކަރަންޓީނުގައި ތިބި އެންމެންގެ ހާލުވެސް ރަށު ސިއްހީ މަރުކަޒުން ކޮންމެ ދުވަހަކު ބަލަމުން އަންނަ ކަމަށެވެ. އަދި ކޮވިޑަށް ޕޮޒިޓިވް ވި މީހާއާއި ގުޅިގެން ސިއްހީ މަރުކަޒުން އެޗްޕީއޭއާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ޝިފާޒް ވިދާޅުވިއެވެ.