ޚަބަރު

ފުލުހުންގެ ތެރެއިން މިހާތަނަށް 93 ކޭސް ފެނިފައިވޭ: ސީޕީ ހަމީދު

މަރިޔަމް ޝަހުދާ

މޯލްޑިވްސް ޕޮލިސް ސާވިސްގެ ތެރެއިން ކޮވިޑް-19ގެ ޕޮޒިޓިވް 93 ކޭސް ފެނިފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ސީޕީ ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ފުލުސް އޮފިސަރުންގެ އިތުރުން މުވައްޒަފުން ވެސް ހިމެނޭ ކަމަށެވެ. އަދި މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި 56 މީހަކު އެބަ ތިބި ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ. އަދި ފުލުހުންގެ ތެރޭގައި ބަލި އޮތް ނަމަވެސް، ކޮވިޑާ ދެކޮޅަށް ކުރަމުން އަންނަ ގައުމީ މަސައްކަތުގައި ފުލުހުންގެ ލީޑަޝިޕާއި އެއްބާރުލުން ދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އެހާތަނަށް 67 ފުލުހަކާއި 64 ސިއްހީ ހިދުމަތްތެރިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެއާ ހަމައަށް ރާއްޖެއިން އެބަލި ޖެހުނު މީހުން ޖުމްލަ 4594 އަށް އަރާފައިވާއިރު، ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 1869 މީހަކަށެވެ. އަދި އޭގެ ތެރެއިން ހޮސްޕިޓަލުތަކުގައި އެޑްމިޓް ކޮށްގެން 110 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.