Close
މިނިސްޓަރު ފައްޔާޒް އިސްމާއިލް

މިއީ ދުވަހަކު ވެސް ކުރިމަތިނުލާވަރުގެ އިގްތިސާދީ ދަތިކަމެއް، ޖީޑީޕީ މައިނަސް 11 ޕަސެންޓަށް ގޮސްދާނެ: ފައްޔާޒު

2

މިއަހަރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީ 11 ޕަސެންޓަށް ވެއްޓޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިދިޔަ އަަހަރު ނިމުނުއިރު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ހުރީ 5.7 ޕަސެންޓުގަ އެވެ. ނަމަވެސް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އާންމުކުރި އިގްތިސާދީ ތަފާސް ހިސާބުގައި މިއަހަރު ޖީޑީޕީ 7.5 ޕަސެންޓަށް އިތުރުވާނެ ކަމަށް ލަފާކުރި އެވެ. އެއީ ޓޫރިޒަމް ދާއިރާގެ އިތުރުން މިދިޔަ އަހަރު ހީނަރުވި ކޮންސްޓްރަކްޝަން ދާއިރާ އަލުން ކުރިއަރައިގެންދާނެ ކަމަށް އަންދާޒާކޮށްގެންނެވެ.

ނަމަވެސް މިއަހަރުގެ ކުރީކޮޅު މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އެރި ލޮމަށް ބަލައި ފިނޭންސް މިނިސްޓްރީން މިއަހަރުގެ ތެރޭގައި ޖީޑީޕީ ކުރިއަރާ މިންވަރު ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ މައިނަސް 13 ޕަސެންޓް ނުވަތަ އެއަށްވުރެ ވެސް ދަށް މިންވަރެއްގަ އެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިހާރު ދެކެމުން މިދާ ދަތިކަމަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު މުޅި ދުނިޔެއަށް ވެސް އިގްތިސާދީ ގޮތުން ދިމާވި އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. އަދި ކޮވިޑުގެ ސަބަބުން ރާއްޖޭގެ މުޅި އިގްތިސާދު ބަރޯސާވެފައި އޮތް ޓޫރިޒަމް އެއްކޮށް ކަހަލަގޮތަކަށް ހުއްޓި، އިގްތިސާދު މިއޮތީ ދަތި ހާލަތެއްގައި ކަމަށް ވިދާޅުވި އެވެ.

"މިކަން (ކޮވިޑް ބަލި) ދިމާވެފައި މިވަނީ އަޅުގަނޑުމެންނަށް އެކަންޏެއް ނޫން. އަޅުގަނޑުމެންނަށް ޑޮލަރު ލިބުންވެސް (ދަތި) އަދި އިގްތިސޯޯދަށް މި ވަންނަ ފައިސާގެ ބޮޑުބައި މިވައްދަނީ ޓޫރިޒަމުން ކަމަށްވެފައި ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ބޯޑަރު ބަންދުވެފައި، އެ ބޯޑަރުތަކުން ފުރައިގެން ފަތުރުވެރިން ނާންނާތީ އިގްތިސޯދު މިއޮތީ އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓިފައި. މުޅިން ކަހަލަ ގޮތަކަށް ބަރޯސާވެފައި މިއޮތީ ޓޫރިޒަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖެ މިހާރު ކުރިމަތިލަމުން މިދަނީ ދުވަހަކު ވެސް ރާއްޖެ ކުރިމަތި ނުލާވަރުގެ ބޮޑު އިގްތިސޯދީ ދަތިކަމަކާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ޖީޑީޕީ ވެސް ވަރަށް ބޮޑުތަން ދަށްވާނެކަން ފައްޔާޒު ފާހަގަކުރެއްވި އެވެ.

"ކޮވިޑް ދުނިޔޭގައި ނެތް އިރުގައި އަންދާޒާ ކުރަމުން އައީ ރާއްޖޭގެ އިގްތިސާދު ނުވަތަ ޖީޑީޕީ 7.5 އިތުރުވާނެ ކަމަށް. މިހާރު އަންދާޒާ ކުރަނީ ގާތްގަނޑަކަށް މައިނަސް 11 ޕަސެންޓް ދަށަށްދާނެ ދާނެ ކަމަށް. އެއީ ވަރަށް ބޮޑު ދަށްވުމެއް. މި ހުރިހާ ކަމަކަށް ބަލާއިރުގައި ދުވަހަކު ވެސް ރާއްޖޭގެ ކުރިމަތިނުލާވަރުގެ އިގްތިސާދީ ދަތިކަމަކާއޭ ކުރިމަތިލާފަ މިއޮތީ،" މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ، މި ދަތިކަމުން އަރައިގަތުމަށް އޮތް ގޮންޖެހުމަކީ ކޮވިޑަކީ ކިހިނެއްވާ ބައްޔެއްކަން އަދިވެސް ނޭނގުން ކަމަށެވެ. އެގޮތުން ރާއްޖެއަށް ފަތުރުވެރިން އަންނަ މުހިންމު މާކެޓުތަކަށް ކޮވިޑުގެ ދެވަނަ ރާޅެއް ބިންދާލާފައިވާއިރު ރާއްޖޭގެ ހާލަތު ވެސް ވަމުންދާ ގޮތް އަދި ނޭނގޭ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟