މާލެ ސަރަހައްދުގެ މަގުމަތިން ކޮވިޑުގެ ސާމްޕަލް ނެގުން މަދުކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މަގުމަތިން ސާމްޕަލް ނެގުމާ ގުޅޭ ގޮތުން ގިނަ ފަރާތްތަކުން ސުވާލުކުރަމުން އަންނަ ކަމަށެވެ.

"މަގުމަތިން ސާމްޕަލް ނެގުން އަޅުގަނޑުމެން ވަރަށް ބޮޑަށް މަދުކޮށްލައިފިން. އެހެން ނަމަވެސް އެކްޓިވް ސާވޭލެންސްތަކުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދޭ. ވަކި ތަންތަނަކަށް ގޮސް އެތަންތަނުގައި ތިބި މީހުންގެ ސާމްޕަލް އަޅުގަނޑުމެން ނަގާނީ ގޮސް،" ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ ވޭތުވެދިޔަ ދެ ތިން ދުވަހު ނަގާފައިވަނީ ދޯނިފަހަރާއި ލޯންޗުފަހަރާއި ޓެކްސީތަކުގައި އުޅޭ ފަރާތްތަކުގެ ސާމްޕަލް ކަމަށާއި އެގޮތުން 207 ސާމްޕަލް އެކްޓިވް ސާވެއިލެންސްގެ ގޮތުގައި ނަގާފައިވާ ކަމަށެވެ.

ނަޒްލާ ވިދާޅުވީ ޕޮޒިޓިވް މީހުންނާއި ޑައިރެކްޓް ކޮންޓެކްޓްވާ ފަރާތްތައްވެސް ސާމްޕަލް ނެގުމަށް އެދި އަންނަ ކަމަށާއި ކޮންޓެކްޓްވި ނަމަވެސް ބަލީގެ އަލާމަތްތައް ފެންނަން ފަށަނީ ދުވަސްކޮޅެއް ފަހުން ކަމަށެވެ. އެހެންކަމުން ކަރަންޓީނުގައި 14 ދުވަހު މަޑުކުރުމަށްފަހު ޓެސްޓުގެ ނަތީޖާ ލިބުމުން ނޫނީ ބޭރަށް ނުނިކުތުމަށް އިލްތިމާސްކުރާ ކަމަށް ވިދާޅުވިއެވެ.

ޑައިރެކްޓް ކޮންޓެކްޓުންގެ ތެރެއިން މިހާރު ހަމައެކަނި ސާމްޕަލް ނަގަނީ ހައި ރިސްކް މީހުންގެ އެކަނި ކަމަށާއި 14 ދުވަސް ހަމަވުމުން އެންމެންގެވެސް ސާމްޕަލް ނަގަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.