ފުވައްމުލަކު ސިޓީ ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޟިރާރު "ވަން" އަށް ވިދާޅުވީ، ޕޮޒިޓިވް ވި މީހަކީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެ ރަށަށް ދިޔަ މީހެއް ކަމަށެވެ. އޭނާ ޕޮޒިޓިވް ވިކަން އެނގުނީ ހޯމް ކަރަންޓީނުގެ މުއްދަތު ހަމަވެ މީގެ ދެ ދުވަސް ކުރިން ނެގި ރިލީޒް ސާމްޕަލުން ކަމަށް ޟިރާރު ވިދާޅުވި އެވެ.
ޟިރާރު ވިދާޅުވި ގޮތުގައި، އޭނާއާއެކު އެއް ފްލައިޓެއްގައި އިތުރު ބަޔަކު ވެސް އެ ރަށަށް ކަރަންޓީނަށް ދިޔަ ކަމަށާއި އޭގެ ތެރޭގައި އޭނާގެ އާއިލާ ބަޔަކު ވެސް ހިމެނޭ ކަމަށެވެ. ނަމަވެސް އެއީ ކިތައް މީހުން ކަމެއް ނޭނގޭ ކަމަށް ވެސް ވިދާޅުވި އެވެ.
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން ދާދި ދެންމެ "ވަން" އަށް ވިދާޅުވީ ހޯމް ކަރަންޓީނުގައި ހުއްޓައި ފުވައްމުލަކުން ޕޮޒިޓިވް ވީ 36 އަހަރުގެ އަންހެނެއް ކަމަށެވެ. އެކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.
ފުވައްމުލައް ހޮސްޕިޓަލުން ދާދި ދެންމެއަކު ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ، އެ ސިޓީގައި ހޯމް ކަރަންޓީން ކޮށްފައިވާ މީހުންގެ ތެރެއިން 14 ދުވަހުގެ މުއްދަތު ހަމަކުރުމަށްފަހު ނެގި ސާމްޕަލެއް މިއަދު ޕޮޒިޓިވް ވެފައިވާ ކަމަށާއި ނަތީޖާ ނުލިބޭ ބައެއް ސާމްޕަލްތައް ވެސް އެބަހުރި ކަމަށެވެ. މިވަގުތަކީ ރައްޔިތުން ކަންބޮޑު ނުވެ ކޮވިޑުން ރައްކާތެރިވުމަށްޓަކައި އަމިއްލައަށް މަސައްކަތް ކުރަންވީ ވަގުތު ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.
އެގޮތުން ޒަރޫރީ ބޭނުމެއްގައި ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ގެއިން ބޭރަށް ނުނިކުތުމަށާއި ބޭރުގައި އުޅޭ ވަގުތުތަކުގައި މާސްކު އަޅައި، ގައިދުރުކަން ބެހެއްޓުމުގެ އިތުރުން ހޯމް ކަރަންޓީނުގައި ތިބި މީހުން ކަރަންޓީނުގެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުން ވަރަށް މުހިންމު ކަމަށްވެސް ބުނެފައި ވެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު