ދެހާސް ނުވަ ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައި މާލޭގައި ހަދަމުން ދިޔަ އިމާރާތެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މަރިޔަމް ޝީރީން މަރައިލިކަމުގެ ކުށް، އޭނާގެ ލޯބިވެރިޔާ، ލ. ކަޅައިދޫ، އޯޝަންވިލާ، މުހައްމަދު ނަޖާހުގެ މައްޗަށް ސާބިތުވެ، 12 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.
ގަސްތުގައި މީހަކު މަރައިލުމުގެ ކުށުގެ ދައުވާގެ ނަޖާހުގެ މައްޗަށް އުފުލީ، 2010 ވަނަ އަހަރުއެވެ.
ނަޖާހުގެ މައްޗަށް އެކަން ސާބިތު ނުވާ ކަމަށް ކުރިމިނަލްކޯޓުން ނިންމީ 2015 ވަނަ އަހަރުގެ ތެރޭގައެވެ.
ނަމަވެސް ދަށު ކޯޓުގެ އެ ނިންމުން ދައުލަތުން ހައިކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔަ މައްސަލަގައި، ހާދިސާ ހިނގިތާ 10 އަހަރުފަހުން މިއަދު ހައިކޯޓުން ނިންމައިފައިވަނީ ނަޖާހުގެ މައްޗަށް އެ ދައުވާ ސާބިތުވާ ކަމަށެވެ.
ހައިކޯޓުން ނަޖާހުގެ މައްޗަށް މިއަދު ކުރި ހުކުމްގައި ބުނެފައިވަނީ، މަރްޔަމް ޝިރީންގެ ވާރިސުންގެ ފަރާތުން މަރުގެ ދިޔަ މައާފު ނުކުރާހާ ހިނދަކު، "ޝިރީންގެ މަރުގެ ދިޔައަކީ ނަޖާހުގެ އާއިލާއިން ނުވަތަ ނަޖާހު އަމިއްލައަށް ދޭން އޮތް ދިޔައެއްކަމާއި، އެދިޔަ ލިބި ގަތުމަށް، ޝިރީންގެ ވާރިސުންނަށް ދަށުކޯޓުގައި ދައުވާ ކުރުމުގެ ހައްގު އޮތްކަން އަންގާ،" ކަމަށެވެ
މީގެ އިތުރުން ކައްފާރާގެ ގޮތުގައި ވިދިވިދިގެން ހަނދުމަހުގެ ދެމަސްދުވަހު ރޯދަހިފުމަކީ، ނަޖާހް ކުޅަ ބޮޑު ފާފައިން ތައުބާވުމަށް އޮތް މަގެއް ކަމަށްވާތީ، އެކަމަށް ނަސޭހަތްތެރިވާ ކަމަށްވެސް ހުކުމްގައި ބުނެފައިވެއެވެ.
2010 ވަނަ އަހަރު ޝީރީން މަރައިލައިފައި އޮއްވައި ފެނުނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށެވެ. ޝީރީންގެ ހަށިގަނޑު ފެނުނީ މާލޭގައި އިމާރާތްކުރަމުން ދިޔަ އިމާރާތެއްގެ ތެރޭގައި ހުރި ކުނިތަކެއްގެ ތެރެޔަށް އެއްލައިލައިފައި އޮއްވައެވެ.