ޓެރަރިޒަމްގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭތީ ހައްޔަރުކޮށްފައި ހުއްޓައި މަރުވި ޔަމަންގެ ޔާސިރު ޔަހުޔާގެ މަރުގެ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
ޓޫރިސްޓު ވިސާގައި 2014 ވަނަ އަހަރު ރާއްޖެ އެތެރެ ވެ، ދިވެއްސަކާ އިނދެގެން އުޅެނިކޮށް ޔާސިރު، 45 ހައްޔަރުކުރީ 2017 ވަނަ އަހަރު އެވެ. ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު ރާއްޖެއަށް ކުރައްވަން އޮތް ދަތުރުފުޅާ ދިމާކޮށް ފުލުހުންނަށް ލިބިފައިވާ އިތުބާރު ހުރި އިންޓެލިޖެންސް މައުލޫމާތުގެ މައްޗަށް ބިނާކޮށް، އޭނާ ހައްޔަރުކުރީ ރާއްޖޭގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެ އެވެ.
ނަމަވެސް އެއްވެސް ޝަރީއަތެއް ނުކޮށް ބިދޭސީން ބަންދުގައި ބަހައްޓާ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައި ހުރުމުން ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއްކޮށް، އެކަމާ ގުޅިގެން ހާލު ގޯސްވެ، އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް ޔާސިރު ވަނީ މިދިޔަ އާދީއްތަ ދުވަހު މަރުވެފަ އެވެ. އޭނާ މަރުވި އިރު ދިވެހި އަންބަކާއި ތިން އަހަރުގެ ދަރިޔަކު ވެސް ދުނިޔޭގައި އެބަ ތިއްބެވެ.
އެކަމާ ގުޅިގެން އަލީ ހުސެއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުރި ދައުވާއެއް ނުވަތަ ހުކުމެއް ނެތި އިންސާނަކު ޖަލެއްގައި ބަންދުކޮށްގެން ގެންގުޅުމަކީ ލާއިންސާނީ ބޮޑު އަނިޔާއެއް ކަމަށެވެ. އެފަދަ އަނިޔާއަށް ކެތް ނުކުރެވިގެން އުޅެނިކޮށް އޭނާގެ ފުރާނަ ދިއުމުން އެކަމުގެ ޒިންމާ އެ ޖަލު ހިންގާ ދައުލަތަކުން ނަގަންޖެހޭނެ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.
ޔާސިރުގެ މަރަށްފަހު މޯލްޑިވްސް އިމިގްރޭޝަން، ކަރެކްޝަނަލް ސާވިސް އަދި ފުލުހުން ގުޅިގެން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވާ ގޮތުން، ޔާސިރަކީ އަލްގައިދާ ޖަމާއަތާ ގުޅުން އޮންނަ އެ ޖަމާއަތުގެ އިސް ދައުރެއް އަދާކުރާ އެ ޖަމާއަތުން ހިންގާ މަތީފެންވަރުގެ ޓެެރަރިސްޓު ތަމްރީނުތައް ފުރިހަމަކޮށްފައިވާ މީހެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ޖަމާއަތުން ހިންގާ ހަރަކާތްްތައް ރާވައި ވިލަރެސް ކުރުމުގެ އިތުރުން ޓެރަރިޒަމާ ގުޅުން ހުރި މައްސަލަތަކުގައި ފުލުހުން ތަހުގީގުކޮށްފައިވާ ދިވެހިންނާ އޭނާ ގުޅުން ބަދަހިކޮށްފައިވެ އެވެ.
އޭގެ އިތުރުން ޔާސިރަކީ އޭނާގެ އުފަން ގައުމުގެ އިތުރުން ދުނިޔޭގެ އެކިގައުމުތަކުގައި ޓެރަރިޒަމާ ގުޅުންހުރި މައްސަލަތަކުގައި ހައްޔަރުކުރެވި އެކި ފަހަރުމަތިން ބަންދުކުރެވިފައިވާ މީހެއް ކަމަށާއި އެކި ގައުމުތަކުން ސައްހަ ނޫން ޓްރެވަލް ޑޮކިއުމަންޓްގައި އެއްގައުމުން އަނެއް ގައުމަށް ދަތުރުކޮށްފައިވާ މީހެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ނަމަވެސް ޔާސިރުގެ އާއިލާގެ ވަކީލުން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފަ އެވެ. ވަކީލުން ބުނާ ގޮތުގައި މުޖުތަމައަށް ނުރައްކާ ފަރާތެއް ކަމަށް ދައުލަތުގެ އިދާރާތަކުން ނިންމައި ރާއްޖެއިން ފުރައިގެން ދިއުމަށް އެންގިއިރު، އެފަދަ މީހަކަށް މެރިއެޖް ވިސާ ދީ އެއްވެސް ފިޔަވަޅެއް އެޅުމެއް ނެތި ތިން އަހަރާއި 16 ދުވަސް ވަންދެން ދޫކޮށްފައި ބެހެއްޓުމަކީ ދައުލަތުން ކޮށްފައިވާ ތުހުމަތުތަކުގެ އެއްވެސް އަސާސެއް ނެތްކަން އެނގޭ ކަމެއް ކަމަށް ވަކީލުން ބުނެ އެވެ.
އޭގެ އިތުރުން ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތަކާ ގުޅިގެން ރާއްޖޭގައި މީހުން ރެކްރޫޓު ކުރުމަށް އުޅޭ ކަމުގެ ތުހުމަތުގައި 2017 ވަނަ އަހަރު ޔާސިރު ހައްޔަރުކުރި ނަމަވެސް އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ކޮބައިކަން އޮޅުން ފިލުވައިދީފައެއް ނުވެއެވެ. އަދި އެ ތުހުމަތުތަކާ ގުޅިގެން އެއްވެސް ސުވާލެއް ކޮށްފައި ނުވުމަކީ އެ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތްކަން އެނގޭ ކަމެއް ކަން ވެސް ވަކީލުން ފާހަގަކުރެ އެވެ.
އަލީ ހުސައިން