ރާއްޖޭގެ ރަށެއްގައި އީދު ކުޅިވަރު ފާހަގަކުރުމަށް ބޭއްވި ހަރަކާތެއްގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި އޭނާގެ އަނބިކަބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ މޫނު ފޮޓޯއެއް އެހެން ބަޔަކު ބޭނުންކޮށް ހަޖޫ ޖެހި މައްސަލަ ޖުމްހޫރީ ޕާޓީން ކުށްވެރިކޮށްފިއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި ފެންނަ ގޮތުން އީދު ކުޅިވަރު ކުޅުމަށް ބޭއްވި ޕެރޭޑެއްގެ ތެރެއިން އެކަކު ހުންނަނީ ގާސިމްގެ މޫނުގެ ފޮޓޯއެއް އޭނާގެ މޫނުގައި ހަރުކޮށްގެން ކޯޓް ފަޓުލޫނުވެސް ލައިގެންނެވެ. އަދި އަނެއް މީހާ ހުރީ ނަހުލާގެ ފޮޓޯއެއް އޭނާގެ މޫނުގައި ހަރުކޮށްގެން އަންހެން ހެދުމެއް ލައިގެން ބުރުގާވެސް އަޅައިގެންނެވެ.

އެ ހިނގާލުމުގެ ތެރެއިން އެ ދެމީހުންގެ ފަހަތުން ކަރައެއް ހިފައިގެން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މޫނު ޖަހައިގެން މީހަކު އަންނަތަންވެސް އެ ވީޑިއޯގައި ފެނެއެވެ.

އެ ވީޑިއޯ ޓުވިޓާގައި ޝެއާކޮށްފައިވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައި ހުންނެވި އަލީ ޝާމިންއެވެ. އޭނާ ވިދާޅުވީ މިއީ އީދު ކުޅިވަރެއް ނޫން ކަމަށާއި މަޖާ ކަމެއްވެސް ނޫން ކަމަށެވެ. މިފަދަ މަލާމާތާއި ފުރައްސާރަކުރުން ހުއްޓުވަންޖެހޭ ކަމަށާއި ކޮންމެ ބަޔަކު ކުރިޔަސް މިއީ ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ޓުވީޓު ރިޓުވީޓު ކުރުމަށްފަހު ޖޭޕީން ބުނެފައިވަނީ އެޕާޓީގެ ލީޑަރާއި ލީޑަރުގެ އަނބިކަނބަލުންނަށް ފުރައްސާރަކޮށް އީދު ކުޅިވަރެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރުމަކީ ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމަށް ހިންގި ނާތަހުޒީބު އަމަލެއް ކަމަށެވެ. އަދި އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބުނެފައިވެއެވެ.

އީދު ކުޅިވަރުގެ ގޮތުގައި ޕެރޭޑް މާލި ފަދަ ކަންކަމަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮންނަ ކުޅިވަރެކެވެ. ޒަމާނާ އެއްގޮތަށް މާލިތައް ވެސް ބަދަލުވަމުންދެއެވެ. އަދި ފަހަކަށް އައިސް ސިޔާސީ ކަންކަމަށް ޖޯކު ޖަހައި މާލިތައް ތައްޔާރުކުރުން ވަނީ އާންމު ކަމަކަށްވެފައެވެ.