ވިސްނަންވީ އަބަދު ފެސިލިޓީތައް އެޅުމަށް ނޫން ކަމަށާއި ބަލަންވީ ކޭސްތައް މަދުކުރުމަށް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ހަވީރު ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑްގެ ފުރަތަމަ ކޭސސް ފެނުނުއިރާ އަޅާބަލާއިރު، މިހާރު ވަރަށް ގިނަ ފެސިލިޓީތައް ގާއިމުކުރެވި ތައްޔާރު ކުރެވިފައިވާ ކަމަށެވެ.

"މިގޮތަށް ފެސިލިޓީތައް ގާއިމުކޮށް ހޮސްޕިޓަލްތައް އަޅައަޅައެއް އަބަދަކު. އެއީ ޕޮސިބަލް ކަމެއް ނޫން އެއްވެސް ގައުމަކަށް ކޭސް ގިނަވާއިރަށް ފެސިލިޓީތައް އަޅަ އަޅާ ހުރުން. ފޯކަސް މިހާރު ހުންނަންވީ ބޮޑަށް ކޭސްތައް މަދުކުރުން،" ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ ފެސިލިޓީތައް އަޅައިގެން މީހުން އެޑްމިޓް ކުރިކަމުގައިވިޔަސް އުމުރުން ދުވަސްވީ ހައި ރިސްކް މީހުންނަށް ބަލިޖެހި އެފަރާތްތަކަށް ރަނގަޅު ފަރުވާ ދެވުނަސް މި ބަލީގައި ދުނިޔެ ދޫކޮށް ދާންޖެހިފައިވާ ކަމަށެވެ.

ވިސްނަންވީ ހަމައެކަނި ފެސިލިޓީތައް އެޅުމާއި ޕޮޒިޓިވްވާ މީހުން އެޑްމިޓްކޮށްގެން ފަރުވާ ދިނުމަަށް ނޫން ކަމަށާއި އެބަލީގައި ތަހައްމަލު ކުރުމަކީވެސް ވަރަށް ބޮޑު ކަމެއް ކަމަށެވެ. އަދި ހާއްސަކޮށް ބަލިޖެހިގެން އެކަހެރިކޮށް އައިލާއާ ދުރުގައި ހުންނަން ޖެހުމަކީ ވަރަށްވެސް ބޮޑު ކަމެއް ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ މި ބަލީގައި މަރުވެގެންދަނީ އުމުރުން ދުވަސްވީ ހައި ރިސްކް މީހުން ކަމަށާއި އެހެންކަމުން ފަރުވާ ކުރެވޭނެ ވަސީލަތްތައް ހުރިނަމަވެސް އެފަރާތްތަކަށް ބަލި ނުޖެހޭނެ ގޮތަކަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކުރާ ކަމަށެވެ.