މާލޭ ސަރަހައްދުގައި އެއްފަހަރާ ފަސް މީހުންނަށްވުރެ ގިނައިން އެކީގައި ބޭރުގައި އުޅުން މަނާކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓްރީގެ ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އާއިޝަތު ސާމިޔާ ވިދާޅުވީ އެމީހަކު ކޮންޓެކްޓުވާ މީހުންގެ އަދަދު މަދުކުރުން ވަރަށް މުހިންމު ކަމަށާއި އެހެންކަމުން އެ ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ.

"މާލެ، ހުޅުމާލެ، ވިލިމާލޭގައި އެއްވެސް ވަގުތެއްގައި އެއްފަހަރާ ފަސް މީހުންނަށްވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން ހުއްޓާލުން. ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް އެނގޭ މި ބަލި ބޮޑަށް ސްޕްރެޑް ވާން ދިމާވާ އެއް ކަމެއް އެއީ ކޮންޓެކްޓުވާލެއް ގިނަވުން ނުވަތަ ކޮންޓެކްޓް ބަބަލް ބޮޑުވުން. އެހެންވީމާ ވަރަށް މުހިންމު ކަމެއް އެމީހަކު ކޮންޓެކްޓުވާ މީހުންގެ އަދަދު މަދުކުރުން،" އޭނާ ވިދާޅުވިއެވެ.

ސާމިޔާ ވިދާޅުވީ މިދިޔަ މަހު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ އަދަދު ވަރަށް ގިނަ ކަމަށާއި އެގޮތުން މިދިޔަ މަހު ކޮންޓެކްޓުންގެ ޖުމުލަ އަދަދު 10،000 އަށްވުރެ މަތީގައި އުޅޭ ކަމަށެވެ. އަދި އޮފީސް މާހައުލުގައި ވެސް ކޮންޓެކްޓުންގެ އަދަދު ގިނަކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ފަހަކަށް އައިސް ރެކޯޑު އަދަދަކަށް ކޮވިޑު ކޭސްތައް ފެންނަން ފެށުމާއެކު ސަރުކާރުން ވަނީ އަނެއްކާވެސް ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފައެވެ. އެގޮތުން ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އަށް މާލޭ ސަރަހައްދުގެ މަގުމަތީގައި އުޅުން ވަނީ މަނާކޮށްފައެވެ.