ކޮވިޑް ކޮންޓްރޯލު ކުރެވޭނީ ރައްޔިތުންގެ ފުށުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ހަވީރު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ކޮވިޑުގެ ކޭސްތައް އިތުރުވަމުންދާ ކަމަށާއި އެހެންކަމުން ކޮވިޑް ކޮންޓްރޯލް ކުރެވޭނީ ރައްޔިތުންގެ ބޮޑު އެއްބާރުލުމެއް ލިބިގެން ކަމަށެވެ.

"ރައްޔިތުންގެ ބޮޑު އެއްބާރުލުމެއް ލިބިގެން ނޫނީ އަޅުގަނޑުމެންނަށް ކޮވިޑްގެ ކޭސްތައް މަދު ނުކުރެވޭނެ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިްވާ މީހުންގެ ތެރޭގައި ހައިރިސްކް ކެޓަގަރީތަކުގެ މީހުން އިތުރުވަމުންދާ ކަމަށެވެ. ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށް ބަލި ޖެހޭލެއް އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދުވެސް އިތުރުވެފައިވާ ކަމަށެވެ.

މިފަހަކަށް އައިސް ކޮވިޑްގެ ކޭސްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން އިއްޔެ އެކަނިވެސް ރާއްޖޭގައި 129 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ.