ކޮވިޑުގެ ހައިރިސްކް ކޮންޓެކްޓްސް މަދުކުރަން ހާއްސަ މަސައްކަތްތަކެއް ކުރަން އިލްތިމާސްކޮށްފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ހައިރިސްކް ގިންތީގެ ތެރޭގައި ހިމެނޭ މީހުން ކޮވިޑަށް ޕޮޒިޓިވްވާލެއް އިތުރުވަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން އެކަކު އަނެކަކާ ކޮންޓެކްޓްވެ ބައްދަލުވާ މިންވަރު މަދުކުރަން ޖެހޭ. ހާއްސަކޮށް ހައިރިސްކް ކޮންޓެކްޓް މަދުކުރަން މަސައްކަތް ކުރަން ޖެހޭ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ހައިރިސްކް ގިންތީގައި ހިމެނެނީ އުމުރުން ދުވަސްވީ މީހުންނާއި، މާބަނޑު މީހުންނާއި އުމުރުން ފަސް އަހަރުން ދަށުގެ ކުޑަކުދިންގެ އިތުރުން ދާއިމީ ބައްޔެއް ހުންނަ މީހުންނާއި، ބޮޑެތި ބަލިތަކަށް ފަރުވާކުރާ މީހުންނެވެ.
ޑރ. ނަޒްލާ ވިދާޅުވީ، ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މަރުވެފައިވާ ގިނަ މީހުންނަކީ އުމުރުން ދުވަސްވީ މީހުން ކަމަށެވެ.
މީގެ އިތުރުން ބަލި ފެތުރޭ ހަލުވިމިން ދަށްކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި ނޫން ނަމަ ސިއްހީ ކެޕޭސިޓީއަށް ނުކަތާ ވަރަށް ކޭސްތައް އިތުރުވެދާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މިފަހަކަށް އައިސް ކޮވިޑްގެ ކޭސްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން އިއްޔެ އެކަނިވެސް ރާއްޖޭގައި 129 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު