ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް، އޮފީސްތައް ނުހުޅުވާ ގޮތަށް ސަރުކާރުން ނިންމުމާއި ގުޅިގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ހިދުމަތްތެއް ދޭން ހަމަޖައްސައިފައިވާ ގޮތް އެކޮމިޝަނުން ހާމަކޮށްފިއެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބުރާސްފަތި ދުވަހާ ކަމައަށް އޮފީސްތައް ނުހުޅުވާ ގޮތަށް ސަރުކާރުން ނިންމައި އޮންލައިންކޮށް ދެވެން ހުރި ހިދުމަތްތައް ދިނުމަށް ނިންމެވުމާ ގުޅިގެން، މި ކޮމިޝަންގެ މަސައްކަތްތައް މެދު ނުކެނޑޭނެގޮތަށް ކުރިއަށް ގެންދިއުމަށް ނިންމައިފައިވާ ކަމަށެވެ. އެ ގޮތުން އާއްމު ފަރާތްތަކުން ކޮމިޝަނަށް ފޮނުވަން ޖެހޭ ލިޔެ ކިޔުންތައް ކޮމިޝަންގެ [email protected] އަށް މެއިލް ކުރުމުން ބަލައިގަންނަގޮތަށް ހަމަޖައްސައިފައިވާ ކަމަށެވެ.

އެ މުއްދަތުގައި ދައުލަތުގެ އެކި އެކި މުއައްސަސާތަކުން ޖެމްސް މެދުވެރިކޮށް ފޮނުވާ ލިޔެކިޔުންތަކާއި އެހެނިހެން އިލެކްޓްރޯނިކް ޒަރިއްޔާއިން ފޮނުވާ ލިޔެކިޔުންތައް ވެސް ބަަލައިގަންނަގޮތަށް ހަމަޖައްސައިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އެއްވެސް ކަމަކާ ގުޅިން ކޮމިޝަނަށް ގުޅުއްވަން ބޭނުންވާ ފަރާތްތަކުން، ބޭނުންވާ ހިދުމަތެއް ކޮމިޝަންގެ ނަމްބަރު 009607821400 އަށް ޓެކްސްޓް ކުރުމަށާއި، އެ ޓެކްސްޓްގައި އީމެއިލް އެޑްރެސް އާއި ނަން މެސެޖް ކުރުމުން، ޖެހިގެން އަންނަ ދުވަހުގެ 15:00 ގެ ކުރިން ކޮމިޝަނުން އެބޭފުޅަކާ ގުޅާގޮތަށް ހަމަޖައްސައިފައިވާ ކަމަށްވެސް ޖޭއެސްސީން ބުނެފައި ވެއެވެ.

މިނިވަން ދުވަހާއި އަލުހާ އީދުގެ ބަންދަށްފަހު، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ސަރުކާރު އޮފީސްތައް މިއަދު ހުޅުވާގޮތަށް ކުރިން އޮތް ނަމަވެސް ކޮވިޑް 19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވައިފައެވެ.