ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އަންނަ ބުރާސްފަތިދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
މުއްދަތު އިތުރުކޮށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ސިވިލް ސާވިސް ކޮމިޝަނުން ހުސްވެފައިވާ ހަތަރު މަގާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ބުރާސްފަތި ދުވަހުގެ މެންދުރުފަހު ދޭއް ޖެހުމުގެ ކުރިން އެކަމަށް އެދޭ ފޯމާއި އިގުރާރު މަޖިލީހުގެ އިދާރާއަށް ހުށަހެޅުމަށް ހުޅުވާލައި އެކަމަށް މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.
އެހެންކަމުން ބުރާސްފަތި ދުވަހުގެ 2:00 ގެ ކުރިިން އެ ހުރިހާ ލިޔުނަތަކެއް ހުށަހެޅުމަށް އިއުލާނުގައި ވަނީ އެދިފައެވެ.
ސިވިލް ސަަވިސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމު ހުސްވީ އެ ކޮމިޝަންގެ ހަތަރު މެންބަރުން ވަކި ކުރަން މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅުމުން، އެކަމަށް ވޯޓަށް އެހުމުގެ ކުރިން ތިން މެންބަރުން އިސްތިއުފާ ދެއްވުމާއި ކޮމިޝަނުން އިސްތިއުފާ ނުދެއްވި މެންބަރުގެ މައްޗަށް މަޖިލީހުން ވޯޓު ނަގައި އޭނާ ވަކި ކުރުމާ ގުޅިގެންނެވެ.
އެ ދުވަހުގެ ޖަލްސާއަށް މެންބަރުކަމުން ވަކިކުރަން އެޖެންޑާކޮށްފައި ވަނިކޮށް ވޯޓުގެ ކުރިން ސީއެސްސީން އިސްތިއުފާ ދެއްވީ އެކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ނައިބު ރައީސް ޝަހީދު މުހައްމަދުގެ އިތުރުން މެންބަރު ޒަކަރިއްޔާ ހުސައިން އެވެ. ވޯޓު ނަގައިގެން މަގާމުން ވަކިކުރީ އެ ކޮމިޝަންގެ މެންބަރު އިބްރާހީމް ޝަހީގު އެވެ.
ސިވިލް ސާވިސް ކޮމިޝަން
ސިވިލް ސާވިސް ކޮމިޝަން