ކޮވިޑަށް ޕޮޒިޓިވް މީހުންގެ 4000 އަށްވުރެ ގިނަ ކޮންޓެކްޓުން މިވަގުތު އެބަތިބި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުން ގިނަ ކަމަށެވެ. އެގޮތުން ކޮވިޑަށް ޕޮޒިޓިވް މީހުންގެ 4000 އަށްވުރެ ގިނަ ކޮންޓެކްޓުން މިވަގުތު އެބަތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

"ޕޮޒިޓިވް ކޭސްތަކުގެ ކޮންޓެކްޓުން ވަރަށް ގިނަ. މިހާރުވެސް 4000 އަށްވުރެ ގިނަ ކޮންޓެކްޓުން އެބަތިބި،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ޕޮޒިޓިވް މީހެއްގެ ކޮންޓެކްޓަކަށް ވުމުން ސާމްޕަލް ނަގައިދިނުމަށް އެދެމުން އަންނަ ކަމަށާއި ނަމަވެސް ސާމްޕަލް ނަގަން އާރުއާރުޓީއަށް ދެވެންދެން އެކަހެރިވެ ތިބުމަކީ މުހިންމު ކަމެއް ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ކޮންޓެކްޓުން ގިނަވަނީ އެޗްޕީއޭގެ އުސޫލުތަކަށް ފުރިހަމައަށް އަމަލު ނުކުރެވޭތީ ކަމަށެވެ.