މާސްކް ނާޅައި އުޅުނު 73 މީހަކު މިހާތަނަށް ޖޫރިމަނާކޮށްފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ މާސްކް ނާޅައި މަގުމަތީގައި އުޅުނު 272 ފަރާތަކަށް ފުލުހުން މިއަދު ނަސޭހަތްދީ، 52 ފަރާތެއް ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
"މިއަދު 52 ފަރާތެއް ޖޫރިމަނާ ކުރެވިފައިވަނީ. މިހާތަނަށް ޖުމްލަ 645 ފަރާތަކަށް ކޯޝަން ކުރެވި، 73 ފަރާތެއް މާސްކު ނާޅައި އުޅުމުގެ ސަބަބުން ވަނީ ޖޫރިމަނާ ކުރެވިފައި،" ނަޒްލާ ވިދާޅުވިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމު ކުރި ގައިޑްލައިނުގައި ގެއިން ބޭރުގައި އުޅޭއިރު ނޭފަތާއި ދަތްދޮޅި ނިވާވާ ގޮތަށް މާސްކު އެޅުން މަޖުބޫރުކޮށްފައިވެއެވެ. އެއީ އުމުރުން ދެ އަހަރުން ދަށުގެ ކުދިން، ކަސްރަތު ކުރަން ނުކުމެ އުޅޭ މީހުން ކަސްރަތު ކުރާ ވަގުތު އަދި އެހެން މީހެއްގެ އެހީއާ ނުލައި މާސްކު އަޅައި މާސްކު ނުނެގޭ މީހުން އިސްތިސްނާވާ ގޮތަށް ކަމަށް އެޗްޕީއޭއިން އާންމު ކުރި ގައިޑްލައިނުގައިވެއެވެ.
މަގުމަތީގައި މާސްކް ނަގައިގެން ސިނގިރޭޓް ބޯން ނުތިބެވޭނެ ކަމަށާއި އެއީ މަނާ ކަމެއް ކަމަށް ނަޒްލާ ވަނީ މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.
މީގެ އިތުރުން ރެސްޓޯރެންޓްތަކާއި ކެފޭތަކުގެ އެތެރޭގައި އުޅޭއިރުވެސް ކާ ވަގުތު ނޫން އެހެން ވަގުތުތަކުގައި އުޅެން ޖެހޭނީ މާސްކް އަޅައިގެން ކަމަށާއި އެފަދަ ތަންތަނުގެ ހިދުމަތް ހޯދާއިރުވެސް ގައިދުރުކަން ބަހައްޓަން ޖެހޭނެ ކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު