ކޮވިޑް 19 ކޮންޓްރޯލްކުރުމަށްޓަކައި މި ހަފުތާގައި ސަރުކާރު އޮފީސްތައް ނުހުޅުވާ ގޮތަށް ނިންމައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ކޮވިޑް 19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި މާދަމާ އިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް، ގޭގައި ތިބެގެން ކުރަމުން ގެންދިއުމަށް ވަނީ އަންގައިފައެވެ.

މީގެ އިތުރުން ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހައި ހިދުމަތްތަކެއް އޮންލައިންކޮށް ދިނުމަށްވެސް ވަނީ އަންގައިފައެވެ.

ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން މީގެ ކުރިންވެސް ސަރުކާރުގެ އޮފީސްތައް ބަންދުކުރިއެވެ. އޭގެ ފަހުން ސަރުކާރުގެ މަސައްކަތްތައް ރަސްމީކޮށް ފަށައިގެންފައިވަނީ ޖޫން މަހުގެ ފަހުކޮޅުއެވެ.

ސަރުކާރުގެ އޮފީސްތައް މި ހަފުތާގައި ނުހުޅުވަން ނިންމިއިރު މި ފަހަކަށް އައިސް ކޮވިޑްގެ ކޭސްތައް ވަނީ ވަަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން އިއްޔެ އެކަނިވެސް 215 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.