ހދ. މަކުނުދޫ އާއި ހދ. ފިނޭ އަދި ހއ. މާރަންދުއަށް އަރައި ފޭބުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފިއެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން "ވަން" އަށް ވިދާޅުވީ މިއަދު ހއ. އިހަވަންދޫ އިން ޕޮޒިޓިވްވި ކޭސްއާ ގުޅިގެން މަކުނުދޫ އާއި ފިނޭ އަދި މާރަންދުއަށް އަރައި ފޭބުން ވަގުތީގޮތުން މަނާކުރެވިފައިވާ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަަސައްކަތް ނިމުމުން އަލުން ހުޅުވައިލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ތިން ރަށުގެ އިތުރުން މިއަދު ވަނީ ހދ. ނޮޅިވަރަމަށް ވެސް އަރައި ފޭބުން މަނާކޮށްފައެވެ.

އިހަވަންދޫ އިން ތިން މީހަކު މިހާތަނަށް ޕޮޒިޓިވްވެފައިވާ އިރު، މިއަދު ފަތިހު ޕޮޒިޓިވްވީ އެ ރަށުގެ "242" ނަމަކަށް ކިޔާ ބޯޓުގައި އުޅޭ ދިވެހި ފަޅުވެރިއެކެވެ. އެރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހަކީވެސް އެ ބޯޓުގެ ފަޅުވެރިއެކެވެ.

މީގެ އިތުރުން ރޭ ވަނީ އިހަވަންދޫ "ތަހުތު" ބޯޓުގެ ފަޅުވެރިޔަކު ވެސް ޕޮޒިޓިވްވެފައެވެ. އިހަވަންދޫ ކައުންސިލުގެ ރައީސް މުހައްމަދު ރަޝީދު ރޭ ވިދާޅުވީ، ޕޮޒިޓިވްވެފައިވަނީ އިހަވަންދޫ ތަހުތު ބޯޓުގައި މަސައްކަތް ކުރާ ދިވެހި ފަޅުވެރިއެއް ކަމަށެވެ. ޕޮޒިޓިވްވެފައިވަނީ އިހަވަންދުއަށް ނިސްބަތްވާ މީހެއް ކަމަށްވެސް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

މި ކޭސްތަކާ ގުޅިގެން އިހަވަންދޫ އަދިވެސް އޮތީ ކަރަންޓީން ކޮށްފައެވެ.