ރިޕޯޓް

އަތްތެރިމަސައްކަތާއި ތެދުއިވަޑާމުގެ މޮޅުކަން ކަނޑޫދޫ ހުކުރު މިސްކިތުން

އަލީ ޔާމިން

1

ދިވެހިރާއްޖެއަކީ ދުވަސްވީ ތާރީހެއް އޮތް ގައުމެކެވެ. ތާރީހީ ހޯދުންތަކުން އެނގެން އޮތް ގޮތުގައި، ދިވެހި ރާއްޖޭގައި މީހުން އާބާދުވީ މީގެ 2،500 އަށްވުރެ ގިނަ އަހަރު ކުރިންނެވެ. ރާއްޖެ އިސްލާމްވީ ހިޖުރައިން 6 ވަނަ ގަރުނުގެ ކުރީކޮޅުގައެވެ. އެއީ މީލާދީން 12 ވަނަ ގަރުނުގެ ކުރީކޮޅެވެ. ރަސްމީ ގޮތުން ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ބެލެވެނީ ރާއްޖޭގެ އެއިރުގެ ރަދުން އިސްލާމް ދީނަށް ވަދެވަޑައިގަތް ދުވަހެވެ. އެ ދުވަހުގެ ގޮތުގައި ބެލެވިފައިވަނީ 2 ރަބީއުލް އާހިރު 548 ހ. (26 ޖޫން 1153 މ.) ވީ ހުކުރު ދުވަހެވެ. ރާއްޖޭގައި އިސްލާމްދީން ފެތުރެން ފެށިފަހުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް ބިނާ ކުރެވުނެވެ. އެގޮތުން އެންމެ ފުރަތަމަ ރާއްޖޭގައި ބިނާ ކުރެވުނު މިސްކިތެއްގެ ގޮތުގައި ގަދީމީ ފަތްފުށްތަކުން ފެންނަން އޮތީ ދުނިޔޭގެ ހެރިޓޭޖުގެ ވަގުތީ ލިސްޓުގައިވެސް ހިމެނޭ މާލޭ ހުކުރު މިސްކިތެވެ. އެ މިސްކިތް ބިނާކުރެއްވި ކަމަށް އެނގެން އޮތީ 1658 ވަނަ އަހަރުއެވެ. އެހެންކަމުން މިހާރު އެ މިސްކިތަށް 350 އަހަރަށް ވުރެ ގިނަ އަހަރު ވެދާނެއެވެ.

މާލޭ ހުކުރު މިސްކިތް ބިނާކުރެވުނު ދުވަސްވަރު، އެފަދަ އެތައް މިސްކިތެއް އަތޮޅުތެރޭގެ އެކި ކަންކޮޅުތަކުގައިވެސް ބިނާ ކުރެވުނެވެ. އެކަން އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ހުރި ގަދީމީ މިސްކިތްތަކަށް ނަޒަރު ހިންގައިލުމުންވެސް ފެންނަން އެބަހުއްޓެވެ. އެގޮތުން ކޮޅުމަޑުލު ކަނޑޫދޫއަކީ މިފަދަ ގަދީމީ މިސްކިތްތައް ގިނަ ރަށެކެވެ. އެރަށުގައި 200 އަހަރަށް ވުރެ ގިނަ ދުވަސްވީ ދެ މިސްކިތް މިހާރުވެސް ފެންނާން އެބަހުއްޓެވެ. އަދި އެރަށުގައި ހުރި އެންމެ ދުވަސްވީ މިސްކިތް ކަމަށް ބުނާ "ބޮޑުގާޖެހި" މިސްކިތުގެ ބައެއް ބައިތައް މިހާރުވެސް ފެންނަން އެބަހުއްޓެވެ.

ކަނޑޫދޫ ރައްޔިތުން ބުނާ ގޮތުން އެރަށުގައި މިހާރު ހުރި އެންމެ ގިނަ ދުވަސްވެފައިވާ އެއް މިސްކިތަކީ ކުރިން ރަށުގައި ހުކުރު ކުރި މިސްކިތް ކަމަށްވާ، ހުކުރު މިސްކިތެވެ.

ފެންބަލައިދާ މަގު (ގާޒީ މަގު) ނިމޭ ހިސާބުގައި ވަށައިގެން ގަބުރުސްތާނު އެކުލެވޭ ހުކުރު މިސްކިތް ދުރުން ފެންނަލެއް ވަރަށް ރީއްޗެވެ. މިސްކިތަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ، އެ މިސްކިތަށް ދިއުމަށް ބޭނުންކުރާ މަގުގެ ދެ އަރިމަތީގައި ހަތަރު ވަރަކަށް ފޫޓަށް ހިރިގަލުން ރާނައިފައިވުމާއި، އެ މަގުގެ ބިއްދޮށު އަރިމަތީގައި ތެދަށް ދެމިލައިފައިހުރި އާރުލާ ރުއްތަކާއި އެ ރުއްތަކުގެ ހިޔާވަހިކަމުގައި ހެދިފައި ހުރި ދުވަސްވީ ގުލްޗަންޕާމާ ގަސްތަކުންނެވެ. މިސްކިތުގެ ވަށައިގެންވާ ގަބުރުސްތާނުގައި ހުރި ބިސްތާނާއި ގަނބުރުސްތާނުގައިވާ "ސޯލިހުގެފާނު" ނަމަކަށް ކިޔާ ބޭކަލެއްގެ ޒިޔާރަތަކީވެސް އެ މިސްކިތް ހާއްސަވެގެންދާ އެއް ސަބަބެކެވެ.

ހުކުރު މިސްކިތުގެ މަލަމައްޗަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ މިސްކިތުގެ އިރު އުތުރުކަންމަތީގައި ހުރި ތިރިވަޅާއި އިރު ދެކުނު ކަންމަތީގައި ހިރިގަލުން ބިނާކުރެވިފައި ހުރި ފެންބޯވަޅުންނެވެ. އެ ދެ ވަޅަކީވެސް ހަތްކަން ވަޅެވެ. އޭގެ ތެރެއިން އިރު ދެކުނު ކަންމަތީގައި ހުރި ވަޅަކީ އިހުގައި ކަނޑޫދޫ ރައްޔިތުން ފެން ބުއިމަށް ބޭނުން ކުރި ވަޅުކަމަށް ވެއެވެ. ވަރަށް ފަހަކާ ޖެހެންދެންވެސް އެ ވަޅުގެ ފެން ކަނޑޫދޫގެ ރައްޔިތުން ބޮއި އުޅުނެވެ.

ކަނޑޫދޫގެ ތާރީހުގެ އެންމެ މައި އެއް ބިނާ ކަމުގައިވާ ހުކުރު މިސްކިތުގެ އަސްލު މިހާރު ވަނީ ވަރަށް ބޮޑަށް ނެތި ގޮސްފައެވެ. އެގޮތުން،
މިސްކިތުގެ ޖާގަ ތަނަވަސް ކުރުމަށް މިސްކިތުގެ ވަށައިގެން އެޅި ފެންޑާއިން މިސްކިތުގެ ހަގީގީ ރީތިކަން ވަނީ ނެތިގެން ގޮސްފައެވެ. އެ މިސްކިތް
އިމާރާތް ކުރީ ކޮން ބައެއްކަން އަދި އެމިސްކިތަށް ވީ ކިތައް އަހަރުކަން އެނގޭ މީހަކު މިއަދު ކަނޑޫދޫއަކު ނެތެވެ. ކަނޑޫދޫގެ ބައެއް ދުވަސްވީ މީހުންނާއި "ވަން" އިން ވާހަކަ ދައްކައިލުމުން ބުނީ އެމީހުންގެ މައިންބަފައިންނަށްވެސް އެ މިސްކިތް އިމާރާތް ކުރި ތާރީހެއް އެނގިފައި ނުވާ ކަމަށެވެ. ނަމަވެސް މީގެ ގަރުނެއް ކުރިން އެ މިސްކިތަށް އެކި ވަރުގެ މަރާމާތު ގެނެސްފައިވާ ކަމަށް ރަށުގެ ދުވަސްވީ މީހުން ބުނެއެވެ. ރަށުގެ ދުވަސްވީ މީހުންނަށް އެކި ގޮތްގޮތުން ލިބިފައިވާ މައުލޫމާތާއި ތުންތުން މަތިން އަޑު އިވިފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު ހުކުރު މިސްކިތަށް މިހާރު ދެ ގަރުނަށް ވުރެ ގިނަ އަހަރު ވެދާނެއެވެ. ބައެއް މީހުން ބުނާ ގޮތުން މިސްކިތަށް މިހާރު ތިން ގަރުނު ވެދާނެއެވެ.

"އަހަރެމެންގެ މަންމަމެން ބުނޭ މަންމަމެން ކުޑައިރު އެ މިސްކިތުގައި އަރަބިން ލިޔެފައި ހުރި ބުރުދާތައް އާކުރަން ދެލި ގިރި ހަނދާން ވެއޭ" ކަނޑޫދޫގެ އުމުރުން ދުވަސްވީ މީހަކު "ވަން" އަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.

ތެދުއިވަޑާމާއި އަތްތެރިމަސައްކަތުގެ ލާމަސީލު ނަމޫނާއެއް

ކަނޑޫދޫއަކީ ގިތެޔޮ މިރުހަށް މިހާރު މަޝްހޫރު ރަށަކަށްވި ނަމަވެސް މީގެ ޒަމާންތަކެއް ކުރިން އެރަށަކީ ތެދުއި ވަޑާމުގެ ރަސްކަން ކުރި ރަށެއް ކަމަށް ބައެއް ލޯމާފާނުތަކުގައި ލިޔެފައި އެބަހުއްޓެވެ. އަދި އެރަށަކީ މަޝްހޫރު ވަޑިން ގިނަ ރަށެއް ކަމަށްވެސް ގަދީމީ ލިޔުންތަކުން އެނގެން އެބަހުއްޓެވެ. ކަނޑޫދޫއަކީ ތެދުއިވަޑާމާއި އަތްތެރި މަސައްކަތް ކޮށް އުޅުނު ކުޅަދާނަ މީހުން ގިނަ ރަށެއްކަން ކަނޑޫދޫ ހުކުރު މިސްކިތަށް އެކަނި ބަލައިލުމުންވެސް އެނގެއެވެ. މަޝްހޫރު ހައިވަކަރުން އެކިއެކި ޑިޒައިނަށް ކަނޑައި ނަގައިފައިވާ ތަނބުތަކާއި ބެރިތަކާއި އޭގައި އަތުލިޔުމުން ލިޔެފައިވާ ބުރުދާތަކަކީ ފަސޭހަ މަސައްކަތަކަށް ނުވާނެއެވެ. މިސްކިތުގެ ފާރުތައް ހިރިގަލުން ފަށްތަރުކޮށްފައި ވާއިރު އެކަމުގެ ބުރަކަން ހިތަށް ތަސައްވަރު ކޮށްލެވެއެވެ. މިސްކިތުގެ މެދަށްވާހެން ފަރުމާކުރެވިފައިވާ ގެޔޮގަނޑުން މިސްކިތުގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. އެ ގެޔޮގަނޑު ފަރުމާކޮށްފައިވާލެއް މޮޅުކަމާއި އޭގައި ލިޔެފައި ހުރި ލިޔުންތަކުން އަތްތެރި މަސައްކަތްތެރިކަމުގެ ކުޅަދާނަކަން ދައްކުވައިދެއެވެ.

ކަނޑޫދޫ ހުކުރު މިސްކިތަށް ވަނުމަށް ދެ ދޮރު ހުންނަ އިރު ކޮންމެ ދޮރެއްވެސް ގުޅެނީ ހިރިގާ އަތުރައިގެން ހަދާފައި ހުރި ވަޅަކާއެވެ.
މިސްކިތުގެ ފެންޑާއަށް ނުކުމެވެން ޖުމުލަ ތިން ދޮރު ހުރި އިރު މިސްކިތުގެ އެކި ސަހަރައްދުތަކުގައި ސާފު ވައި ވަންނާނެހެން ހަތް ކުޑަދޮރު ހަދައިފައި ވެއެވެ. އެ ކުޑަދޮރުތައްވެސް ވަނީ ހައިވަކަރުން ފަރުމާކޮށް ވަރުނީސް ލައިފައެވެ. ގޮޅި ޖެހި ޑިޒައިނަށް ހަދައިފައިވާ އެ ކުޑަ ދޮރުތަކުން މިސްކިތަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.

ހުކުރު މިސްކިތަށަ ވަންނަ ދޮރާ ދިމާއިން "އަސުރު ގާ" ކިޔާ ކުޑަ ގާބުރިއެއް ހުރެއެވެ. އެ ގާބުރީގެ ބޭނުމަކީ ނަމާދު ވަގުތުތައް ބެލުމެވެ. އިރުގެ އަލިކަމުގެ ސަބަބުން ގަލުގެ ހިޔަންޏަށް އަންނަ ބަދަލުތައް ބަލައި ނަމާދު ވަގުތުތައް ކަނޑައަޅަނީއެވެ. މިސްކިތުގެ މައި ދޮރާ ދިމާއިން އިރުދެކުނަށް ތިން ސިޑީގެ ކުޑަ މުންނާރެއް ހުރެއެވެ. އިހުގެ މީހުން ބަންގި ގޮވަނީ މުންނާރުގެ އެންމެ މައްޗަށް އެރުމަށް ފަހުގައެވެ.

މިސްކިތުގެ އެތެރޭގައި ހުކުރު ހުތުބާ ކިޔުމަށް މުދިން މީހާ އަރާ މިންބަރެއް ހުރެއެވެ. އެ މިންބަރު ކުރިން ހިރިގަލުން ހުރި ނަމަވެސް މިހާރު އެތަން ވަނީ ތަށިމުށި ޖަހައި ޒަމާނީކޮށްފައެވެ.

ކަނޑޫދޫ ހުކުރު މިސްކިތަށް މީގެ ވިއްސަކަށް އަހަރުކުރިން ވަނީ ޒަމާނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މިސްކިތުގެ ފުރާޅުގައި ހުރި އީޓު، ޓިނަށް ބަދަލު ކުރެވުނެވެ. އެ ފަހަރު މިސްކިތް މަރާމާތު ކުރުމުގެ ތެރޭގައި މިސްކިތުގެ މެދަށް ވާހެން ހުރި ގެޔޮގަނޑުގެ ތެރެއިން ކަނޑިއެއް ފެނުން ކަމަށް ވެއެވެ. އެ ކަނޑިއަކީ ކުރީގައި ހުކުރު ހުތުބާ ކިޔާ މީހުން އެއް އަތުން ހިފަހައްޓައިގެން ހުންނަ ކަނޑިއެއް ކަމަށް ވެއެވެ. އެ ކަނޑި މިހާރު ވަނީ ގައުމީ ދާރުލް އާސާރުގައި ރައްކާ ކުރެވިފައެވެ.

ކަނޑޫދޫ ހުކުރު މިސްކިތަކީ މިހާރުވެސް މީހުން ނަމާދު ކުރުމަށް ބޭނުންކުރާ މިސްކިތެކެވެ. އެއީ މީގެ 20 ވަރަކަށް އަހަރު ކުރިޔާ ހަމަޔަށް ރަށުގައި ހުކުރު ނަމާދާއި އީދު ނަމާދުކޮށް އުޅުނު ރަށުގެ މައި މިސްކިތެވެ. މި މިސްކިތް ހެދި ތާރީހެއް އެއްވެސް ލިޔެކިޔުމަކުން އެނގެން ނެތް ނަމަވެސް އެ މިސްކިތަށް 200 އަށް ވުރެ ގިނަ އަހަރު ވެފައިވާކަން މިސްކިތުގެ ދެކުނު ފަރާތުގައިވާ މަހާނަ ގައުތަކުގައިވާ ލިޔުންތަކުން އެނގެއެވެ. އެހެންކަމުން އެ މިސްކިތަކީ ކަނޑޫދޫގެ ތާރީހަށް މުހިންމު ބިނާއެކެވެ. އަންނަން އޮތް ޖީލަށް ފޯރުކޮށްދޭން ޖެހޭ އަގުބޮޑު ތަރިކައެކެވެ.