ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވާ މީހުން ގިނައީ އޮފީސް މާހައުލުން ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާތީ އިލެކްޝަންސް ކޮމިޝަނުގެ ހިދުމަތްތައް އޮންލައިންކޮށް ދިނުމަށް އެ ކޮމިޝަނުން ނިންމައިފި އެވެ.
މިއަދު އެ ކޮމިޝަނުން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ އޮފީސް މާހައުލުން ކޮވިޑް ފެތުރޭ މިންވަރު އިތުރު ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދެއްކުމުގެ ސަބަބުން ބައެއް ފިޔަވަޅުތައް އަޅަން އެކޮމިޝަނުން ނިންމައިފައިވާ ކަމަށެވެ.
އެގޮތުން އިލެކްޝަންސް ކޮމިޝަން އޮފީހަށް ގޮސްގެން ހޯދާ ހިދުމަތްތައް މާދަމައިން ފެށިގެން އެ ކޮމިޝަނުން ވަކި ގޮތެއް އަންގަންދެން ދެމުންގެންދާނީ އީމެއިލް މެދުވެރިކޮށް ކަމަށް އެކޮމިޝަނުން ބުނެއެވެ. އާންމު ފަރާތަކުން އިލެކްޝަނުން ހިދުމަތެއް ހޯދަން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަންގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ އީ-ގަވަމަންޓު މެދުވެރިކޮށް އެ ހިދުމަތެއް ހޯދޭނެ ކަމަށް އިލެކްޝަނުން ބުނެފައިވެއެވެ.
މީގެ އިތުރުން މާދަމައިން ފެށިގެން އެ ކޮމިޝަން ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން މެންދުރު ފަހު 13:00 އަށް ކަމަށް އިލެކްޝަނުން ބުނެއެވެ.
އިލެކްޝަންސް އިން ދޭ އެއްވެސް ހިދުމަތެއް ލަސްވާނަމަ، ނުވަތަ އެ ކޮމިޝަނުން ދޭ ހިދުމަތްތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުން ނަމަ، އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ (9867422) އަށް އެކަން މެސެޖަކުން އެންގުމަށް އިލެކްޝަނުން އެދިފައި ވެއެވެ. ކޮވިޑް 19 ފެތުރުން ހުއްޓުވުމަށް އެ ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތްތަކަށް އާންމު ފަރާތްތަކުން އެއްބާރުލުން ދިނުމަށް އެ ކޮމިޝަނުން އެދިފައި ވެއެވެ.
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން