ކުރިއަށް އޮތް އޭއެފްސީ ކަޕް އަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ވަރުގަދަ ކުރުމަށްޓަކައި، ރާއްޖޭގައި އުފެދުނު ތަޖުރިބާކާރު އެއް މިޑްފީލްޑަރު އަދި މާޒިޔާގެ ކުރީގެ ކުޅުންތެރިޔާ އަސްހަދު އަލީ (އަޑުބަރޭ) ގެންނަން އޭނާ އާ ވާހަކަ ދެކެވެމުން އަންނަ ކަމަށް އެކުލަބުން ބުނެފި އެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން މާޒިޔާގެ އޮފިޝަލަކު ވިދާޅުވީ ކްލަބުން އަޑުބަރޭ ގެންދިއުމުގެ ޝައުގު ހުރުމުން އޭނާއާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އަޑުބަރޭވެސް ޓީމާ ގުޅުމުގެ ޝައުގު ހުރިކަން ފާޅުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް އަދި އެކަމުގައި ދެފަރާތުން ވެސް ގޮތެއް ނިންމާފައި ނުވާކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މީގެ އިތުރުން އޮފިޝަލް ވިދާޅުވީ އޭއެފްސީ ކަޕް އަށް މާޒިޔާ ތައްޔާރުވަމުން އަންނައިރު، ކުރިއަށް އޮތް ހަފުތާގައި ޓީމަށް ބައެއް ބަދަލުތައް އަންނާނެ ކަމަށެވެ. ޓީމަށް ގެންނަ ބަދަލުތައް އަންނަ ހަފުތާ ނުވަތަ ކުރިއަށް އޮތް ދެހަފުތާ ތެރޭ މީޑިއާއާ ހިއްސާ ކުރައްވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވަމުން ގެންދަވާ އަޑުބަރޭ ވަނީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބު ނިއުރޭޑިއަންޓުގައި ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ. ރާއްޖޭގެ ގައުމީޓީމް ގައި ވެސް އަޑުބަރޭވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. އެގޮތުން އަޑުބަރޭގެ ކެޕްޓަންކަމުގެ ދަށުން 2016 ވަނަ އަހަރު ބަނގްލަދޭޝްގައި އޮތް 'ބަންގްބަންދު ގޯލްޑް ކަޕް' ގައި ރާއްޖެ ވަނީ ސެމީ ފައިނަލާއި ހަމައަށް ދަތުރު ކޮށްފައެވެ.

މިދިޔަ ސީޒަނުގައި ކްލަބު ގްރީން ސްޓްރީޓުން ފެނިގެންދިޔަ އަޑުބަރޭއަށް ސީޒަންގެ ވަރަށް ކުރީކޮޅު ލިބުނު އިންޖަރީއަކާ ގުޅިގެން އޭނާވަނީ ކުޅުމާއި ދުރަށް ގޮސްފައެވެ.

އޭއެފްސީ ގްރޫޕް ސްޓޭޖުގައި މާޒިޔާ ކުޅެންޖެހޭ މެޗުތައް އޮންނާނީ އޮކްޓޯބަރު 23 ން ފެށިގެންނެވެ. ކޮންމެ ތިން ދުވަހަކު މެޗެއް ކުޅެން ޖެހޭގޮތަށް ޝެޑިއުލް ހަދައިފައިވާއިރު އޮކްޓޯބަރު 23 ވާ ހުކުރު ދުވަހު މާޒިޔާ ނިކުންނަށް ޖެހޭނީ ބަނގްލަދޭޝްގެ ބަޝުންދްރަ ކިންގްސް އާ ދެކޮޅަށެވެ. އޮކްޓޯބަރު 26 ވާ ހޯމަ ދުވަހު މާޒިޔާ ނިކުންނަން ޖެހޭނީ ޓީސީ އާ ދެކޮޅަށެވެ.