ރާއްޖޭގައި މިއޮތް ރިޔާސީ ނިޒާމުގައި، މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެރިކަން ކުރަން ނޭނގުމަކީ، އެ ނިޒާމުގައި ވެރިކަން ކުރަން އެހެން މީހުންނަށް ނޭނގުން ނޫނަކަމަށް ކުރީގެ ނައިބު ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ވީޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ޑޮކްޓަރު ޖަމީލު ވިދާޅުވީ، ރިޔާސީ ނިޒާމަކުން 2008 ވަނަ އަހަރު ވެރިކަމަށް ވަޑައިގެން ރައީސް ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

ރާއްޖޭގައި މިހާރު މިއޮތް ރިޔާސީ ނިޒާމުގެ ބަދަލުގައި ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް މަޖިލިސް ރައީސް މަސައްކަތް ކުރައްވާކަން ފާހަގަ ކުރައްވައި ޑރ. ޖަމީލު ވިދާޅުވީ، ރައީސް ނަޝީދު ދައްކާ ކޮންމެ ވާހަކައަކަށް ރާއްޖޭގެ ރައްޔިތުން ވަގުތު ހޭދަކުރަން ނުޖެހޭ ކަމަށެވެ.

ޖަމީލު ވިދާޅުވީ، ރާއްޖޭގައި އޮންނަން ޖެހޭ ވެރިކަމުގެ ނިޒާމު ރާއްޖޭގެ ރައްޔިތުން ކަނޑައަޅާފައިވާ ކަމަށެވެެ.

ރާއްޖޭގެ ގާނޫނުއަސާސީ ބިނާވެގެން އައިސްފައި ވަނީ ރާއްޖޭގެ ރައްޔިތުންނާ ވާހަކަ ދައްކައި ފެންނަނުފެންނަ ވޯޓަކަށް ގޮސް ސީދާ އެ ނިޒާމާ ބެހޭގޮތުން ރައްޔިތުން ނެގި ވޯޓުން ގާނޫނުއަސާސީގެ ތެރޭގައި އެބައި ހިމެނިގެން ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ. އެހެންކަމުން ރައީސް ނަޝީދު ވިޔަސް އެހެން ބޭފުޅަކު ވިޔަސް، ހާއްސަކޮށް ޑިމޮކްރަސީގެ ވާހަކަ ދައްކަވާ ބޭފުޅުން، ރައްޔިތުންގެ އެ ނިންމުން ގަބޫލު ކުރަންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމާބެހޭގޮތުން ވާހަކަ ދެއްކުމުގެ ހައިސިއްޔަތު ރައީސް ނަޝީދަށް ލިބިގެންވާކަމަށް ދެކެވަޑަައިނުގަންނަވާ ކަމަށެވެ. އެމަނިކުފާނަކީ، ދުސްތޫރީ މާހިރެއްނޫން ކަމަށާއި، ނިޒާމުތައް ގުޅިފައިވަނީ ދުސްތޫރީ ގާނޫނާކަމުން، ކޮންސްޓިއުޝަނަލް ނިޒާމު ތަކުގެ ބަހުސްކުރަން އެނގޭނީ އޭގެ އިލްމުވެރިންނަށް ކަމަށްވެސް ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ، ރިޔާސީ ނިޒާމުގައި ރައީސް ނަޝީދަށް ވެރިކަން ކުރައްވަން އެނގިވަޑައި ނުގެންނެވިޔަސް، އެ ނިޒާމުގައި ކާމިޔާބު ކަމާއެކު ރާއްއްޖޭގައި ވެރިކަން ފުރިހަމަ ކުރައްވާފައިވާ ކަމަށެވެ.

އެގޮތުން ރާއްޖޭކެ އެކި ހިސާބަށް ތަރައްގީ ގެންނަވައި، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށްގެން، ކުރީގެ ރައީސް އަބުދުﷲ ޔާމީން އެމަނިކުފާނުގެ ވެރިކަމުގެ ނިޒާމު ފުރިހަމަ ކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ. އެ ނިޒާމުގައި ރައީސް ނަޝީދަށް ވެރިކަން ކުރަން އެނގިވަޑައނުގެންނެވި ނަމަވެސް އެނިޒާމުގައި ވެރިކަން ކުރެވޭނެ ގާބިލު އެތައް ބަޔަކު ރާއްޖޭގައި އެބަތިބި ކަމަށްވެސް ވިދާޅުވިއެވެ.