ދިވެހިރާއްޖޭގެ ތާރީޚު

ދިވެހިރާއްޖެ އާބާދުވެ ދައުލަތެއް ގާއިމުވުން

މުހައްމަދު ނާޖިހު

3

ތާރީޚު ދިރާސާކުރުމުގައި އެންމެ އިސްކަމެއް ދެވޭ އަސާސްތަކަކީ ފެންނަން އޮންނަ އެންމެ ދުވަސްވީ ހެކިތަކެވެ. ހަމަމިފަދައިން ތަވާތުރު މަގުން ރިވާވަމުން އަންނަ ޒަމާންވީ ވާހަކަތަކެވެ. އަދި މި ވާހަކަތަކުގެ އިތުރުން ފޯކުލޯރުގެ ތެރޭގައި ހިމެނޭ ވާހަކަތެކެވެ. ހަމަމިފަދައިން އެ ޒަމާނެއްގައި އެތަނެއްގެ ވަށަވަށައިގެންވާ މާހައުލުގެ ކަންކަން ބަލައި ހޯދައި ދިރާސާކުރުމަކީވެސް ވަރަށް މުހިންމުކަމެއްކަމުގައި ނޫނީ ނުވާނެއެވެ. ދިވެހި ތާރީޚު ސާފުކުރުމަށް އެދޭމީހާ މިރާއްޖޭގައި ދިރިއުޅެމުން އައީ ކޮން ބައެއްކަމާއި އަދި އެބަޔަކު ތަބާވަމުން އައި އަގީދާއަކީ ކޮބައިކަމާއި އެބައެއްގެ ދިރިއުޅުމުގެ ވައްޓަފާޅިގަނޑާއި އަދި ވަށަވަށައިގެންވާ ގައުމުތަކުގެ އަހުލުވެރިންގެ މެދުގައި ކަންހުރި ނެތްގޮތް ބަލަންޖެހެއެވެ. ޖުމްލަކޮށް ދަންނަވާނަމަ ރާއްޖޭގެ އެންމެ އެވާލާ ޒަމާނުގެ ތާރީޚަކީ ކޮބައިކަން ސާފުކުރެވޭތޯ މަސައްކަތްކޮށްގެން ނޫނީ ދިވެހި ތާރީޚުގެ އަލިމަގެއް ފެންނާނެކަމަކަށް އަޅުގަނޑަކަށް ގަބޫލެއްނުކުރެވެއެވެ.

ތާރީޚު ދިރާސާކުރާ ބަޔަކަށް އެންމެ ބޮޑު އަލިމަގެއް ދައްކައިދޭނެ އެއް ވަސީލަތަކީ އެބައެއްގެ ތެރޭގައި ކިޔަމުން އަންނަ ފޯކުލޯރުގެ ތެރޭގައި ހިމެނޭ ވާހަކަތަކެވެ. މި ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވެ އުޅެން ފެއްޓި ވަކި ތާރީޚެއް ސާބިތުކަމާއެކު އެނގޭކަށް ނެތެވެ. އަދި ދިވެހިރާއްޖޭގައި ސިވިލައިޒޭޝަނެއް ބިނާވެ ރަސްކަމެއް އިއުލާންވެވިގެން ދިޔަ ޒަމާނެއްގެ ޚަބަރެއްވެސް ތަފްސީލީ ގޮތެއްގައި ފެންނާކަށް ނެތެވެ. އެހެންނަމަވެސް އެވޭލާ ޒަމާނުގެ ލިޔުންތެރިންގެ ބައެއް ލިއުއްވުންތަކުންނާއި ފޯކުލޯރުން މި ރާއްޖޭގެ ޚަބަރުތަށް ފިލާން އެބަހުއްޓެވެ. އޭގެ އަލީގައި އަޅުގަނޑުމެންނަށް އެޒަމާނުގައި ރާއްޖޭގެ ކަންކަން ހުރިނެތްގޮތާއި ބެހޭ ގޮތުން ކޮންމެވެސް ވަރެއްގެ އަންދާސީ ސޫރައެއް ގެނެވިދާނެއެވެ.

ރާއްޖޭގެ ތާރީޚާއި ބެހޭގޮތުން ދިރާސާކުރެއްވި މުއައްރިޚުންގެ ލިޔުންތަކުން އެނގޭގޮތުގައި މީލާދުން 4 ވަނަ ޤަރުނުގެ ތެރޭގައި ރޯމަނުންގެ އެންޕަރަރ ޖޫލިޔަންގެ އަރިހަށް ދިވެހި ރަސްގެފާނުގެ ފަރާތްޕުޅުން ހަދިޔާ ހިއްޕަވައިގެން ސަފީރުން ދިޔަކަން އެނގެއެވެ. އެ ލިޔުމުން އެނގޭ ގޮތުގައި "ދީވީންނާއި ސަރަންދީވީންގެ ފަރާތުން އެންޕަރަރ ޖޫލިޔަންގެ ހިރިޔާފާތުރާ ދަށަށް ސަފީރުން ފޮނުވިއެވެ." (ލާސް ވިލްގަން/1992) ސަރަންދީވީންނަކީ ސިލޯނު ނުވަތަ މިހާރުގެ ނަމުންނަމަ ލަންކާ މީހުންނެވެ. ދީވީންނަކީ ދިވެހިންނެވެ. މި ތަނުގައި "ދީވީންނާއި" އަދި " ސަރަންދީވީން" ވަކި ކޮށްފައި ލިޔެފައި އޮތުމުގެ ސަބަބުން މީލާދުން 4 ވަނަ ގަރުނުގައިވެސް އަޅުގަނޑުމެންގެ މިނިވަން މުސްތަގިއްލު ގައުމެއްކަމަށް ގަދަ ދަލީލު ލިބެއެވެ. ހަމަ މިފަދައިން ދިވެހިރާއްޖޭގެ ރަސްގެފާނު ސްރީ ބާލާދީއްތަގެ ފަރާތްޕުޅުން ފޮނުވުނު ސަފީރުން ސީނުކަރައިގެ އެންޕަރަރގެ ހިރިޔާފާތުރާ ދަށަށް މީލާދުން 658 ވަނަ އަހަރުގައްޔާއި 662 ވަނަ އަހަރުގައި ދިޔަކަން ފެންނަން އެބައޮތެވެ. އެއިރު ސީނުކަރައިގެ މައްޗަށް ވެރިކަން ކުރަމުން ދަނީ ޓޭންގް ދަރިކޮޅުންނެވެ. ރާއްޖޭގެ މައްޗަށް ވެރިކަން ކުރަމުންދަނީ ސޯމަވަންސަ ދަރިކޮޅުންނެވެ.

ރާއްޖޭގެ ތާރީޚާއި ބެހޭގޮތުން ދިރާސާކުރެއްވި އެޗް.ސީ.ޕީ. ބެލް (1945) އާއި ކްލެރެންސް މެލޮނީ (1980) އާއި ޒެވިޔަރ ރޮމީރިއޯ ފްރިއާރސް (2003) ފަދަ ބޭފުޅުންގެ ދިރާސާތަކުން ރާއްޖޭގެ އެންމެ އިހު އެވޭލާ ޒަމާންތަކުގައި މީހުން އާބާދުވެފައިވަނީ އެއްފަހަރާ ނޫންކަން އެނގެއެވެ. އެކި ކަންކޮޅުތަކުން އެކި ފަހަރުމަތިން މަދު މަދު މީސްކޮޅު އައިސް ވަޒަންވެރިވެ ދިރިއުޅެމުން ދިޔައީކަން އެނގެއެވެ. ކްލެރެންސް މެލޮނީ ބަޔާންކުރައްވާގޮތުގައި ރާއްޖޭގެ އެންމެ ފުރަތަމަ ވަޒަންވެރިންނަކީ އިންޑިޔާގެ އިންޑަސް ވާދީ ސިވިލައިޒޭޝަނުގެ ދުވަސްވަރު ގުޖުރާތުން އައިސްފައިވާ ބަޔަކަށް ވުމީ އެކަށީގެންވާ ކަމެއްކަމަށެވެ. މީލާދުގެ 500 އަހަރު ކުރިން ގުޖުރާތުގެ މީހުން ސިލޯނު އާބާދުކުރި ދުވަސްވަރު ދިވެހި ފަރުފަރަށް ނައުފަހަރު އުރިގެންނާއި އަދި ސިޔާސީ އެކި ކަންކަމުގައި އަރުވާލުން ފަދަ ސަބަބުތަކުން ނަމަވިޔަސް އެ ދުވަސްވަރުގައި ރާއްޖޭގައިވެސް ގުޖުރާތީން އާބާދުވުމަކީ އެކަށީގެންވާކަމެއްކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ. މި ބަހަށް ބާރުދޭ އެންމެ ބޮޑު އެއް ހެއްކަކީ ދިވެހިންގެ ދޯނިފަހަރު ބަނުމުގެ ފަންނުވެރިކަންކަމަށްވެސް މެލޮނީ ލިޔުއްވައެވެ.

ހަމަމިފަދައިން މެލޮނީ ރާއްޖެ އާއި ބެހޭގޮތުން ދިރާސާކުރެއްވުމަށްފަހު ލިޔުއްވި ޕީޕަލް އޮފް ދަ މޯލްޑިވް އައިލަންޑްސް ފޮތުގައި ބަޔާންކުރައްވާފައިވާ ގޮތުގައި ސަލާމްލެއްވި އީސާގެފާނުންގެ މީލާދުގެ ކުރިންވެސް ރާއްޖޭގައި އިންސާނުން ވަޒަންވެރިވެފައިވާކަމަށް ފެންނަ ބައެއް ލިޔުންތައް ސިލޯނުގެ އެވޭލާ ފަތްކޮޅުތަކުންނާއި ވަރަށް އެވޭލާ ޒަމާނުގެ ބުދުދީނުގެ ވާހަކަތަކެއް ކަމުގައިވާ ޖަޓަކާ ވާހަކަތަކުން ފެންނަން އެބަހުއްޓެވެ. މިގޮތުން ޖަޓަކާ ވާހަކަތަކުގެ 213 ވަނަ ނަންބަރު ވާހަކައާއި ވިދިގެން އަންނަ ބަޔާނެއްގައި ވެއެވެ.

"And those who at that time spoke the truth, blaming king Bharu for taking a bribe, found standing room upon a thousand islands which are yet to be seen to-day about the island of Nā'ikera."

މެލޮނީ ދެކެވަޑައިގަންނަވާ ގޮތުގައި މި ބަޔާނުގައިވާ upon a thousand islands އެ ނިސްބަތްކުރެވެނީ ހަމައެކަނި ދިވެހިރާއްޖެއަށް ކަމަށާއި އަދި މިކަމުގެ އެއް ދަލީލަކީ ދިވެހިރާއްޖޭގެ ރަށްތަކުގެ ކުދިކަމަށް ނިސްބަތްކޮށް ލިޔެފައި އެވާ "ހަމައެކަނި ކޮޅަށް ހުރެލާނެ ޖާގައެއްގެ ވާހަކަ" ކަމަށްވެސް މެލޮނީ ލިޔުއްވައެވެ. އަދި ހަމަމިފަދައިން the island of Nā'ikera." ނާއިކެރައިގެ މާނައަކީ ކާށިކަމަށާއި އަދި ކެރެލާގެ އައްސޭރިފަށާއި ސިލޯނާއި ދިވެހިރާއްޖެއަކީ ގިނައިން ކާށި ލިބެން ހުރި ތަންތަންކަމަށްވުމުން ނާއިކެރަ ޖަޒީރާއަކީ ކޮބައިކަމެއް ނޭނގޭކަމަށާއި އެހެންނަމަވެސް މީލާދީން 7 ވަނަ ގަރުނުގައި ސީނުކަރައިގެ ހަސަން ޒޭންގް ރާއްޖެއަށް އެނަމުން ނަންދީފައިވާކަމަށް ވެސް ލިޔުއްވާފައިވެއެވެ. ވީމާ މިތަނުގައި ބަޔާންކޮށްފައި އެވާ ނައިކެރަ ޖަޒީރާ އަކީ ދިވެހިރާއްޖެކަމަށްވުން އެކަށީގެންވާކަމަށް މެލޮނީ ދެކެވަޑައިގަންނަވައެވެ. މީގެ އަނެއް ވާހަކައެއް ގޮތުގައި މެލޮނީ ގެންނަވައިފައިވާ ވާހަކައަކީ ސިލޯނުކަރައިން ޔައްކާސް ފައްސާލެވުނު ގޮތާއިބެހޭގޮތުން ދީޕަވަންސާގައި ބަޔާންކޮށްފައިވާ ވާހަކައެވެ.
މީލާދުގެ 300 އަހަރު ކުރީގައި ލިޔެވިފައިވާ ސިލޯނުކަރައިގެ ބޯދާ ޒަމާނުގެ ފަތްފުށްތަކެއް ކަމުގައިވާ މަހަވަންސާގައި އެ ޖަޒީރާއަށް ޕްރިންސް ވިޖާޔާ ވަޑައިގެންނެވިކަމަށް ލިޔެފައިވާ ބާބުގައިވާ ގޮތުން ޕްރިންސް ވިޖާޔާގެ ޢަމަލުތަކުގެ ސަބަބުން އޭނާގެ ބައްޕަ ސިންހަބާހޫ އޭ ކިޔުނު ރަސްގެފާނު މި ޕްރިންސް ވިޖާޔާ އާއި އެނާއަށް ތަބާވާ 700 މީހުންނާއި އެމީހުންގެ އަނބިން އެކިއެކި ނާފަހަރަށް ލުމަށްފަހު އިންޑިޔާއިން ފޮނުވާލީ ނުވަތަ އަރުވާލެއްވީއެވެ. މި ޕްރިންސް އާއި އޭނާގެ އެކުވެރިންނަށް (ފިރިހެނުނަށް) ދެވުނީ ސުއްޕަރަކަ ކިޔާ ރަށަކަށްކަމަށް އޭގައި ލިޔެފައިވެއެވެ. އަދި އެމީހުންގެ އަނބީންނަށް (އަންހެނުން ތިބި ނަވަށް) ދެވުނީ މަހަލަދީޕާ ކިޔާ ރަށަކަށްކަމަށްވެސް އޭގައި ވެއެވެ. ހަމަމިފަދައިން ކުޑަކުދިން ތިބި ނަވަށް ދެވުނީ ނައްގަދީޕާއަށް ކަމަށްވެސް ލިޔެވިފައިވެއެވެ. ސީ. ރަސަނަޔަގަމް މުދަލިޔާރު ލިޔުއްވާފައިވާ އޭންޝަންޓް ޖަފްނާގައި އެނާ ލިޔުއްވާފައިވާ ގޮތުން ނައްގަދީޕާ އަކީ ނާގަބާޑި ނުވަތަ ނިކޮބާރް ޖަޒީރާތަކެވެ. އެއީ ތަމަޅައިންނާއި ދިވެހީންވެސް ކިޔާ ނައްކަވާރެވެ. މުދަލިޔާރު ލިޔުއްވާފައިވާ ގޮތުންނަމަ އަންހެނުން ތިބި ނަވަށް ދެވުނު ތަނަކާއި މެދު ލިޔެފައިވާ ކަލިމަ ދެގޮތަކަށް ތަރުޖަމާކުރެވިފައިވެއެވެ. މުދަލިޔާރު ލިޔުއްވަނީ އެއީ ގެއިގަރ ކިޔުއްވާ ގޮތުންނަމަ މަހިލަދީޕާ އެވެ. އަދި ވިޖެސިންހެ އާއި ސުމަންގަލާ ކިޔުއްވާގޮތުންނަމަ އެއީ މަހިންދަދީޕާއެވެ. އަދި ހަމަ މީގެ އިތުރުން މުދަލިޔާރު ވެސް ބުރަވެލައްވަނީ އެއީ މަހިންދަދީޕާކަމަށެވެ. މރ ގުންޕަލަ ޕިޔަސޭނާ މަލަލަސެކަރަ ލިޔުއްވާފައިވާ ޕާލީ ނަންނަމާއި ބެހޭ މުންޖިދުގައި އޭނާ ވެސް ވިޖަޔާގެ ނަން ލިޔެފައި އޭގެ ތަފްސީލު ބަޔާން ކުރައްވަމުން ލިޔުއްވާފައިވަނީ އަންހެނުން ތިބި ނައު ފަހަރަށް ދެވުނީ މަހަލަދީޕާއަށް ކަމަށެވެ. މަހަލަދީޕާ ނުވަތަ މަހިންދަދީޕާ އަކީ އަޅުގަނޑުމެންގެ މި ދިވެހިރާއްޖެއެވެ. މާނައަކީ އަންހެންވެރީންގެ ޖަޒީރާއެކެވެ.

މަޝްހޫރު ތާރީޚު އިލްމުވެރިޔާ އަލްއުސްތާޒު މުހައްމަދު އިބްރާހިމް ލުތުފީ ލިޔުއްވި މުޚްތަސަރު ތާރީޚު ދީބާ މަޙަލްގައި އެމަނިކުފާނު ކުރެއްވި ދިރާސާއަކަށްފަހު ލިޔުއްވާފައިވަނީ ރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވި މީހުންގެ ތެރޭގައި އިންޑޮނީޝިޔާއިން މަޑަގަސްކަރައަށް ހިޖުރަކުރި "މެލޭ ދަރިކޮޅުގެ" މީހުން ހިމެނޭކަމަށެވެ. އަދި މަޑަގަސްކަރަޔަށް ދިޔަ މީހުންގެ ތެރެއިން ބަޔަކު މަޑަގަސްކަރައިގައި ދިރިއުޅެނިކޮށް އަރަބީންނާ ކުރި ހަނގުރާމައަކަށްފަހު އޭގެ ތެރެއިން ބަޔަކު ރާއްޖެއަށް އައިސްފައިވާކަމަށްވެސް ލިޔުއްވިއެވެ. އެގޮތުން ބެލް ލިޔުއްވާފައި އެވާ މާލެއި ދަރިކޮޅަކީ އަސްލުގައި މެލޭ ދަރިކޮޅުކަމަށްވެސް ލުތުފީ ވިދާޅުވެއެވެ.

ގްލޯބަލް ޕްރީ ހިސްޓްރީ އޮފް ހިޔުމަން މައިގްރޭޝަން މި ފޮތުގައިވާ ގޮތުން މަޑަގަސްކަރަޔަށް ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކުން އިންސާނުން ހިޖުރަ ކުރި ކަމުގައިވާނަމަ އެބަޔަކަށް މަޑަގަސްކަރަޔާ ހަމަޔަށް ފޯރާނީ 150 ދުވަހުންނެވެ. އަދި މި ދަތުރު ކުރާ މަގުގެ ތެރޭގައި އެކުލެވިފައިވާ މިވާ ދިވެހިރާއްޖޭގެ ޖަޒީރާތަކުގައި ވެސް އޭގެ ތެރެއިން ބަޔަކު ވަޒަންވެރިވެފައިވާނޭކަމަށް ވަރަށް ބޮޑަށް ބެލެވޭކަމަށްވެސް ލިޔެފައިވެއެވެ. ހަމަމިފަދައިން "އެމެރިކަން ޖާރނަލް އޮފް ފިޒިކަލް އެންތްރޮޕޮލިޖީ" ގައި "ހިޔުމަން ޖެނެޓިކް އޮރިޖިން އެންޑް ޕޮޕިއުލޭޝަން ސްޓްރަކްޗަރ އޮފް މޯލްޑިވްސް" ގެ ނަމުގައި ޝާއިއުކުރެވިފައިވާ ދިރާސާ މަޒްމޫނުގައި ފިޓްޒްޕެޓްރިކާއި ކައްލަޣާންއާ ޙަވާލާދީ ލިޔެފައިވާ ގޮތުން މަޑަގަސްކަރަޔަށް އިންސާނުން ހިޖުރަކުރި ދަތުރުގައި ދިވެހިރާއްޖެ އޮންނަނީ އެ ދަތުރު ކުރާ މަގުގެ މެދުގައިކަމުން މި ރާއްޖެއަށް އެމީހުން މަޑުކުރުމަކީ ވަރަށްބޮޑަށް ބެލެވޭކަމެއްކަމުގައެވެ. އަދި ބޮޑަށް ބެލެވޭ ގޮތުގައި އިންޑޮނީޝިޔާއިން އިންސާނުން މަޑަގަސްކަރައަށް ކުރި ހިޖުރައިގެ ދަތުރުގައި ރާއްޖޭގައި އިންސާނުން ވަޒަންވެރިވުމަށްވުރެ ބޮޑަށް ބެލެވެނީ ކާބޯތަކެއްޗާއި ފެނާއި އެހެނިހެން ތަކެތި ހޯދުމަށް މަޑުކޮށްލާ މަންޒިލެއްގެ ގޮތުގައި ރާއްޖެވެފައި އޮންނާނެކަމަށެވެ.
ހަމަ މީގެ އިތުރުން އިންޑިޔާ އާއި ދިވެހިންނާއި ވަރަށް ބޮޑު ޖެނެޓިކް ގުޅުމެއްވާ ކަމަށް އެ ދިރާސާއިން ދެއްކިކަމަށްވެސް ލިޔެފައިވެއެވެ. ދިވެހިންނާއި އިންޑިޔާގެ މީހުންނާއި ދެމެދު ޖެނެޓިކަލް ގުޅުމެއް އޮތްކަމަށް މިދިރާސާއިން ދެއްކުމުން ކްލެރެންސް މެލޮނީ އަދި ތޯ ހައިދާލް ފަދަ ބޭފުޅުންގެ ނަޒަރިއްޔާތަށް އިތުރު އެތަށް އަލިކަމެއް ލިބިގެންދާކަމަށް އަޅުގަނޑަށް ބެލެވެއެވެ.

ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައި މި އޮންނަ ހިސާބަކީ އެވޭލާ ޒަމާނުގެ ދަތުރުފަތުރު ކުރުމުގެ މައިމަގެކެވެ. ކުރިންވެސް ބަޔާންކުރެވުނު ފަދައިން ފެން ބަރުކުރުމާއި ކާބޯތަކެތި ހޯދުމާއި ވައި ނުބައިވެގެންނާއި އަދި އެހެނިނެހެންވެސް މުހިންމު ބޭނުންތަކަށްޓަކައި ދިގު ދަތުރުތައް ކުރަމުންދާ ނާފަހަރުގެ އެންމެ މަގުބޫލު އެއް ބަނދަރެވެ. ވީމާ މިގޮތުން މަޑުކުރާކުރުމުގެ ތެރެއިން މި ރާއްޖޭގެ އާބާދުވުމަށްކޮށްފައި ވާނޭކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. މިބަހަށްވެސް އިހުގެ އެތަށް ލިޔުންތަކަކުން ދަލީލުލިބެން އެބަހުއްޓެވެ. އެގޮތުން މީލާދުން 1200 ވަނަ އަހަރުތަކުގެ ތެރޭގައި އުޅުއްވި ޝަމްސުއްދީނު މުހައްމަދު އިބްނި އަބީ ތާލިބް އަލް ދިމިޝްގީއޭ ކިޔުނު ބޭފުޅަކު ލިޔުއްވާފައިވާ އަރަބި ޖޯގުރަފީއާ ބެހޭ ފޮތެއްގައި ރާއްޖޭގެ ވާހަކަ ލިޔުއްވާފައިވެއެވެ. އެފޮތުގައި އޭނާ ލިޔުއްވާފައިވާ ގޮތުގައި ދިވެހިރާއްޖެއަކީ އަރަބި ކަނޑު ހުރަސްކުރާ ނާފަހަރުގެ އަހުލުވެރިން އަރާމުކުރުމަށާއި އަދި ކާބޯތަކެތި ބަރުކުރުމަށް މަޑުކޮށްލާ މަންޒިލެކެވެ. އަދި ދިވެހީންނަކީ "އަރަބި ނަސްލުގެ" ބައެއްކަމަށްވެސް އޭނާ ބަޔާންކުރައްވާފައިވެއެވެ.
ދިވެހި ފޯކުލޯރުގައި ކިޔާ ގޮތުންނަމަ ރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވެ އުޅުނީ ރެދީން ކިޔާ ބަޔެކެވެ. މިއީ މާ ބޮޑެތި ޖާދޫގެ ބާރުތަކެއް ލިބިގެންވާ ވަރަށް ބާރުގަދަ ބިޔަ ބޮޑެތި ބައެއްކަމަށްވެސް ކިޔައި އުޅެއެވެ. މިބައިމީހުންނަކީ ވަރަށް ގިނަ އިމާރާތްތަށް ބިނާކޮށް އުޅުނު ބައެއްކަމަށްވެސް ވެއެވެ. މިބައިމީހުން ހެދި ތަންތަންކަމަށް ބުނެވޭ ތަންތަނުގެ އާސާރުތަށް އަދިވެސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފެންނަން އެބަހުއްޓެވެ. އެގޮތުން ފުވައްމުލަކު ހަވިއްތަ އާއި އުނގުލުގައި ހުންނަ ރެދީންގެ ގާފުންޏާއި މިލަދޫ އާއި އަދި ހައްދުންމަތީގައިވެސް ވާ އެފަދަ ތަންތަން ފާހަގަކޮށްލެވެއެވެ. މިހެންވުމުން ފެންނަންހުރި އެތަށް ހެތްކަކާއި ގަރީނާތަކުގެ މައްޗަށް ބުރަވެ އަޅުގަނޑު ގަބޫލުކުރަނީ ރާއްޖޭގައި އެންމެ އެވޭލާ ޒަމާނުގައި ދިރިއުޅެމުންދިޔައީ އިންޑިޔާގެ ޑްރެވީޑިޔަން ދަރިކޮޅުގެ މީހުންކަމެވެ. އަދި އޭގެފަހުން ސިލޯނުން އާރްޔަން ދަރިކޮޅުގެ މީހުން ވަޒަންވެރިވީކަމުގައެވެ. އަދި އެކިއެކި ޒަމާންތަކުގައި އެކިއެކި ސަރަހައްދުތަކުން އެކި ނަސްލުގެ މީހުން އައިސް ވަޒަންވެރިވެ ދިވެހީންގެ މިހާރުގެ ނަސްލު އުފެދިގެން ދިޔައީކަމުގައެވެ. މިހާރުވެސް ދެކުނުގެ އަތޮޅުތަކުގައި މަމާލިކުންގެ ބޮޑު ދަރިކޮޅެއް އެބައޮތެވެ. އަރިއަތޮޅުގައި ފަރަންސޭސި ޖޭކޮބް ކިޔާ މީހެއްގެ ބޮޑު ދަރިކޮޅެއް އެބައޮތެވެ. އަރިއަތޮޅުގައި ސަންގޯރުކިޔާ ބަބުރެއްގެ ދަރިކޮޅުވެސް އެބައޮތެވެ. މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީގައި ކާވިޔާއޭ ކިޔާ ބަބުރެއްގެ ދަރިކޮޅު އެބައޮތެވެ. މާލޭގައިވެސް މިފަދަ ތަފާތު ދަރިކޮޅުތައް އެބައޮތެވެ. މިހުރިހާ ނަސްލުތަކުގެ މީސްމީހުންގެ ސަގާފަތާއި އާދަކާދަތަށް އެއްވެ ދިވެހި ސަގާފަތު އުފެދިގެން އައީއެވެ.

އާދެ އިސްވެ މަތީގައިވެސް ދަންނަވައިލެވުނުފަދައިން ދިވެހިރާއްޖޭގައި ސީދާ ބަޔަކު ވަޒަންވެރިވެ ދައުލަތެއް ގާއިމުކުރި ޒަމާނެއް ނުވަތަ ތާރީޚެއް އެނގޭކަށް ނެތެވެ. މީލާދުން 4 ވަނަ ގަރުނުގެ ތެރޭގައި ރޯމަނުންގެ އެންޕަރަރ ޖޫލިޔަންގެ އަރިހަށް ދިވެހި ރަސްގެފާނުގެ ފަރާތްޕުޅުން ހަދިޔާ ހިއްފައިގެން ސަފީރުން ދިޔަ ދިއުމާއި އަދި ދިވެހިރާއްޖޭގެ ރަސްގެފާނު ސްރީ ބާލާދީއްތަގެ ފަރާތްޕުޅުން ފޮނުވުނު ސަފީރުން ސީނުކަރައިގެ އެންޕަރަރގެ އަރިހަށް މީލާދުން 658 ވަނަ އަހަރުގަޔާއި 662 ވަނަ އަހަރުގައި ދިޔަ ދިއުންފަދަ ފެންނަންހުރި މި ޒާތުގެ އެތައް ހެކިތަކުން އެނގޭ ގޮތުގައި މި ރާއްޖެއަކީ އެންމެ އެވޭލާ ޒަމާނުއްސުރެ އަމިއްލަ ވެރިކަމެއް ކުރަމުން އަންނަ މިނިވަން މުސްތަގިއްލު ގައުމެއްކަމެވެ. އެހެންނަމަވެސް ދިވެހި ދައުލަތް ގާއިމުވެގެން ދިޔައީ ކޮންތާކުން އައި ކޮން ގަބީލާއެއްގެ ބައެއްގެ ފުށުންކަން ޔަގީންކަމާއި އެކު ދަންނަވަން އެނގޭނެ އެއްވެސް ގޮތެއް އަދިއެއް ނެތެވެ.

އަޅުގަނޑުމެންގެ ދިވެހި ފޯކުލޯރުގައި މި ރާއްޖޭގައި އެންމެ ފުރަތަމަ ދައުލަތެއް ގާއިމު ކުރެއްވި ބޭފުޅެއްކަމަށް ކިޔައި އުޅެނީ ކޮއިމަލާ ކަލޯއެވެ. ކޮއިމަލާ ކަލޯ އާއި އޭނާގެ އާއިލާ އާއި އަޅުން ރާއްޖެ ވަޑައިގެން ގިރާވަރު މީހުންގެ އަތުން ހުއްދަ ލިބިގެން މާލޭގައި ވަޒަންވެރިވެ ދައުލަތެއް ގާއިމުކުރެއްވި ކަމަށް ކިޔައި އުޅެއެވެ. މި ވާހަކަ މި ތަނުގައި ބަޔާންކޮށްލުމަކީ އެދެވިގެންވާ ކަމެއްކަމަށް ފެންނާތީ ތިރީގައި މި ބަޔާންކުރަނީ ދިވެހިރާއްޖޭގެ ތާރީޚު ދިރާސާކުރެއްވި ސްޕެއިންގެ ބޭފުޅެއްކަމުގައިވާ ޒެވިޔަރ ރޮމޭރޯ ފްރިއާސް އޭނާ ލިޔުއްވި "ދަ ފޯރކްޓޭލްސް އޮފް މޯލްޑިވްސް" ފޮތުގައި އޭނާ އެވާހަކަ ބަޔާންކުރައްވާފައިވާ ގޮތަށެވެ.

ކޮއިމަލާ ކަލޯ

ވަރަށް ކުރީ ޒަމާނެއްގައި ވަރަށް ދުރު ސަހަރެއްގައި ފަގީރު ދެމަފިރިއަކު އުޅުނެވެ. މިބައިމީހުން ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތަކީ ޝިކާރަކުރުމެވެ. މިގޮތުން އެއްދުވަހަކު ފިރިހެންމީހާ ޝިކާރަކުރުމަށްޓަކައި ޖަންގައްޔަށް ދިޔަގޮތަށް ޚަބަރެއްނުވިއެވެ. ފިރިމީހާގެ ޚަބަރު ނުވުމުން އެކަމާ ހިތާމަކޮށް އޭނާ ހޯދުމަށްޓަކައި ބަލިވެއިނދެ ވިހަން ގާތްވެފައިވާ އޭނާގެ އަނބިމީހާ ވެސް ގެއިން ނިކުމެ ފިރިމީހާ ހޯދުމަށްޓަކައި ޖަންގަލީގެ ތެރެއަށް ވަނެވެ. އަދި ފިރިމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ވިހެއުމުގެ ވޭންވަރު ލައިގަނެ ނިކަބިލީއްސަ ގަހެއްގެ ދޮށަށް އެކަނިއޮވެ އެ އަންހެން މީހާ ވިހެއެވެ. ވިހެއީ ފިރިހެން ކުއްޖެކެވެ. އެ އަންހެން މީހާ އެކުއްޖާ ނިކަބިލީއްސަ ގަހުގެ ދެމޫގަނޑު ދޭތެރޭ ކުއްޖާ ބޭއްވުމަށްފަހު ވެފައިހުރި ވަރުބަލި ފިލުވާލުމަށްޓަކައި އޮށޯވެލިތަނުން އެތަނަށް އައި މިނިކާވަގެއް އޭނާ ކާލިއެވެ. އެ މިނިކާވަގަކަށް އެކުއްޖާއެއް ނުފެނެއެވެ. މިހެންވުމުން އެ މިނިކާވަގުގެ އަނިޔާވެރިކަމުގެ ދަށުން އެކުއްޖާ ސަލާމަތްވިއެވެ.

އޭގެ އިރުގަނޑެއް ފަހުން ގެރިތަކެއް އައެވެ. އެގެރިތަކުގެ ތެރޭގައި ވިހައިފައި ދަރި މަރުވެ ކިރު އެރިފައިވާ ގެރިއެއް އޮތެވެ. ތަގުދީރުގައި ކަންހުރި ގޮތުން އެގެރިއަށް މަޑުކޮށްލެވުނީ އެކުއްޖާ އޮތް ތަނުގައެވެ. އިސާހިތަކު ބަނޑުހައިވެފައިވާ އެ ކުއްޖާ ގެރީގެ ވަށްގަނޑުގައި އަނގަޖަހައި ކިރުބޯންފެށިއެވެ. އަދި ދެން އެކުއްޖާ ބޮޑުވަމުން އައީ އެގެރީގެ ހިމާޔަތުގައި އެއީ މަންމަ ކަމުގައި ދެކިގެންނެވެ. މިގޮތުން އަހަރުތަށް ފާއިތުވަމުން އައިސް ރީތި ފިރިހެން ކުއްޖެއްގެ ގޮތުގައި އެކުއްޖާ ބޮޑުވިއެވެ. އެހެންނަމަވެސް ހިނގައި އުޅެނީ ހަތަރެސްފައިގައެވެ. ގޮއްވާ އަޑަކީ ގެރީގެ އަޑެވެ. ކަންވާނެ ބީދައިން އެކުއްޖާއަކަށް އިންސާނީ އެއްވެސް ބަސްމޮށުންތެރިކަމެއް ލިބިފައެއް ނުވެއެވެ. މިގޮތަށް ދުވަސްތައް ފާއިތުވަމުން ދަނިކޮށް ޝިކާރަކުރާ ބަޔަކަށް މީނާ ފެނި އެ ސަހަރުގެ ރަސްގެފާނަށް މީނާގެ ވާހަކަ ޚަބަރުކުރިއެވެ. އަދި މި ކުއްޖަކު ދެކިލުމުގެ ޝައުގު ރަސްގެފާނުގެ ހިތްޕުޅުގައި އުފެދި އިސާހިތަކު ލަސްކަރީންނައިގެން މި ކުއްޖާ ހޯދައި ހިފުމަށް ރަސްގެފާނު ޖަންގަލީގެ ތެރެއަށް ވަޑައިގަންނަވައިފިއެވެ.
ކަން ރޭވި އުސޫލުގެ މަތީން މި ކުއްޖާ ހިފުމަށް ވަލުތެރޭގައި ޖެހި ދަލުގައި މި ކުއްޖާ ޖެހުމުން ކޮއްޓަކަށް ލައިގެން ސަހަރަށް ގެންނަވައި އެ ސަހަރުގެ އެންމެހައި ހަކީމުންނާއި ދަންނަބޭކަލުން ގެންނަވައި އެކުއްޖާއަކީ ފުރޭތައެއްތޯ ބެލިއެވެ. އަދި އެބޭކަލުން އެއީ ހަމަ ރީތި އިންސާނެއްކަމާއި މެދު އެއްވެސް ޝައްކެއްނެތްކަމަށް ރަސްގެފާނަށް ދެންނެވުމުން ގަނޑުވަރުގައި އެކުއްޖާ ބަހައްޓަވައި އެންމެ މޮޅު އެދުރުބޭކަލުން ގެންނަވައި ކިޔަވައި ދެއްވަން ފެއްޓެވިއެވެ. އިސާހިތަކު އެސޮރު އިންސާނީ ބަހުރުވަ ދަސްކޮށް އެހެނިހެން އިލްމުތަށްވެސް އުނގެނެން ފައްޓައިފިއެވެ. މިކުއްޖާގެ ތޫނުފިލިކަމާއި ބުރުސޫރައިގެ ރީތިކަމަށްޓަކައި ރަސްގެފާނު މި ކުއްޖާއަށް ކޮއިމަލާއޭ ވިދާޅުވެ ނަންދެއްވަވައިފިއެވެ. މާނައަކީ މަލެއްފަދަ ކޮޔެވެ. މިގޮތުގައި ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް މި ކޮއިމަލާގެ ހިކުމަތްތެރިކަމާއި ތެދުވެރިކަން ދިޔައީ ރަސްގެފާނަށް ހާމަވަމުންނެވެ. މިހެންވުމުގެ ސަބަބުން އެރަސްގެފާނުގެ ކުރިފުޅުމަތީގައި މި ކޮޔަކީ އެރަސްގެފާނު އެންމެ އިތުބާރުކުރައްވާ ފަރާތްކަމުގައި ވެގެންދިޔައެވެ.

އެއްދުވަހަކު ރަސްގެފާނު ކޮއިމަލާއާ ސުވާލުކުރެއްވިއެވެ. "ކޮއިފުޅު ޖަންގަލީގައި އުޅުނު ދުވަސްވަރު ދުށް އެންމެ އަޖާއިބުކުރުވަނިވި ކަމަކީ ކޮބައިހެއްޔެވެ؟" ޖަވާބުގައި އެކޮއި ދެންނެވީ ސާހިބާ އޭ ތިމަން ދުށް އެންމެ އަޖާއިބުކުރުވަނިވި ކަމަކީ އެއްދުވަހު ގެރިތަކާއި އެކު ގޮނޑުދޮށަށް ނިކުތް އިރު މާދުރު ނޫން ހިސާބަކުން 7 ނާ ފެންނަން އޮތެވެ. ދަތުރުފަތުރު ކުރާ ނާފަހަރަކީ އަދި ތިމަންނަ ނުދެކޭ ޒާތެއްގެ އެއްޗަކަށްވާތީ އަޖާއިބުވެގެން އެއަށް ބަލަން އޮއްވައި ކަނޑުން ފާޅުވި ބޮޑު މަހެއް އެ ހަތް ނާ އެއްކޮށް ކާލިއެވެ. އެހެނަސް މި މަހަށް އަދި ކަނޑުގެ ތެރެއަށް ފީނައި ނުގަނެވިގެން އުޅެނިކޮށް ބޮޑު ބިޔަ ދޫންޏެއް އޭތި ޖަހައިގަނެގެން އުދުހިފައި ދަނިކޮށް އުސް ފަރުބަދައެއްގެ ކޮޅުގައިވާ ހޮހޮޅައަކުން ނިކުތް ބޮޑު ހަރުފައެއް މި ދޫނި ކާލިއެވެ. އަދި އިސާހިތަކު އޭތި އެ ފަރުބަދައިގެ ހޮހޮޅައިގެ ތެރެއަށް ޣައިބުވެއްޖެއެވެ.

މިވާހަކަ އައްސަވާފައި ރަސްގެފާނު ވަރަށް އަޖައިބުފުޅުވެއްޖެއެވެ. އަދި އެކޮއި ގާތު ވިދާޅުވިއެވެ. "ތިމަން މަނިކުފާނާއިގެން ތިޔަ ބުނާ ފަރުބަދައެއް ކައިރިޔަށް ދާން ކޮޔަށް އެނގޭނޭ ހެއްޔެވެ؟ އެކޮއި އިސާހިތަކު ދެންނެވިއެވެ. އާދޭހޭ ސާހިބާއޭ ތިމަންނާއަށް އެތަނަށްދާން އެނގޭނެއެވެ. ދެން ދަތުރަށް ތައްޔާރުކުރެއްވުމުގެ އަމުރުފުޅު ހިންގަވައި ހަފުތާއެއްހައި ދުވަހުގެ ތެރޭގައި އެ ފަރުބަދަދޮށަށް ދިއުމަށް ރަސްގެފާނު ކޮއިމަލާއާއެކު އެންމެހައި ލަސްކަރީންނާއިގެން ދަތުރުފުޅަށް ނިކުންނަވައިފިއެވެ. އެތައް ދުވަހެއްވަންދެން ގާފިލާ ދަތުރު ކުރުމަށްފަހު ވަރަށް އުސް ފަރުބަދައެއްގެ ދޮށަށް ރަސްގެފާނަށް ނިކުމެވަޑައިގެންނެވުނެވެ. އަދި ކޮއިމަލާ ދެއްކި މަގުން އެ ފަރުބަދައިގެ އެންމެ މައްޗަށް އެރިއިރު އެތަނުގައިވަނީ ވަރަށް ބޮޑު ހޮހޮޅައެކެވެ. އެއީ ކޮއިމަލާ ދުށް ހަރުފަ ނިކުތް ހޮހޮޅަކަމުގައި ވުމުން އެތަނުގެ ތެރެއަށް ފައިބާކަށް އެއްވެސް މީހަކަށް ނުކެރުނެވެ. މިހެންވުމުން ރަސްގެފާނު އަމުރުފުޅު ކުރެއްވީ އެ ހޮހޮޅައިގެ ތެރެއަށް ފުރެންދެން ދަރު އެޅުމަށެވެ. މި އަމުރުފުޅު ތަންފީޒު ކުރުމަށްޓަކައި ރަސްގެފާނުގެ އަޅުން ގަސްގަސް ކަނޑައިގެން އައިސް އެ ހޮހޮޅައިގެ ތެރެއަށް ރެއާއި ދުވާލު ދަރު އަޅަން ފެށިއެވެ. އެ ހޮހޮޅައިގެ އަނގަމައްޗާ ހަމަޔަށް ދަރުތަށް އެރީ 3 މަސްދުވަސް ފަހުންނެވެ. ދެން އެދަރުތަކުގައި އަލިފާން ރޯކުރީއެވެ.

އެތައް ރެއަކާއި މަހެއް ވަންދެން އެ ފަރުބަދައިގެ ހޮހޮޅައިގެ ތެރޭގައި އަލިފާން އަނދައަނދައި ހުއްޓެވެ. މި އަލިފާން ގަނޑު ނިވި އޭގެ ސަބަބުން ދޮންވެފައިވާ ފަރުބަދައިގެ ހިލަތަށް ފިނިވުމަށްވެސް އެތަކެއް މައްސަރެއް ނެގިއެވެ. ފަރުބަދައިގެ ހިލަތަށް ފިނިވެ ހޮހޮޅަ އަމާންވުމުން އެތަނުގެ ތެރެއަށް ވަންނަން ކެރޭނީ ކާކަށްތޯ ރަސްގެފާނު ސުވާލުފުޅު ކުރެއްވުމުން ލަސްކަރީންގެ ތެރެއިން އެކަކަށްވެސް ހިލާ އެތަނަށް ވަންނާކަށް ނުކެރުނެވެ. މިހެންވުމުން އެ ހޮހޮޅައިގެ ތެރެއަށް ފޭބުމުގެ އިޒުނައަކަށް ކޮއިމަލާ އެދުނެވެ. އަދި އިސާހިތަކު ރަސްގެފާނުގެ ހުއްދަ ވިދާޅު ބަސްފުޅު އިއްވެވިއެވެ. ކޮއިމަލާ ކަލޯ އެ ހޮހޮޅައިގެ ތެރެއަށް ވަނުމަށްފަހު ޚަބަރެއް ނުވެ އެތަށް ގަޑިއިރެއް ފާއިތުވުމުން ރަސްގެފާނު ކަންބޮޑުފުޅުވެ އެކަމާ ހިތާމަފުޅު ކުރައްވާ ހާލުކޮޅުގައި ވަނިކޮށް ކޮއިމަލާ ނިކުމެއްޖެއެވެ. އަދި ރަސްގެފާނުގެ ކުރިފުޅު މައްޗަށް ހުއްޓުނު އިރު އަތުގައި ކުޑިތަކެއް ހުއްޓެވެ. އެއީ ކޮންއެއްޗެއްތޯ ރަސްގެފާނު ބެއްލެވިއިރު އެއީ ރަންކުނޑިއެވެ. އެތަކެތި ފެނުނީ ކޮންތާކުންތޯ ސުވާލު ކުރެއްވުމުން ޖަވާބުގައި ކޮއިމަލާ ދެންނެވީ މުޅި ހޮހޮޅަ ފުރާވަނީ އެ ކަމުގައެވެ. އަދި އިސާހިތަކު ރަސްގެފާނުގެ އަޅުންނާއި ލަޝްކަރީން އެތަނަށް ވަނުމަށް އަމުރުފުޅު ކުރައްވައި އެތަނުން ރަން ކުނޑިތަށް ނަންގަވަން ފެއްޓެވިއެވެ.

މިކަމުގެ ސަބަބުން އެރަސްގެފާނު ވެގެން ގޮސްފައިވަނީ އެޒަމާނުގައި މުޅި ދުނިޔޭގައި ހުންނެވި އެންމެ މުއްސަނދި ރަސްގެފާނު ކަމުގައެވެ. މިކަމުގެ މައްޗަށް އުފާކުރައްވާ ހާލުކޮޅުގައި ރަސްގެފާނު ހިތްޕުޅަށްއެރިއެވެ. ތިމަން މަނިއްޕުޅަށް މިހާ ތަނަވަސްކަމާއި އުފާވެރިކަން ގެނެސްދިން މި ވަފާތެރި އެކުވެރިޔާއަށް ހެޔޮކަމެއް ކޮށްނުދީ ނުވާނެވެ. ވީމާ ކޮއިމަލާ ކުރެން ބޭނުންވަނީ ކޮންކަމެއްތޯ ސުވާލު ކުރެއްވިއެވެ. ޖަވާބުގައި ކޮއިމަލާ ދެންނެވީ ތިމަން ބޭނުމީ ކަނޑުގައި ދުއްވާ ފަދަ ނަވަކާއި އެ ނާ ދުއްވާނޭ ފަޅުވެރީންނާއި އަދި މަނިއްޕުޅުގެ ޚަޒާނާއިން ކުޑަ ރަންކޮޅަކާއެވެ. އިސާހިތަކު އެކަންކަން ކޮއިމަލާއަށް ފުރިހަމަކޮށްދެއްވުމުން ރަސްގެފާނާއި އަލްވަދާއު ކިޔުމަށްފަހު ކޮއިމަލާ ކަލޯ އެ ސަހަރުން ފުރައިފިއެވެ.
ކޮއިމަލާ ކަލޯ އާއި އޭނާގެ ނަވުގެ ފަޅުވެރިނަށް ދަތުރުކުރަމުން އާދެވުނު ތަނަކީ މި ދިވެހިރާއްޖެއެވެ. އަދި ތިލަދުންމަތީ އިހަވަންދުއަށް ފައިބައި އެތަނުގައި ތިބުމަށްފަހު ގިރާވަރު މީހުންގެ ހުއްދަ ލިބިގެން މާލެއަށް ފައިބައި މާލޭގައި ރަސްކަމެއް އިއުލާން ކުރެއްވީއެވެ.
ސްޕެއިންގެ އިލްމުވެރިޔާ ޒެވިޔަރ ރޮމޭރޯ ފްރިއާސް އޭނާގެ "ފޯކް ޓޭލްސް އޮފް މޯލްޑިވްސް" ފޮތުގައި މި ވާހަކަ ލިޔުއްވާފައި މިވަނީ ފުވައްމުލަކު މެޓަ މުހައްމަދުގެ ގާތުން ފާތުމާފާނު މި ވާހަކަ ރިވާކުރި ގޮތަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮއިމަލާ ވާހަކައިގެ ތަފާތު ރިވާޔަތްތައް ކިޔައިއުޅެއެވެ. ވާހަކައިގެ މައިގަނޑަށް މާބޮޑު ބަދަލެއް އައިސްފައި ނެތަސް ކުދިކުދި ފަރަގުތަށް އެއްބަޔަކު ކިޔާ ގޮތާއި އަނެއްބަޔަކު ކިޔައި އުޅޭ ގޮތުގައި ހުރެއެވެ. ކޮއިމަލާ ވާހަކަ ކިޔާ ބައެއް މީހުން ކިޔައި އުޅޭ އެހެން ރިވާޔަތެއްގައި ވަނީ:

ކޮއިމަލާ ކަލޯއަށް މި ރަންފަރުބަދަ ފެނުމާއި އެކު ރަސްގެފާނުގެ ހިތްޕުޅުގައި އެ ރަންތައް މިލްކު ކުރެއްވުމުގެ ދަހިވެތިކަން އުފެދުނެވެ. އަދި އެކަން ކުރައްވާނެ ގޮތަކާއި މެދު އަރިހުބޭކަލުންނާއި މަޝްވަރާ ކުރެއްވުމުން އެބޭކަލުންގެ ތެރެއިން އެއްބައި ބޭކަލުން އެރުވި ޚިޔާލުފުޅަކީ އެކޮއި ގަތުލުކުރުމެވެ. އަނެއް ބަޔަކު ދެއްވި ޚިޔާލުފުޅަކީ ރަސްގެފާނުގެ އަންހެން ދަރިކަނބަލުންނާއި ކައިވެނިފުޅު ކުރުވުމަށްފަހު ކައިވެނީގެ ކަންތަށް ހަމަޖެއްސެވުމަށްޓަކައި އެރަންތަށް އަތުލެއްވުމެވެ. މިހެންވުމުން ރަސްގެފާނުގެ އަންހެން ދަރިކަނބަލުންނާއި ކޮއިމަލާއާ ކައިވެނި ކުރުއްވިއެވެ. އެހެނަސް އެ އަންހެންކުއްޖާ ކޮއިމަލާ ފެންނަ ހިސާބަކަށް ދިއުންވެސް ރަސްގެފާނު ވަނީ މަނާކުރައްވާފައެވެ. އަދި މިކަން މި ގޮތަށް ކުރެއްވުމަށްފަހު ރަންތައް ހިއްޕެވުމަށް ރަސްގެފާނު އުޅުއްވަން ފެއްޓެވުމުން ދެންވެސް ރަށުގެ ބޮޑުން އައިސް ދެންނެވި ބަހަކީ އަދިވެސް ކޮއިމަލާއާ މަނިއްޕުޅުގެ ދަރިކަނބަލުންގެ ކައިވެނިފުޅަކީ ސައްހަ ކައިވެނިފުޅެއް ކަމުގައި ނުބެލެވޭނެޔޭ! އެހެނީ އެދެބޭފުޅުން އެ އުޅުއްވަނީ ކައިވެނިވެގެން އުޅޭ މީހުން އުޅޭ ބީދައަކުން ނޫން ކަމުގައި ވާތީއެވެ.

ރަށުގެ ބޮޑުން މި ދެންނެވި ބަހުގެ ސަބަބުން އެންމެ ފަހުން ރަސްގެފާނު ގޮތް ހުސްވެ ކޮއިމަލާ ކަލޯ ދަރުބާރަށް ގެންނަވައި އެ ޚަޒާނާ ރަސްގެފާނަށް މިލްކުކޮށްދެއްވާނެ ގޮތަކީ ކޮބައިތޯ އެއްސެވިއެވެ. ޖަވާބުގައި ކޮއިމަލާ ދެންނެވި ބަހަކީ ކަނޑުގައި ދުއްވާ ބޮޑު ދެ ނާ ބަނދެދެއްވުމަށާއި އަދި އެ ދެ ނާ ފުރެންދެން ރަން ބަރުކޮށްދެއްވުމަށާއި އަޅުންނާއި މަސައްކަތް ކުރާނެ މީހުން އެއަށް ލެއްވުމަށްފަހު ރަސްގެފާނުގެ ދަރިކަނބަލުންނާއިގެން އެ ސަހަރުން ފުރުމުގެ ހުއްދަ ދެއްވުމަށެވެ. އޭރުން ބާކީ ހުރި ހުރިހާ ރަނަކީ ރަސްގެފާނުގެ އެއްޗެއްކަމުގައިވެސް ކޮއިމަލާ ދެންނެވިއެވެ. މިހެން ކޮއިމަލާ ދެންނެވުމުން ދުވަސްކޮޅެއްގެ ތެރޭގައި ރަސްގެފާނު އެކަންކަން ކޮށްދެއްވުމުން އެދެ ނަވާއިގެން މާކަނޑަށް ނިކުންނަވައި ދަތުރު ކުރައްވަމުން ކޮއިމަލާއަށް އާދެވުނު ތަނެއްކަމުގައި ވަނީ ރާއްޖެއެވެ. މި ރާއްޖެއިން ކޮއިމަލާ ފޭބެންނެވި ރަށަށް މި ކިޔަނީ ރަސްގެތީމު ކަމުގައި ވެއެވެ. އަދި އަޅުންނާއި މަސައްކަތު މީހުން ފޭބި ރަށަށް މި ކިޔަނީ އަޅުގެތީމު ކަމުގައި ވެއެވެ. ކޮއިމަލާއަށް މާލެ ދެއްކީ ދޫންޏެއް ކަމުގައިވެއެވެ. މި ދޫނި ފަހަތުން ކޮއިމަލާ ނަވުގައި ދަތުރުކޮށް މާލެޔާއި ހަމަޔަށް އާދެވުމުން އެދޫނި އަނބުރާލާފައި ދިޔައީ ކަމުގައިވެއެވެ. އެއިރު މާލެއަކީ ގިރާވަރު މީހުން މަސްބޭނުމަށްފަހު މަސްކެނޑުމަށް މަޑުކޮށް އުޅޭ ފިނޮޅެއް ޒާތުގެ ތަނެއްކަމުގައިވެސް ވެއެވެ. އެމީހުންގެ ގާތުން ހުއްދަ ލިބިގެން ކޮއިމަލާ ކަލޯ މާލެއަށް ފައިބައި ވަޒަންވެރިވީކަމުގައްޔާއި ގިރާވަރު މީހުން އެކަލޯ އާއި ރާއްޖޭގެ ވެރިކަން ހަވާލު ކުރެއްވީކަމުގައިވެސް ކިޔައިއުޅެއެވެ. މާލެ ކުރިމަތިން މި އޮންނަ ދޫނިދޫ އޭ ކިޔޭ ރަށަކީ ކޮއިމަލާ ކަލޯއަށް މާލެ ދެއްކި ދޫނި އެންމެ ފަހަށް ފެނުނު ރަށްކަމުގައިވެސް އިހުތިބީންގެ ދޫތަކުން ރިވާވަމުން އަންނަ ފޯކުލޯރުގައި ކިޔައި އުޅެއެވެ.

ހަމަ މިވާހަކައިގެ އެހެން ރައުޔެއްގައި ކިޔާ ގޮތުން ނަމަ:
ކޮއިމަލާ އަކީ މުޅިއަކުން އިންސާނެއް ނޫނެވެ. މި ވާހަކައިގައި ވާގޮތުންނަމަ އިންޑިއާގެ ރަސްކަލަކު ޝިކާރަޔަށް ނިކުންނަވައިގެން އުޅުއްވަނިކޮށް އިންސާނީ ސޫރަޔާއި ހައިވާނީ ސޫރަ އެކުވެފައިވާ އަޖައިބު ކުރުވަނިވި އެއްޗެއް އެ ރަސްގެފާނަށް ފެނިވަޑައިގެންނެވިއެވެ. އަދި ދާ ޖަހައިގެން އޭތި ހިފައި އެރަސްގެފާނު މި އަޖައިބު ކުރުވަނިވި އެއްޗަށް ހިނގާށާއި ވާހަކަ ދައްކަން ދަސްކޮށްދެއްވިއެވެ. އަދި ކޮއިމަލާ އޭ ކިޔާ ނަންވެސް ދެއްވިއެވެ. އެހެންނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ ރަސްގެފާނުގެ ދަރިކަނބަލުން ކޮއިމަލާ އާއި މާބޮޑަށް ހިތްޕުޅާވުމުން އެކަމާއި ރަސްގެފާނު ކޯފާ އިސްކުރައްވާފައި އެދެމަފިރި ކަނބަލުން އެރަސްގެފާނުން ނަވަކަށްލާފައި ފޮނުވާލެއްވީއެވެ. ދެން ކޮއިމަލާގެ ދެމަފިރި ކަނބަލުންނަށް އާދެވުނު ތަނަކީ ރާއްޖެއެވެ.

އާދެ ތަނެއްގެ ތާރީޚު ދިރާސާކުރާ މީހަކަށް އެންމެ މުހިންމުކަން ބޮޑު އެކައްޗަކީ އެ މުޖުތަމައެއްގެ ތެރޭގައި ކިޔައި އުޅޭ ފުލޯކު ވާހަކަތަކެވެ. އެ ވާހަކަތަކުގެ ޒަރީއާއިން ތާރީޚު އިލްމުވެރިން އެ މުޖުތަމައެއްގެ އަސްލު ހޯދައިގަނެއެވެ. އެބަޔަކު އެތަނަކަށް އައި ގޮތަކާއި އެތަނެއްގައި ވަޒަންވެރިވީ ކޮން ނަސްލެއްގެ ބައެއްކަމާއި ކޮން ގަބީލާއެއްގެ ބައެއްކަންވެސް ހޯދައިގަނެއެވެ. އެގޮތުން ރާއްޖޭގައި ކިޔަމުން މި އަންނަ " ކޮއިމަލާ ކަލޯ" ވާހަކައަކީ މި އުސޫލުން ވަރަށް މުހިންމު ވާހަކައެކެވެ.

ތާރީޚު ދިރާސާކުރައްވާ ބޭފުޅުންގެ މެދުގައި ކޮއިމަލާ ވާހަކައާއި މެދުގައި އިޚްތިލާފު އުފެދިފައިވެއެވެ. އެއްބަޔަކު ދެކޭ ގޮތުގައި މިއީ ސްރީލަންކާއަށް ސިންގަޅަ ދަރިކޮޅު އައި ގޮތާއި ބެހޭގޮތުން ސިންހަޅަ ފޯކުލޯރުގައި ކިޔާއުޅޭ ޕްރިންސް ވިޖާޔާގެ ވާހަކަ ދިވެހިން ކިޔާ ގޮތެވެ. ސްރީލަންކާއިން މި ރާއްޖެއަށް ވަޒަންވެރިވުމަށް އެކި ގޮތްގޮތުން އައި ސިންގަޅަ ދަރިކޮޅުގެ މީހުންގެ ފުށުން މި ވާހަކަ ނަގުލުވެގެން އައީ ކަމުގައި އެބޭކަލުން ދެކިލައްވައެވެ. މި ރައުޔަށް ތާއީދު ކުރައްވާ ބޭކަލުންގެ އަރިހުގައި ރާއްޖޭގައި ދައުލަތެއް ގާއިމުވެގެން ދިޔައީ ސިލޯނުކަރައިން އައި ސިންގަޅަ ދަރިކޮޅުގެ ބައެއްގެ ފުށުންނެވެ. އޭގެ ކުރީގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަދުމަދު މީސްކޮޅުތަކެއް އުޅެމުން ދިޔަ ކަމުގައި ވިޔަސް މި އެންމެހައި ބަޔަކު އެއްބައިކުރައްވައި އެ އުޅެމުން ދިޔަ ބައެއްގެ މައްޗަށް ވެރިކަމެއް އިއުލާނު ކުރެއްވީ ސްރީލަންކާއިން އައި ސިންހަޅަ ދަރިކޮޅުގެ ބައެކެވެ. މިކަމުގެ އެންމެ ބޮޑު އެއް ދަލީލަކީ ކޮއިމަލާ ކަލޯ ވާހަކައާއި ސްރީލަންކާގެ ޕްރިންސް ވިޖަޔާގެ ވާހަކައާ އަޅައިކިޔާއިރު ދެވާހަކައިގައި މާބޮޑެތި ފަރަގުތަކެއް ފެންނަން ނެތުންކަމުގައި އެބޭބޭފުޅުން ދެކިވަޑައިގަންނަވައެވެ.

އަނެއްބައި ބޭފުޅުންގެ ރައުޔުގައި ކޮއިމަލާ ވާހަކައަކީ ސިންގަޅައިން ރާއްޖެ އައުމުގެވެސް ކުރީގެ ވާހަކައެކެވެ. އެއީ އިންޑިޔާއިން މި ރާއްޖެއަށް މީހުން ހިޖުރަކުރި ކުރުމާއި ގުޅޭ ވާހަކައެއްކަމަށްވެސް އެބޭފުޅުން ދެކިވަޑައިގަންނަވައެވެ. އެވާހަކައަކީ އިންޑިޔާއިން ޑްރެވީޑިޔަނުންގެ މީހުން މި ރާއްޖެއަށް ހިޖުރަކުރި ކުރުމާއި ގުޅިފައިވާ ވާހަކައެއްކަމަށްވެސް އެބޭފުޅުން ދެކިވަޑައިގަންނަވައެވެ. ޒަމާން ދިގުވެ ދޫތަކުން ވާހަކަ ނަގުލުކުރި ކުރުމުގައި އެތައް ވާހަކަތަކެއް އެކުވެ އެއް ވާހަކައެއްގެ ގޮތުގައި ބަދަލުވީއެވެ. އެތައް ވާހަކައެއް އެކުވީކަމަށް މި ދެންނެވީ ޖުމްލަ ތިން ޒަމާނެއްގައި ހިނގާފައިވާ ތިން ހާދިސާއަކާ ގުޅޭ ތިން ވާހަކައެއް އެކުވި އެކުވުމުގެ މައްޗަށެވެ. އިންޑިޔާގެ ޑްރެވީޑިޔަނުން ރާއްޖޭގައި ވަޒަންވެރިވީ ހާދިސާއާއި ސިލޯނުގެ ސިންގާ ދަރިކޮޅު މީހުން މިރާއްޖޭގައި ވަޒަންވެރިވި ހާދިސާއާއި އަދި ރާއްޖެ އިސްލާމުވީ ހާދިސާއެވެ.

ދިވެހިރާއްޖޭގައި ސިންގާ ދަރިކޮޅުގެ މީހުން ވަޒަންވެރިވުމުގެ ކުރީގައި ދިރިއުޅެމުން އައީ ދެކުނު އިންޑިޔާގެ ޑްރެވީޑިޔަނުންކަން ވަރަށް ގިނަ ތާރީޚު އިލްމުވެރިންގެ ބަސްތަކުން އެނގެއެވެ. އެބަޔަކު ރާއްޖެއަށް ހިޖުރަކުރި ގޮތަކަށް ހިޖުރަކުރިއިރު އެބަޔަކު އަންނާނީ އެއައި ތަނެއްގެ ދީނާއި ދީނީ ގަބޫލުކުރުންތަކާއި ސަގާފަތާއި އާދަކާދަތައް ހިފައިގެންކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ. މިކަމުގެ ދަލީލުތައްވެސް ދިވެހި ތާރީޚުން ފެންނަން އެބަހުއްޓެވެ. އެގޮތުން ރާއްޖޭގައި އެ ޒަމާނުގެ އިންޑިޔާގެ ޑްރެވީޑިޔަނުން ގަބޫލުކޮށް އުޅުނު އެތައް ދީނީ އަގީދާއެއްގެ އަސަރުތަށް އަޅުގަނޑުމެންގެ އާސާރުތަކުންވެސް ފެންނަން އެބަހުއްޓެވެ. މި ރާއްޖޭގައި އެންމެ އެވޭލާ ޒަމާނުގައި އޮތް އަންހެނުން ބާރުވެރި ސަގާފަތަކީވެސް ދެކުނު އިންޑިޔާގެ ޑްރެވީޑިޔަނުން ތެރޭގައި އޮތް ސަގާފަތެކެވެ. އަދި މި ނޫނަސް މިފަދަ ކިތަންމެ ކަމެއް އަޅުގަނޑުމެންގެ ތާރީޚުގެ ތެރެއިން ފެންނަން އެބަހުއްޓެވެ. ހަރުދަނާ ދިރާސާއެއް ކުރެވިއްޖެނަމަ މިހާރު ފެންނަން މިހިރަ ޑްރެވީޑިޔަން އަސަރުތަކުގެ އިތުރަށް ކިތަންމެ އާ ކަންކަމެއް ހޯދޭނެކަމީ ޝައްކެއްވެސް އޮތްކަމެއްނޫނެވެ.

ކޮންމެ ގޮތަކުން ނަމަވިޔަސް އާދެވުނު ގޮތަކުން ރާއްޖެ އައިސް މި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޒަންވެރިވެ ދިރިއުޅެމުންދިޔަ ޑްރެވީޑިޔަނުންގެ އެކި ގަބީލާތަކުގެ މައްޗަށް ފުރަތަމަ ވެރިކަމެއް އިއުލާނުކޮށް ދައުލަތެއް ގާއިމުކުރެއްވި ފުރަތަމަ ބޭފުޅަކީ ކޮއިމަލާކަމުގައިވުން އެކަށީގެންވެއެވެ. މި ކޮއިމަލާއަކީ އެވޭލާ ޒަމާނުގައި ދެކުނު އިންޑިޔާގެ ނަޔަރު ދަރިކޮޅުގެ މީހުންގެ ތެރޭގައި އޮތް ލަގަބެއް ކަމުގައިވާ ކައިމަލްގެ ދަރަޖަ ދެވިފައިވާ ބޭފުޅެއް ކަމުގައިވުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެކެވެ. ކައިމަލްއަކީ އެޒަމާނުގައި އިންޑިޔާގެ މަލަޔާލަމް/ތަމަޅަ ރަސްރަސްކަލުން ދެއްވަވާ ޚާއްސަ ލަގަބުފުޅެކެވެ. ވީމާ އެފަދަ ލަގަބެއް ދެއްވަވާފައި ހުރި ކައިމަލެއް ކޮންމެވެސް ސަބަބަކާއި ހުރެ އިންޑިޔާ ދޫކޮށް ފުރައިގެން ދަތުރުކުރަނިކޮށް ރާއްޖެ އާދެވުމަކީވެސް ދުރުގައިވާނޭ ކަމެއް ނޫނެވެ. އަދި އެފަދަ މަތީ ދަރަޖައިގެ ބޭފުޅަކު ރާއްޖެ ވަޑައިގަތުމުން އެއިރު މިތަނުގައި ދިރިއުޅެމުން ދިޔަ އެއަށްވުރެ ދަށު ދަރަޖައިގެ ޑްރެވީޑިޔަނުންގެ މައްޗަށް އަމިއްލަފުޅު ވެރިކަމެއް ގާއިމުކުރެއްވުމަކީވެސް ދުރުގައިވާކަމެއް ނޫނެވެ. މަލަޔާލަމް ބަހުގެ އެންމެ ބޮޑު އެއް ބަސްފޮތް ކަމުގައިވާ ސަބްދަތަރަވާލީގައި "ނަޔަރު" ގެ މާނައަކަށް ލިޔެފައި އޮންނަނީ އެއީ މަލަޔާލީ ހަނގުރާމަވެރީންނަށް (ކޝަތިރިޔާއިންނަށް) ކިޔާ އުޅޭ ނަމެއް ކަމުގައެވެ. އަދި އެއީ އެބިމުގެ ވެރިންކަމުގައިވެސް ލިޔެފައިވެއެވެ. ނަޔަރު ދަރިކޮޅުގެ މީހުންނަށް ކިޔާ ކޝަތިރިޔާ އަކީ ދިވެހިރާއްޖޭގެ ރަސްރަސްކަލުންގެ ކޮލީ ނަންފުޅުގައިވެސް ބޭނުން ކުރެވިފައިވާ ނަމެކެވެ. އާދެ، ކައްތިރީގެ ގޮތުގައެވެ. އަދި އިސްވެ ބަޔާންކުރެވުނު ވާހަކަތަކުގައި އަންނަ ގިރާވަރު މީހުންގެ އަސްލު ގުޅެނީވެސް ދެކުނު އިންޑިޔާގެ ތަމަޅަ ދަރިކޮޅާ ކަމަށް ބުނެވެއެވެ.

ދިވެހިރާއްޖޭގެ ތާރީޚުގެ ފެންނަން ހުރި ލިޔުންތައް ބޮޑަށް ލިޔެވިފައި ހުރީ ދިވެހިރާއްޖެ އިސްލާމްވީ ފަހުންނެވެ. އޭގެ ކުރިން ހުރި ގިނަ ލިޔުންތައްވަނީ ނެތިގެން ގޮސްފައެވެ. ނުވަތަ އަދި ނުހޯދިއެވެ. ކޮންމެއަކަސް ފެންނަން ހުރި ލިޔުންތަކުގެ ތެރޭގައި ހިމެނޭ އެއް ލިޔުންކަމަށްވާ ރަސްރަސްކަލުންގެ ތާރީޚު ލިޔެފައިވާ ރާދަވަޅީގައި ލިޔެފައިވާ ގޮތުން ދިވެހިރާއްޖޭގެ ރަސްކަން ފެށެނީ ކޮައިމަލާއާ ހިސާބުންނެވެ. ނަމަވެސް އޭގައި ކޮައިމަލާ ނުވަތަ ކޭމަލެއި ކަލޯ ކަމަށް ބަޔާންވެފައި އޮތީ ތީމުގޭ ދަރިކޮޅުން ދިވެހިރާއްޖޭގެ ފުރަތަމަ މުސްލިމް ރަދުންގެ ކުރިން ރަސްކަންކުރެއްވި ރަސްގެފާނު ކަމުގައި ހައްދަވާފައެވެ. އެހެންނަމަވެސް މަތީގައި ބަޔާންކުރެވުނު ލިޔެކިޔުންތަކުން ފެންނަން ހުރި ހެކިތަކުން ދަލީލު ލިބެނީ ކޮައިމަލާ ކަލޯއަކީ އެޔަށްވުރެ މާކުރީގެ މީހެއް ކަމެވެ. ދިވެހިރާއްޖޭގައި ރަސްކަމެއް ގާއިމުކުރެއްވި ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ހެއްދެވި ރާއްޖޭގެ ބާނީއަކީ ކޮައިމަލާ ކަލޯ ކަމަށްވާތީ އޭނާގެ ނަން ރާދަވަޅީގައި ކުރިޔަށް ގެނައުމަށްޓަކައި އެނަން ލިޔުނީ ކަމަށްވެދާނެއެވެ.

ކޮންމެއަކަސް ކޮއިމަލާ ކަލޯ ގާއިމުކުރެއްވި ރަސްކަން 1968 ވަނަ އަހަރުގެ ނޮވެންބަރު 11 ވަނަ ދުވަހާ ޖެހޭންދެން ދެމިގެން އައެވެ. ދޭތެރެއަކުން 1953 ގައި ކުޑަ މެދުކެނޑުމަކަށް ފަހުގައެވެ. 1968 ގައި ރަސްކަން ނިމުނެއް ކަމަކު އޭނާ އުފެއްދެވި ގައުމު އެގޮތުގައި، ގައުމުގެ ސަރަހައްދައް މާބޮޑު ބަދަލެއް ނައިސް ކުރިޔަށް އެބަދެއެވެ. މުޅި ދެކުނު އޭޝިޔާގައިވެސް އޮތް އެންމެ މުސްކުޅި ގައުމުގެ ގޮތުގައެވެ.

އެޑިޓަރުގެ ނޯޓް: މުހައްމަދު ނާޖިހް އަކީ ގާނޫނީ ވަކީލެކެވެ. މިހާރު މަސައްކަތް ކުރައްވަނީ ހެރިޓޭޖް މިނިސްޓްރީގެ ރިސާޗް އެނަލިސްޓް ގެ މަގާމުގަ އެވެ. އަމިއްލަ ގޮތުން ވެސް، ދިވެހިރާއްޖޭގެ ތާރީޚު ދިރާސާކުރައްވައި އެ މައުލޫމާތު އެއްކުރައްވައި އެ ދާއިރާއިން ރައްޔިތުން ހޭލުންތެރިކުރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވައެވެ. މީގެ އިތުރުން އޭނާއަކީ، ދިވެހި ބަހުގެ ދިރާސާތައްވެސް ކުރައްވާ، ބަހަށް ހޭލުންތެރިކުރުވުމަށް ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އޭނާއަކީ ދިވެހި ބަހުގެ އެންމެ ބޮޑު މީސްމީޑިއާ ޕްލެޓްފޯމްކަމަށްވާ ބަސް ޖަގަހައިގެ ވެސް އެއް ފައުންޑަރ މެންބަރެވެ.